ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 18:46
ގޮއިދޫގައި އޮލިމްޕިކް ކޮމިޓީއިން އެޅުމަށް ނިންމާފައިވާ ސްކޭޓް ޕާކްގެ ބިންގާ ވަނީ އަޅާފައި
ގޮއިދޫގައި އޮލިމްޕިކް ކޮމިޓީއިން އެޅުމަށް ނިންމާފައިވާ ސްކޭޓް ޕާކްގެ ބިންގާ ވަނީ އަޅާފައި
އިމޭޖަސް.އެމްވީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އޮލިމްޕިކް ކޮމިޓީއިން ގޮއިދޫއަށް ސްކޭޓް ޕާކެއް ހަދިޔާކޮށްފި
ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި ޕާކް ބޭނުންކުރެވޭނެ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ބ. ގޮއިދޫއަށް ސްކޭޓް ޕާކެއް ހަދިޔާކޮށްފިއެވެ.

މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ބޭއްވި އެ ކޮމީޓީގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި އެ ކޮމިޓީއިން ވަނީ ގޮއިދޫގެ ރައްޔިތުންނަށް ސްކޭޓް ޕާކެއް ހަދިޔާކުރާނެކަން އިއުލާނުކޮށްފައެވެ. އެ ޖަލްސާއަށް ފަހު އެ ކޮމިޓީއިން ވަނީ އެ ރަށުގެ ބަނދަރުމަތީގައި ޕާކް އެޅުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި އެ ޕާކްގެ ބިންގާ އަޅާފައެވެ.

ގޮއިދޫ އާއި އޮލިމްޕިކް ކޮމިޓީއާ ދެމެދު އޮތް ގާތް ގުޅުން ދައްކުވައިދިނުމުގެ ގޮތުން 'ގޮއިދޫ އޮލިމްޕިކް ސްކޭޓް ޕާކް' ގެ ނަމުން ނަންދޭން ނިންމާފައިވާ މި ޕާކްގެ ބިންގާ އަޅުއްވައިދެއްވީ އަހަރީ އާންމު ޖަލްސާގެ ޝަރަފުވެރި މެހެމާނު ކަމަށްވާ ޑރ. މުހައްމަދު ޒާހުރި ހުސައިން އަދި އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރުންގެ އިތުރުން ގޮއިދޫގެ ކައުންސިލްގެ ފަރާތުން ހަތަރު ބޭފުޅެކެވެ.

މި ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވި އަހުމަދު ނިޔާޒް ވިދާޅުވީ މި ޕާކްގެ މަސައްކަތް ވީހާވެސް އަވަހަށް ފަށައި ގޮއިދޫގެ ކުޑަކުދިންނަށް ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި ޕާކް ބޭނުންކުރެވޭނެ ކަމަށެވެ. ހަމައެހެންމެ މިއީ ގޮއިދޫ އާއި އޮލިމްޕިކް ކޮމިޓީއާ ދެމެދު އޮތް ގާތްގުޅުން ދައްކުވައިދޭނެ ޕާކެއް ކަމަށާއި މި ޕާކާއެކު ވެސް އެ ދެ ފަރާތުގެ މެދުގައި އޮތް ގާތްގުޅުން ދެމި އޮންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އޮލިމްޕިކް ކޮމިޓީގެ އެހީއާއެކު އަޅާ 2500 އަކަފޫޓުގެ މި ޕާކްގެ މަސައްކަތްކުރާނީ ގޮއިދޫގެ ރައްޔިތުންނެވެ.

މި ރަސްމިއްޔާތަށްފަހު އޮލިމްޕިކް ކޮމިޓީގެ މެމްބަރުން ވަނީ ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނުމުގެ ގޮތުން ހާއްސަ ވައުދެއްވެ ޕްލްޖް ބޯޑެއްގައި ސޮއިކޮށްފައެވެ.

ގޮއިދޫއަކީ ލިބިފައިވާ މަދު ވަސީލަތްތަކާއެކު ހުނަރިވެރި ސްކޭޓަރުން ތިބި ރަށެކެވެ. އެ ރަށުގެ މަސްވެރިން މަސް ކެނޑުމަށް ބަނދަރުމަތީގައި އަޅާފައިވާ ތަޅުން ގަނޑު މަތީގައި އެ ރަށުގެ ސްކޭޓަރުން އަންނަނީ ލަކުޑިން ހެދިފައިވާ އެންމެ ރޭމްޕަކާއެކު ފަރިތަކުރަމުންނެވެ. މި ސްކޭޓް ޕާކް ވެގެންދިޔައީ އެ ރަށުގެ ސްކޭޓަރުންގެ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ ކަމުގެ ފެހި ސިގްނަލަކަށެވެ.

- ކޮމެންޓް