ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 23:20
 ނޫސްވެރިޔާ އަހުމަދު ރިލްވާން އޭނާގެ މަންމައާ އެކު ނަގާފައިވާ ފޮޓޯއެއް
 ނޫސްވެރިޔާ އަހުމަދު ރިލްވާން އޭނާގެ މަންމައާ އެކު ނަގާފައިވާ ފޮޓޯއެއް
ގޫގުލް
ރިލްވާން ވަގަށް ނެގުން
ހުޅުމާލެއަށް ގެންދިޔައީ އާލިފްގެ ކާރެއް ކަމަށް ގެންދިޔަ މީހުނަކަށް ނޭނގޭ!
 
ކާރު ދޯންޏެއްގައި ގެންގޮސް ދިން މީހާއަށް އެއީ ކާކު ކާރުކަމެއް ނޭނގޭ
 
އާދިއްތަ ދުވަހު ދެ މީހެއްގެ ހެކިބަސް ވަނީ ނަގާފައި

ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވިކަމުގެ ދައުވާ ލިބޭ އާލިފް ރައޫފްގެ ކާރެއް ހުޅުމާލެ އަށް ގެންދިއުމުގައި ބައިވެރިވި ކަމަށް ދައުލަތުން ބުނާ މީހުންގެ ހެކިބަސް ނަގައިފި އެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށްބުނެ ދެމީހެއްގެ މައްޗަށް ހިންގަމުންދާ ޝަރީއަތުގައި ހެކިބަސް ނެގުމަށް އާދިއްތަ ދުވަހު ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ. މި އަޑުއެހުމުގައި ދެ މީހެއްގެ ހެކިބަސްވަނީ ނާގަފަ އެވެ. ދައުލަތުން އެ ދެ މީހުން ހެކިންގެ ގޮތުގައި ހުށަހެޅީ އާލިފްގެ ކާރު ހުޅުމާލެ އަށް ގެންދިޔަ ކަން ސާބިތު ކުރުމަށެވެ.

ގަދަކަމުން ރިލްވާން ފޮރުވާފައިވާ ކަމަށް ބުނެ ދައުލަތުން ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރީއަތް ހިނގަނީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. މި މައްސަލައިގައި ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށްވެސް އެ ދައުވާ ކޮށްފައިވެއެވެ. އެހެން ނަމަވެސް ސުއައިދު ރާއްޖޭގައި ނެތް ކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ދައުލަތުން މީގެ ކުރިން ކޯޓްގައި ވަނީ ބުނެފައެވެ. އެހެން ކަމުން މި މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ އޭނާ ނުހިމަނައެވެ.

އާދިއްތަ ދުވަހު ކޯޓުގައި ހެކިބަސް ދިން ދެ މީހުން ބުނީ ކޮންމެ ވެސް ވަރަކަށް އާލިފާއި ނޫރައްދީން ދަންނަ ކަމަށެވެ. އޭގެ ތެރެއިން ހެކިބަސްދިން ފުރަތަމަ މީހާ ބުނީ ދޯނި ކުއްޔަށް ހިފައިގެން އާންމުކޮށް ވިޔަފާރީގެ އުސޫލުން ހުޅުމާލެ އަށް ކާރު ގެންގޮސްދީ އުޅޭ ކަމަށާއި ވަނަމަކަށް "އައްކޮ" ކިޔާ މީހަކު ބުނެގެން ހުޅުމާލެ އަށް ކާރެއް ގެންގޮސްދީފައިވާނެ އެވެ. އެކަމަކު އެއީ ކާކުގެ ކާރެއް ކަމެއް އަދި އެ ކާރު ގެންދިޔައީ ކޮން އިރަކު ކަމެއް ވެސް އޭނާ ހަނދާނަކު ނެތް ކަމަށް ބުނިއިރު އެއީ ކޮން ކުލައިގެ ކާރެއް ކަމެއް ވެސް އޭނާއަކަށް ބުނެ ނުދެވުނެވެ.

އޭނާ އިތުރަށް ބުނީ އަހަރުތަކެއް ކުރިން ނޫރައްދީން ހުޅުމާލޭގައި ކާރެއް ދުއްވި ކަމަށާއި އެއީ ރީނދޫ ކުލައިގެ ކާރެއް ކަމަށެވެ. އެކަމަކު އެހެން މީހެއްގެ ކާރެއް ނޫރައްދީން ދުއްވި ކަމެއް އޭނާއަށް އެނގިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

ދެވަނަ އަށް ހެކިބަސް ދިނީ ކާރެއް ގެންގޮސްދޭން ހެކިބަސްދިން ފުރަަތަމަ މީހާ ގާތު އެދުނު ކަމަށްބުނާ "އައްކޮ" ކިޔާ މީހާ އެވެ. އޭނާ ބުނީ އާލިފް ކާރެއް ގެންގުޅޭ ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.

އާލިފްގެ ރަތް ކުލައިގެ ކާރު ހުޅުމާލެ އަށް ގެންދިޔަކަން ސާބިތުކުރަން ދޯންޏެއްގެ ފަޅުވެރިންނާއި ކެޕްޓަނުން ހެކިންގެ ގޮތުގައި ހާޒިރުކޮށް މީގެކުރިން ވެސް ހެކިބަސް ނެގި އެވެ. އެކަމަކު އެއިން އެއްވެސް މީހެއްގެ ހެކިބަހުގައި، ހުޅުމާލެއަށް ގެންދިޔައީ އާލިފްގެ ކާރެއް ކަން ޔަގީންކަމާ އެކު ބުނެފައެއް ނުވެ އެވެ. އަދި ރިލްވާން ގެއްލުނު ދުވަސްވަރު ރަތް ކުލައިގެ ކާރެއް ގެންދިޔަކަން އެނގުނު މީހުނަށްވެސް އެއީ ކާކުގެ ކާރެއް ކަމަށް ބުނެއެއް ނުދެވެ އެވެ. ރިލްވާން ވަގައް ނަގާފައިވާ ކަމަށްބުނެ ކޮށްފައިވާ މި ދައުވާގެ އިތުރު އަޑުއެހުމެއް އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް