ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އޮލިމްޕިކް ކޮމިޓީ ނުވަތަ ކުޅިވަރު އެސޯސިއޭޝަންތަކުގެ އަހަރީ އާންމު ބައްދަލުވުންތައް ބާއްވަމުން އައީ މާލޭގެ ސްކޫލެއްގެ ހޯލުގައި ނުވަތަ ކޮންމެވެސް ހޮޓަލެއްގެ ބޯލް ރޫމްގައެވެ. މި ސަގާފަތަށް ނިމުމެއް އައީ މިއަހަރުގެ އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން ބ. އަތޮޅު ގޮއިދޫގައި ބޭއްވުމަށް އިއުލާނުކުރެވުނު ހިސާބުންނެވެ. ފިނި ކޮޓަރީގައި އަރާމު ގޮނޑީގައި ތިބެގެން ރާއްޖޭގެ ކުޅިވަރުގެ ސިޔާސަތުތައް އެތަކެއް އަހަރުތަކެއް ވަންދެން އެކުލަވާލެވިގެންދިޔައިރު މިއަހަރުގެ އަހަރީ ބައްދަލުވުމާއެކު އެކަމަށް ނިމުމެއް އަންނާނެކަން އެނގިގެންދިޔައެވެ.
އެހެން ނަމަވެސް ގިނަ ބަޔަކު ބައިވެރިވާ މިފަދަ ބޮޑު ގައުމީ ފެންވަރުގެ ބައްދަލުވުމެއް މާލެއިން ބޭރުގައި ބޭއްވުން ވެގެންދާނީ ބޮޑު ގޮންޖެހުމަކަށް ކަމަށް ގިނަ ބަޔަކު ފުރަތަމަ ދެކުނެވެ. އެހެން ނަމަވެސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫގާއި އެކޮމިޓީގެ އެކްސްކޯ މެމްބަރުންގެ އަމާޒުހުރީ މިކަން ކޮށްފައި ނޫނީ ދޫނުކޮށްލާ ގޮތަށެވެ. ތަފާތު ތަޖުރިބާއަކަށެވެ.
ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރުން އަދި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތަކަށް ގޮއިދޫގެ ރައްޔިތުންގެ ފަރާތުން ކިޔާފައިވަނީ ހޫނު މަރުހަބާއެކެވެ. ތުއްތު ކުދިންގެ ފަރި ހަރަކާތްތަކާއި ކަރުގައި އެޅުވިގެންދިޔަ މާފަތިތަކާއެކު ބައްދަލުވުމަށް ދިޔަ ފަރާތްތަކަށް ލިބިގެން ދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ.
ކޮންމެ ބައިވެރިޔެއްގެ ހުރިހާ ކަމެއް ބަލަހައްޓައި އާރުކާޓީންގެ ގޮތުގައި ހަރަކާތްތެރިވީ އެ ރަށުގެ ޒުވާނުންނެވެ. އެރޭ ގޮއިދޫގެ ރައްޔިތުންނާއެކު އެ ރަށު ބަނދަރު މަތީގައި ބޭއްވުނު ހާއްސަ ބާބަކިއު ވެގެންދިޔައީ ރައްޔިތުންނާއި ބައްދަލުވުމުގެ ބައިވެރިންނާ މެދު ގާތް ގުޅުމެއް ބިނާކުރެވިގެންދިޔަ ހަރަކާތަކަށެވެ. އޮލިމްޕިކް ކޮމިޓީއިން މިފަހަރު ދިޔައީކީ ހަމައެކަނި ބައްދަލުވުމެއް ބާއްވާލާފައި އެނބުރި މާލެ އަންނާކަށެއް ނޫނެވެ. އޮލިމްޕިކް ކޮމިޓީއިން ދިޔައީ ހަނދާނުން ނުފޮހޭ ވަރުގެ ހަނދާންތަކެއް ބައިވެރިންނަށް ލިބިގެންދާނެ ކަމުގެ ޔަގީންކަމާއެކުއެވެ.
ދެވަނަ ދުވަހަކީ އަހަރީ ބައްދަލުވުން ތާވަލު ކުރެވިފައިވާ ދުވަހެވެ. ބައިވެރިންނަށް އަހަރީ ބައްދަލުވުން މިފަހަރު ވެގެންދިޔައީ ވަރަށް ތަފާތު ބައްދަލުވުމަކަށެވެ. މީގެކުރިން ކޯޓު ފަޓުލޫނާއި ޑިޒައިނަރު ހެދުންތަކުގައި ފިނި ހޯލުތަކުގައި ބޭއްވި ބައްދަލުވުމަށް މިފަހަރު ދާން ޖެހުނީ ފަންކާ ހަރުކޮށްފައި ހުރި ގޮއިދޫ ސްކޫލްގެ ހޯލަށެވެ. ހުރިހާ ބޭފުޅުން ވެސް ތިއްބެވީ އޮލިމްޕިކް ލޯގޯ ރަމްޒު ކޮށްދޭ ކުލަތަކުގެ ޓީޝާޓްތަކުގައެވެ. އެއްވެސް މީހެއްގެ ހާއްސަ ކަމެއް ނުވަތަ ތަފާތު ކަމެއް ފެންނަން ނެތެވެ.
ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ކުރީގެ ކުޅިވަރާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޒާހިރު ހުސައިންއެވެ. އެމަނިކުފާނު ވަނީ މި ބައްދަލުމުގެ ވަނީ ރާއްޖޭގެ މާހައުލާއި ގުޅޭ ކުޅިވަރުތައް ކަމަށްވާ ވަކިން ހާއްސަކޮށް ފެތުން ފަދަ ކުޅިވަރުތަކުގައި ގަވާއިދުން ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތް ހެއްދެވުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވާފައެވެ. ހަމައެހެންމެ މި ޖަލްސާގައި ވަނީ ރާއްޖޭގެ ކުޅިވަރުގެ ލެޖެންޑް ސައްޔިދު ހަސަންގެ ހަނދާނުގައި ހާއްސަ ސުކޫތެއް ގެނެސް ހާއްސަ ވީޑިއޯ ރިޕޯޓެއް ވެސް ގެނެސްފައެވެ.
ހަމައެހެންމެ މި ބައްދަލުވުމުގައި މިދިޔަ އަހަރު ރާއްޖެ ބައިވެރިވި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޗެފް ޑި މިޝަނަރުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ. މީގެއިތުރުން 2020 ވަނަ އަހަރު ޖަޕާންގެ ޓޯކިޔޯގައި އޮންނަ އޮލިމްޕިކް ގޭމްސްއަށް ރާއްޖޭގެ ތިން އެތުލީޓުން ތަމްރީނުކުރުމަށް ނިންމައި އެ އެތުލީޓުންނަށް ވަނީ ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށްފައެވެ. އެ އެތުލީޓުންނަކީ އުއްމީދީ ދުވުންތެރިޔާ މުހައްމަދު ނާއިލް އަދި ފެތުންތެރިން ކަމަށްވާ މުބާލް އައްޒާމް އަދި އައިޝަތު ސާޖިނާއެވެ.
މި ބައްދަލުވުމުގައި ވަނީ އެ ކޮމިޓީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އިއްވައި އެ ރިޕޯޓު ފާސްކޮށްފައެވެ. މި ފެށޭ އަހަރަށް ލަފާކުރެވޭ ބަޖެޓް ވެސް މެމްބަރު ކޮމިޓީތަކާއި ހިއްސާކޮށް ވަނީ ފާސްކޮށްފައެވެ.
ހަމައެހެންމެ މި ބައްދަލުވުމުގެ އެންމެ ހާއްސަކޮށް ފާހަގަކުރެވިގެންދިޔައީ އޮލިމްޕިކް ކޮމިޓީގެ މެމްބަރު ހުރިހާ އެސޯސިއޭޝަންތަކުން ގޮއިދޫ ސްކޫލަށް ކުޅިވަރު ސާމާނު ހަދިޔާ ކުރުމެވެ.
މި ހުރިހާ ކަމެއް ހިނގަމުންދިޔައިރު ވެސް އަޅުގަނޑަށް ޖަވާބު ނުލިބި އޮތީ އެންމެ ސުވާލެއްގައެވެ. އޮލިމްޕިކް ކޮމިޓީއިން ގޮއިދޫ މި ބައްދަލުވުން ބޭއްވުމަށް އިހުތިޔާރުކުރީ ކީއްވެގެންތޯ؟ މި ބައްދަލުވުމުގައި އެ ރަށުގެ ފަރާތުން ހުށަހެޅި ޕްރެޒެންޓޭޝަނުން މި ސުވާލަށް ވަރަށް ފުރިހަމަ ޖަވާބެއް ލިބިގެންދިޔައެވެ. ލިބިފައިވާ މަދު ވަސީލަތްތަކާއި މަދު ތަޖުރިބާތަކާއެކު ބ. އަތޮޅުގައި ކުޅިވަރުގެ ރަސްކަން ކުރަމުންދަނީ އެ ރަށުން ކަން ސާފުވެގެންދިޔައެވެ. ވަކި ކުޅިވަރެއް ނޫނެވެ. ފުޓްބޯޅަ، ވޮލީބޯޅަ، ހޭންޑްބޯޅަ، އެތުލެޓިކްސް ފަދަ އެތައް ކުޅިވަރެކެވެ. ޒާމާނީ ކުޅިވަރުތައް ކަމަށްވާ ސްކޭޓް ކުރުމާއި ކައިޓް ސާފް ކުރުމާއި މޫދުގެ އެތަކެއް ކުޅިވަރެކެވެ. ގޮއިދޫގެ ރައްޔިތުންނަކީ ރާއްޖޭގެ އެހެން ހުރިހާ މީހުންނަށް ލާމަސީލު މިސާލެއްކަން ހާމަވެގެންދިޔައެވެ.
ބައްދަލުވުމަށްފަހު އަޅުގަނޑަށް ފެނިގެންދިޔައީ ފަހުގެ ތާރީހުގައި ނުފެންނަ މަންޒަރެކެވެ. އެކި ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންނާއި އޮލިމްޕިކް ކޮމިޓީގެ އިސްވެރިން އެއްކޮށް ކުޅިވަރު ކުޅުއްވި މަންޒަރެވެ. ފެތުމާއި ބާސްކެޓާއި ގޯނި ރޭހާއި ދުވުމާއި ބަށި ކުޅުމާއި ވޮލީ ކުޅުމުގެ އިތުރުން ދުވުމެވެ. ހުރިހާ އެންމެންގެ ވެސް ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުމާއެކުއެވެ. ފެނުނީ އުފާވެރި މަންޒަރުތަކެކެވެ. ހިނިތުންވުމާއެކު އެކަކު އަނެކަކަށް ހީ ސަމާސަކޮށް ކުޅިވަރު 'އެންޖޯއި' ކުރި މަންޒަރެވެ.
ގޮއިދޫގެ ރައްޔިތުންނާއެކު ކުޅިވަރު ކުޅެ އެ މީހުންގެ އިހުސާސްތަކާއި އެމީހުންނަށް ކުރިމަތިވާ ދަތިތައް ކުޅިވަރު އެސޯސިއޭޝަންތަކުން ދަނެގަތެވެ. ދަތި އުނދަގުލާއެކު ވެސް މާލޭގައި ކުރިޔަށްދާ އިންޓަ ސްކޫލް އެކި މުބާރާތްތަކުން ގޮއިދޫ ސްކޫލް ރަން ވަނަތައް ހާސިލުކުރުމުގެ ސިއްރު އެނގިގެންދިޔައެވެ. ކުޅިވަރުގެ މައިދާނުގައި ގޮއިދޫ ހާއްސަވެ މި މުހިންމު ބައްދަލުވުން އެ ރަށުގައި ބޭއްވިގެންދިޔަ ސަބަބު ބައްދަލުވުމުގެ ބައިވެރިންނަށް ހާމަވެގެންދިޔައެވެ.
ޅަ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ. ޖިންސުއްލަތީފުންނާއި ޒުވާން ފިރިހެން ކުދިންނެވެ. ރަށުގެ އިސްވެރިންނާއި އަންހެންވެރިންނެވެ. ކުޅިވަރުގައި ވަކި ބަޔަކަށް ދޫކުރާނެ ބަޔަކު ނެތެވެ. އެންމެން ވެސް ހަމަހަމައެވެ. އެންމެން ވެސް މަސައްކަތްކުރަނީ އެކައްޗެއް ކިޔައިގެން އެއް މިސްރާބަކަށެވެ. ގޮއިދޫގެ ނަން އަބަދުވެސް ކުޅިވަރުގެ ދުނިޔޭގައި އެއްވަނައިގައި ލިޔެވޭ ފެންވަރަށް އެ ރަށުގެ އެތުލީޓުން ގެންދިޔުމަށެވެ. ކުޅިވަރަށް މި ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ދެވިފައިވަނީ ހާއްސަ ގަދަރަކާއި އިއްޒަތެއްކެވެ.
މި ބައްދަލުވުމަށް އެ ރަށަށް ދިޔަ އެންމެން ވެސް ފާހަގަކުރީ އެއް ކަންތަކެވެ. ގޮއިދޫގެ ރައްޔިތުންގެ ފަރާތުން އަދާކުރި މެހުމާންދާރީއާއި އެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމެވެ. ތެދެކެވެ. މިއީ އާދައިގެ ރަށެއް ނޫނެވެ. މިއީ ތަފާތު ރަށެކެވެ. ތަފާތު ދައްކާ ރަށެއް ވެސްމެއެވެ. ރާއްޖޭގެ ކުޅިވަރުގެ އެންމެ ބޮޑު އިވެންޓް ކާމިޔާބުކަމާއެކު ބާއްވާ އެ ނިންމާލީ އޮލިމްޕިކް ކޮމިޓީއަށް ގޮއިދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމާއެކުއެވެ.
ކޮންމެއަކަސް މި ދަތުރުވެގެން ދިޔައީ އަޅުގަނޑު ދެކޭ ގޮތުން ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. މާލެއިން ބޭރުގައި ބޭއްވުނު އޮލިމްޕިކް ކޮމިޓީގެ އެންމެ ފުރަތަމަ އަހަރީ ބައްދަލުވުން ވެގެންގޮސްފައި މިވަނީ ވަރަށް ކާމިޔާބު އަދި އެހާމެ އުއްމީދީ ބައްދަލުވުމަކަށެވެ. މި ބިންގަލުގެ މަތީގައި އާ އުސްމިންތަކަކަށް ރާއްޖޭގެ ކުޅިވަރު ގެންދެވޭ ބިންގަލަކަށެވެ.
މި ހަރަކާތްތައް ނިމިގެން ދިޔަ ގޮތުން ހަނދާނަށް އަންނަނީ އަޅުގަނޑުމެންގެ ކުޅިވަރުގެ ބައްޕަ، އަދި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މަރްހޫމް ޒާހިރު ނަސީރު ވިދާޅުވެފައިވާ ވާހަކައެކެވެ. އޭނާ ވިދާޅުވެފައި ވަނީ ކަމެއް ކުރިޔަކަސް ކަމަކު ނުދާނެ ކަމަށެވެ. ކަމެއް ކަމަކަށް ވާގޮތަށް ކުރިއްޔާ ނޫނީ ކަމެއް ކުރި ކަމަކަށް ނުވާނެ ކަމަށެވެ. އަޅުގަނޑުގެ ތަޖުރިބާއިން ބުނެވެން އޮތީ އޮލިމްޕިކް ކޮމިޓީގެ މިފަހަރުގެ އަހަރީ ބައްދަލުވުމަކީ، ބައްދަލުވުމަކަމަށް ވާގޮތަށް ބޭއްވުން ބައްދަލުވުމެއް ކަމަށެވެ.