ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 11:22
ކުރީގެ ރައީސް މައުމޫން (މ)، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ފަަނޑިޔާރު އަލީ ހަމީދު (ކ)ގައި
ކުރީގެ ރައީސް މައުމޫން (މ)، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ފަަނޑިޔާރު އަލީ ހަމީދު (ކ)ގައި
މުހައްމަދު ޝަރުހާން
ރައީސް މައުމޫނާއި ފަނޑިޔާރުން
ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު
 
އަޑުއެހުން އޮތީ މިއަދު 15:00 ގައި
 
އެ ތިން ބޭފުޅުންވެސް ހައްޔަރު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު
 
އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ވަނީ ވަކީލެއް ހަމަޖައްސަން 10 ދުވަސް ދެއްވާފައި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ އިބްތިދާއީ އިތުރު އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހަށް ތާވަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހުގެ 15:00 ގައި ބާއްވާ މި އިބްތިދާއީ އަޑުއެހުމަކީ ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން ބާއްވާ އަޑު އެހުމެކެވެ.

އެންމެފަހުން މިމައްސަލާގައި އަޑުއެހުމެއް ބާއްވާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެއީ އެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމެވެ. މިއަޑުއެހުމުގައި މައްސަލަ ބައްލަވާ އެ ކޯޓުގެ އިސް ގާޒީ އާދަމް އާރިފު ވަނީ މައްސަލައިގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާ އެކު ތޯ ތިން ބޭފުޅުން ކިބައިން ވެސް ސާފު ކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަޑުއެހުމެއް އޮންނަކަން އެނގުނީ ވަރަށް ކުއްލި ގޮތަކަށް ކަމަށާއި އެވަގުތު ކޮޅުގެ ތެރޭގައި ވަކީލަކު ހަމަޖައްސަން ފުރުސަތު ލިބިވަޑައިނުގެންނެވި ކަމަށެވެ. އަދި ވިދާޅުވީ ހާޒިރުކުރެވިފައި ވަނީ ކޮން މައްސަލައެއްގައި ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެދޭ ކަމަށެވެ. އަލީ ހަމީދު ވެސް ވިދާޅުވީ އެމަނިކުފާނަށް ވެސް ކޯޓަށް ހާޒިރުވާން ޖެހޭކަން އެނގިވަޑައިގަތީ ކުއްލި ގޮތަކަށް ކަމަށާއި ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް މައުމޫނު ވިދާޅުވީ އެމަނިކުފާނަށް ވަކީލެއް ހަމަޖެއްސުމަށްޓަކައި އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށާއި 15 ދުވަހުގެ މުއްދަތެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ގާނޫނުގައިވާ ގޮތުން ވަކީލަކު ހަމަޖައްސަން އެންމެ ގިނަ ވެގެން ދެވޭނީ 10 ދުވަސް ކަމަށާއި އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި ވެސް ވަކީލަކު ހަމަނުޖެއްސޭ ފަދަ މަގުބޫލު އުޒުރެއް ދިމާވެއްޖެ ނަމަ ފަހުން އެ މުއްދަތު އިތުރު ކޮށްދެވިދާނެ ކަމަށެވެ.

ތިން ބޭފުޅުން ވެސް ވަކީލަކާ އެކު ކުރިއަށްދާން ބޭނުން ވާތީ 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ގާޒީ ވިދާޅުވީ އެ ބޭފުޅުންނަށް ވަކީލުން ހަމަޖެއްސުމަށް ފުރުސަތު ދިނުމުގެ ގޮތުން އާއިލާއާ ބައްދަލު ކުރެވި އަދި ވަކީލުންނާ ބައްދަލު ކުރެވޭނެ ގޮތެއް ހަމަޖައްސަން އެ ބޭފުޅުން ބެލުމުގެ ދަށުގައި ތިބޭ މީހުންގެ ގާތު ވެސް އެދޭނެ ކަމަށެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ހިފައި ގާނޫނާ ހިލާފަށް ވެރިކަން ބަދަލު ކުރަން އުޅުނު ކަމަށް ބުނެ އަލީ ހަމީދާއި އަބްދުﷲ ސައީދު ހައްޔަރުކޮށް އެހެން ދައުވާތައް ވެސް ވަނީކޮށްފައެވެ. އެ ދައުވާތަކުގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

މިތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމް ދައުވާއެއްވެސް ކޮށްފައިވާއިރު އެ ދައުވާތަކުގެ އަޑުއެހުން އަދި ނުފަށައެވެ. އެހެން ނަމަވެސް މި ތިން ބޭފުޅުން ވެސް ތިއްބެވީ އެ ބޭފުޅުންގެ މައްޗަށް ކޮށްފައިވާ ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް