ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 23:17
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ވަނީ ކުރިއަށްގެންގޮސްފަ
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ވަނީ ކުރިއަށްގެންގޮސްފަ
މުހައްމަދު ޝަރުހާން
އުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރިއިރު، ގާޒީއަށް ވެސް އެކަން ނޭނގޭ!
 
އަވަހަށް ކުރިއަށް ގެންދިއުމަށް އަމާޒު ހިފާފައި
 
ޝަރީއަތް ދެ ގަޑިއިރަށް ކުރިއަށް ގެންދިޔަ
 
ކުށް ސާބިތު ކުރަން ސިއްރު ހެކި ހުށަހަޅާ

ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ކުށުގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކުރިއަށް ގެންދިޔަ ގާޒީ ބަދަލުކުރިކަން، އެ މައްސަލަ އަލުން ބައްލަވަން ފެއްޓެވި ގާޒީއަށް ނޭނގޭކަން ހާމަވެއްޖެއެވެ.

ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުން އެންމެ ފުރަތަމަ ހިންގެވީ ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އަލީއެވެ.

އާދީއްތަ ދުވަހު ބޭއްވި އަޑު އެހުމުގައި ދިފާއީ ވަކީލް، ހިސާން ހުސައިން ވަނީ ފަނޑިޔާރު ބަދަލުކުރި ސަބަބު އޮޅުން ފިލުވައިދިނުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ. އަދި އެކަން ކުރީ ދައުލަތުން އެދިގެންތޯ ހިސާން ސުވާލު ކުރެއްވިއެވެ.

އެކަމާ ގުޅިގެން ގާޒީ އިބްރާހިމް އަލީ ވިދާޅުވީ މީގެ ކުރިން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވިކަން އެނގިފައިނުވާ ކަމަށެވެ. ގާޒީ އެހެން ވިދާޅުވާން ފެއްޓެވުމާއެކު، ކޯޓުގެ އިދާރީ މުވައްޒަފަކު ތެދުވެގެން ގޮސް، ގާޒީ އަރިހުގައި އެ މައްސަލަ ކުރިން ހިނގައިދިޔަ ގޮތް އޮޅުންފިލުވައި ދިނެވެ.

އެއަށްފަހު ގާޒީ ވިދާޅުވީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ކުރިން ބޭއްވި ކަމަށް މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަ އެމަނިކުފާނުގެ ސެކްޝަނަށް ހުށަހަޅާފައި ވަނީ އަލަށް ކަމަށެވެ. އަދި އެ މައްސަލަ އެހެން ގާޒީއަކު ބެއްލެވިކަން ކޯޓުގެ ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ފެށިގެން ނިމެންދެން ބައްލަވާނީ އޭނާ ކަމަށް ގާޒީ ތަކުރާރުކޮށް ވިދާޅުވިއެވެ. ގާޒީ ބަދަލު ކުރެއްވި ސަބަބު އޮޅުން ފިލުވައި ދިނުމަށް ދިފާއީ ވަކީލުންގެ އެކި ފަހަރުމަތިން އެދިވަޑައިގަތުމުން، ގާޒީ ވިދާޅުވީ "ނިމުމާ ހަމައަށް" އެ މައްސަލަ ބައްލަވާނީ އޭނާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ބަދަލު ކުރަން ދައުލަތުން ކޯޓުގައި އެދިފައިވޭތޯ ހިސާން ކުރެއްވި ސުވާލާ ގުޅިގެން، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލާ ޝަމްލާ ޝަމީމް ވިދާޅުވީ އެ ސުވާލަކީ ދައުލަތާ ކުރެވިދާނެ ސުވާލެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އާދީއްތަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ދައުވާ އިއްވުމަށްފަހު، ދައުވާ ސާފުވެތޯ އެމަނިކުފާނު އަރިހުން ގާޒީ ސުވާލު ކުރެއްވިއެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ޖަވާބުދާރީވެ ވަޑައިގަންނަވަމުން ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ދައުވާ ސާފު ނުވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލީ ގަވާމެންޓް އީލެޓާ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް، ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅޭ ގޮތަށް އެ ސިސްޓަމްގެ ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އެންގި ކަމަށް ބުނެއެވެ. ޖެމްސްގެ ހިދުމަތް މެދުކަނޑާލަން ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް އުއްތަމަ ފަނޑިޔާރު އެންގެވީ މި އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު ކަމަށް އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާގައިވެ އެވެ.

ދައުވާ ސާފު ނުވާ ކަމަށް ބުނެ، ދިފާއީ ވަކީލުން ވިދާޅުވީ އެ ދައުވާ ކުރަނީ ގާނޫނުލް އުގޫބާތުގައި ބުނާ ކޮން ކުށަކާ ގުޅިގެން ކަމެއް ސާފު ނުވާ ކަމަށެވެ. އަދި ގާނޫނީ ގޮތުން ކުށުގެ ބާވަތް ދައުލަތަށް ސާފުކޮށްދެވިފައި ނުވާ ކަމަށް ވަކީލުން ވިދާޅުވިއެވެ. އަދި ދައުވާ އުފުލުމަށްފަހު، ދައުވާއާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ދައުވާ ލިބޭ ފަރާތަށް ލިބެންޖެހޭނެ ކަމަށް ބުނެފައިވިޔަސް، ބައެއް ލިޔެކިޔުންތައް ސިއްރުކޮށްފައިވާ ކަމަށް ދިފާއީ ވަކީލުން ވިދާޅުވިއެވެ.

ސިއްރު ހެކިންގެ ބަޔާންތައް ސިއްރު ކުރުމަށް އަމުރު ކުރެއްވުމަށްފަހު، މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ނިންމެވީ މަދަނީ މިންގަނޑުން އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އާދީއްތަ ދުވަހުގެ އިރުއޮއްސި 6:30ގެ ފަހުން ފެށި އެ އަޑުއެހުން ރޭގަނޑު 8:30އާ ހަމައަށް ކުރިއަށް ގެންދިޔައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް