ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 14:58
މަހުލޫފު އާންމުންނާ އެކު
މަހުލޫފު އާންމުންނާ އެކު
ރާއްޖެ އެމްވީ
އަހުމަދު މަހުލޫފު
ޓްވީޓަކާ ގުޅިގެން މަހުލޫފަށް ކުރި ދައުވާ ކުރިއަށް ގެންދަން ނިންމައިފި
 
ދައުވާ ކުރިއަށް ނުގެންދެވޭނެ: ދިފާއީ ވަކީލުން
 
ދައުވާ ސާފެއް ނުވޭ، އެކަމަކު އިބާރާތް ސާފު: މަހުލޫފު
 
މަހުލޫފު ދެކޮޅެއް ނަހައްދަވާ

ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި މަރަނީ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅިގެން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަން އެ މައްސަލަ ބައްލަވާ ގާޒީ ނިންމަވައިފިއެވެ.

މަހުލޫފުގެ މައްޗަށް އުފުލާފައި ވަނީ ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާއެވެ. އެ ދައުވާ މަހުލޫފުގެ މައްޗަށް އުފުލީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ސްރީލަންކާގައި ހުންނަވައި މަހުލޫފު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. މަހުލޫފު ކުރެއްވި ޓްވީޓްގައި ވަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށެވެ. އެކަށީގެންވާ ފަރުވާ ނުދީ ގައިދީން މަރަނީ ކަމަށާއި އަހަރެއްގެ ތެރޭގައި 10 ގައިދީން މަރުވުމުން އެއީ ސީރިއަސް މައްސަލައެއް ކަމަށް މަހުލޫފު ޓްވީޓު ކުރައްވާފައިވެއެވެ.

 

އެ މައްސަލާގައި އާދީއްތަ ދުވަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އާދަމް އަލީ ނިންމެވީ އެ ދާއުވާއަކީ މަހުލޫފުގެ މައްޗަށް ކުރެވިދާނެ ދައުވާއެއް ކަމަށާއި އެ ދައުވާގެ ޝަރީއަތް އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ގާޒީ އެގޮތަށް ނިންމެވުމުގެ ކުރިން މަހުލޫފުގެ ގާނޫނީ ވަކީލު ހައްސާން އަހުމަދު ވިދާޅުވީ މަހުލޫފު ކުރެއްވީ ޓްވީޓެއް ކަމަށާއި އޭނާ ދައުލަތުގެ އިދާރާއަކަށް މައުލޫމާތެއް ނުދެއްވާ ކަމަށެވެ. ނަމަވެސް މަހުލޫފުގެ މައްޗަށް އުފުލާފައި ވަނީ ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާ ކަމަށާއި ދައުލަތުގެ އިދާރާއަކަށް މަހުލޫފު މައުލުމާތު ދެއްވި ގޮތެއް އެނގެން ނެތް ކަމަށް ހައްސާން ވިދާޅުވިއެވެ.

ދިފާއީ ވަކީލުގެ ވާހަކަތަކަށް ރައްދު ދެއްވައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލު ޝުކުރުﷲ ޝަކީލު ވިދާޅުވީ މަހުލޫފު ޓްވީޓް ކުރެއްވީ އާންމުކޮށް ހުޅުވާލައިގެން ކަމަށާއި އެހެންކަމުން އެ މައުލުމާތު ހުރިހާ ފަރާތްތަކަށް ވެސް ދެވުނީ ކަމަށެވެ. މައުލޫތު ދިން ގޮތަކީ އެއްވެސް ގާނޫނެއްގައި މާނަކޮށްފައިވާ ކަމެއް ނޫން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މަހުލޫފު ގޭ ބަންދުގައި ހުއްޓާ ކޯޓަށް ހާޒިރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތުގައި އޭނާ ވިދާޅުވީ ދައުވާ އޭނާއަށް ސާފު ނުވާ ކަމަށެވެ. ސާފު ނުވާ ސަބަބަކީ ދައުލަތުގެ އިދާރާއަކަށް އޭނާ މައުލޫމާތު ދެއްވި ކަމަށް ބުނާއިރު، އެފަދަ މައުލުމާތެއް ދައުލަތުގެ އިދާރާއަކަށް ނުދެއްވާ ކަމަށާއި އޭނާ ކުރެއްވީ ޓްވީޓެއް ކަމަށެވެ.

ދައުވާގައި ބުނާ ޓްވީޓް ކުރެއްވި ކަމަކަށް މަހުލޫފު އިންކާރެއް ނުކުރައްވައެވެ. މަހުލޫފު ވަނީ ޝަރީއަތުގައި އެ ޓްވީޓު ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި ދައުވާގެ އިބާރާތް ސާފުވާ ކަމަށް މަހުލޫފު ވިދާޅުވުމާއެކު، ގާޒީ ނިންމެވި ދައުވާ ސާފުވެއްޖެކަން ކަނޑައަޅައި ދައުވާގެން ކުރިއަށް ދިއުމަށެވެ.

ހޯމަ ދުވަހު ބޭއްވި ޝަރީއަތް ނިންމަވާލެއްވީ އެ މައްސަލާގައި އަންނަ މަހު ޝަރީއަތެއް ބޭއްވުމަށް ނިންމެވުމަށް ފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
100%
0%
0%
ކޮމެންޓް