ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 19:13
މި މުބާރާތުގައި ރިހި މެޑަލް ހޯދި ރާއްޖޭގެ ދީމާ
މި މުބާރާތުގައި ރިހި މެޑަލް ހޯދި ރާއްޖޭގެ ދީމާ
ޓީޓީ އެސޯސިއޭޝަން
ޓޭބަލް ޓެނިސް
ދީމާ ރިހި މެޑަލް ހޯދިއިރު ރަފާ ލޯ މެޑަލް ހާސިލްކޮށްފި
ދީމާ ރިހި މެޑަލް ހާސިލްކުރީ ހޯޕްސް ކެޓަގަރީއިން
ރަފާ ވަނީ މި މުބާރާތުގައި ހަތަރު ލޯ މެޑަލް ހޯދާފައި

ރާއްޖޭގައި މިހާރު ކުރިޔަށްދާ ދެކުނު އޭޝިއާގެ ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތުގައި ރާއްޖޭގެ ފާތިމަތު ދީމާ ރިހި މެޑަލް ހޯދިއިރު އައިޝަތު ރަފާ ނާޒިމް ލޯ މެޑަލް ހާސިލްކޮށްފިއެވެ.

އުމުރުން އެންމެ 10 އަހަރުގެ ދީމާ ރިހި މެޑަލް ހާސިލްކުރީ މި މުބާރާތުގައި 12 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކުރެވިފައިވާ ހޯޕްސް ކެޓަގަރީގައި ސްރީ ލަންކާގެ ކުޅުންތެރިޔާ 3-0 އިން ބަލިކޮށްގެންނެވެ. މި ބައިގެ ރަން މެޑަލް ހޯދީ އިންޑިއާއިންނެވެ. ލަންކާގެ ކުޅުންތެރިޔެއްގެ މައްޗަށް ކުރި ހޯދައިގެން ދީމާ ރިހި މެޑަލް ހޯދާފައިވާއިރު ދީމާއަކީ މިދިޔަ އަހަރު ލަންކާގެ ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

ރާއްޖޭގެ ޗެމްޕިއަންކަން މިދިޔަ ދެ އަހަރު ވެސް ހޯދި އުމުރުން 14 އަހަރުގެ ރަފާ ވަނީ މި މުބާރާތުގައި ހަތަރު ލޯ މެޑަލް ހޯދާފައެވެ. 18 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ ކުރެވިފައިވާ ކެޑޭޓް ކެޓަގަރީއިން ރަފާ ރިހި މެޑަލް ހޯދީ ސްރީ ލަންކާގެ ކުޅުންތެރިޔާގެ މައްޗަށް 3-2 އިން ކުރި ހޯދައިގެންނެވެ. 15 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްފައިވާ ޖޫނިއަރ ކެޓަގަރީއިން ރަފާ ރިހި މެޑަލް ހޯދީ ހަމަ އެނަތީޖާއިން ސްރީ ލަންކާގެ ކުޅުންތެރިޔާ ބަލިކޮށްގެންނެވެ.

މީގެއިތުރުން ލައިސާ ފަތުހުﷲ އަދި ރަފާގެ ޕެއާއިން ވަނީ ކެޑޭޓް ކެޓަގަރީގެ ރިހި މެޑަލް ހޯދާފައެވެ. ހަމައެހެންމެ މި ދެ ކުޅުންތެރިން ހިމެނޭ ރާއްޖޭގެ ކެޑޭޓް ކެޓަގަރީގައި ވާދަކުރާ ޓީމުން ވެސް ވަނީ ރިހި މެޑަލް ހޯދާފައެވެ.

މިއީ 2016 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެއިން ހޯދި މެޑަލްގެ އަދަދަށްވުރެ ދެ ގުނަ އިތުރު އަދަދެކެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ހަ މެޑަލް ހޯދާފައިވާއިރު އެފަހަރުގެ މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން މެޑަލްއެވެ.

މިއީ މި ސަރަހައްދުގައި ބޭއްވޭ ޓޭބަލް ޓެނިސްގެ އެންމެ ވާދަވެރި މުބާރާތަށްވާއިރު މި މުބާރާތުގައި މި ސަރަހައްދުގެ ހަ ގައުމަކުން ބައިވެރިވެއެވެ. އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ އަދި ރާއްޖެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް