ރީތި މަންޒަރެކެވެ. ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބޮޑު ފަތިހާ ފިހިގަނޑުތައް ހިފައިގެން މަގުމަތި ސާފުކުރަނީއެވެ. ސަރުކާރުގެ މުވައްޒަފުންނާއި ސްކޫލްތަކުގެ ދަރިވަރުން ފޯރިއާއެކު މަގުތަކުން ކުނި ނަގައި ސާފުކުރާ މަންޒަރު ފެނުމުން ހިތްހަމަޖެހުން ލިބެއެވެ. ނަމަވެސް ހަމަ އެއާއެކު އެހެން މަންޒަރެއް ވެސް ފާހަގަކޮށްލެވުނީތީ އެ ވާހަކަ ވެސް ދައްކަމާ ހިނގާށެވެ. އެއްކޮޅުން ބަޔަކު ކުނި ކަހަނީއެވެ. އަނެއް ކޮޅުން ހަމަ ތަންކޮޅެއް ދުރުގައި ތިބި ބަޔަކު ސުޕާރީކޮޅު އަނގަޔަށް އަޅާލުމަށް ފަހު ޕެކެޓް އެ އެއްލާލީ މަގު މައްޗަށެވެ. އެ ނަގަންޖެހުނީ އެ މީހުންނާ އެކު ހަމަ އެ މަސައްކަތުގައި އުޅުނު އެހެން ކުދި ބަޔަކަށެވެ. މިކަމުން ދޭހަވީ ކޮން އެއްޗެއް ހެއްޔެވެ؟
ސުވާލަކީ މިއީ ސަރުކާރުގެ ވަޒީރުންނާއި ވުޒާރާތަކުގެ މުވައްޒަފުންނާއި ސްކޫލު ދަރިވަރުން އެއް ދުވަހު މަގުތަކަށް ނެރެގެން ހައްލުކުރެވޭނެ ކަމެއް ހެއްޔެވެ؟ ނޫނެކެވެ. ގޮނޑުވެފައިވަނީ ހަމައެކަނި މާލޭގެ މަގުތަކެއް ނޫނެވެ. ތަގައްޔަރުވެގެން އުޅެނީ ދިވެހިންގެ ވިސްނުމާއި ސިކުނޑިއެވެ. ހަޑިކަމާއި ގޮނޑުކަން ވަނީ ދިވެހިންގެ އަހުލާގިއްޔަތުގައެވެ. ސާފުކުރަން ޖެހިފައި ނުވަނީ ކޮންތަނެއް ހެއްޔެވެ؟ އެއް ދުވަހު ހިންގާ ސާފުކުރުމުގެ ޕްރޮގްރާމަކުން ހައްލުވާނެ އެއް ކަމެއް ވެސް ނެތެވެ. މީގެ ކުރިން ވެސް މާލޭގެ ފަޅުތަކާއި ވަށައިގެންވާ މަގުތައް ސާފުކުރަން ޕްރޮގްރާމްތައް ހިންގިއެވެ. ދޭތެރެ ދޭތެރެއިން ތަފާތު ޖަމިއްޔާތަކާއި ކުންފުނިތަކުން އިސްނަގައިގެން މާލޭގެ ފަޅު ތެރެއިން ވެސް ކުނި ނަގައެވެ. ނަމަވެސް ޖެހިގެން އަންނަ ދުވަހު ހަމަ އެހާ ވަރަށް އެ ތަންތަނުގައި ކުނި އޮވެއެވެ. އެހެން ކަމުން ކުނީގެ މައްސަލައަކީ ބަޔަކު ގުދާރު ބިންދައިގެން ހައްލުކުރެވޭނެ މައްސަލައެއް ނޫންކަން މިހާތަނަށް ބޭނުންކުރި ހުރިހާ ފޯމިއުލާއެއްގެ ނާކާމިޔާބުން ވެސް އެބަ އެނގެއެވެ.
ސާފުތާހިރުކަމާއި ނަލަކަމަކީ ތަހުޒީބާއި ތަރައްގީއާއެކު އަންނަ އެއްޗެކެވެ. ތަރައްގީއޭ ބުނުމުން އެއީ 25 ބުރީގެ އިމާރާތާއި ބްރިޖްގެ ވާހަކަ ކަމަށް ހީނުކުރާށެވެ. އެއީ ތިމާގެ ސިކުނޑިއަށް އަންނަ ތަރައްގީގެ ވާހަކައެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ތަރައްގީގެ ވާހަކައެވެ. ސިންގަޕޫރު ސިންގަޕޫރަކަށްވީ އަދި ޓޯކިޔޯ ޓޯކިޔޯއަކަށްވީ އެތަންތަނުގައި ހުރި ރީތި އުސް އިމާރާތްތަކުގެ ސަބަބަކުންނެއް ނޫނެވެ. އެތަންތަނުގައި ދިރިއުޅޭ މީހުންގެ ވިސްނުމާއި ފިކުރަށް އައި ތަރައްގީންނެވެ. މަގުތައް ސާފުތާހިރުކޮށް ބެހެއްޓުމަށް ހަދާފައިވާ ގަވާއިދުތަކާއި ގާނޫނުތައް ތަންފީޒުކުރާތީއެވެ. އެ ތަންފީޒުކުރާނެކަން އެތަންތަނުގެ ރައްޔިތުންނަށް ގަބޫލުކުރެވި އެކަންކަމަށް އިހްތިރާމުކުރާތީއެވެ. ކޮރަޕްޝަނާއި ފަސާދައަކީ ތަރައްގީގެ ތެރޭގައި އޮންނަ އެއްޗެއް ނޫން ކަމަށް ބަލައި ފިޔަވަޅުތައް އަޅައިގެންނެވެ. ސާފުކުރާ ޕްރޮގްރާމެއް ހިންގިޔަސް އެއީން ޖީބަށް ލެވޭނީ ކިހާ ވަރެއްތޯ ބަލައިގެން މަސައްކަތްކުރާ ނަމަ އެއީ ތަރައްގީއެއް ނޫނެވެ.
އުސް އިމާރާތްތަކާއި ބްރިޖަކީ އުމްރާނީ ތަރައްގީއެވެ. އެއީ ތަނެއް ޒީނަތްތެރިވާނެ ކަންކަމެއް ނޫނެވެ. ލޮލުކޮޅަށް ނުފެންނަ އުސް އިމާރާތެއް އަޅާފައި އެ އިމާރާތް ވަށައިގެން ހުސްކުރި ފުޅި އާއި ބޮއިފައި އެއްލައިލި ތަޅާއި، ދުފާފައި ޖެހި ހައްޕުޑާއި ސުޕާރީ ޕެކެޓްތައް ފެންނަ ނަމަ އެ ތަރައްގީގެ ބޭނުމެއް ނެތެވެ.
ސަރުކާރުގެ ވަޒީރުންނާއި ކެޑޭޓުންނާއި ސްކައުޓުން ނެރެގެން އެއް ދުވަހު ހަތަރުދަމު ގުދާރު ބިންދައިގެން ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގިޔަކަސް ގޮނޑުވެފައި މިވާ މާލެ ސާފުވާނެ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. މިއިން ކޮންމެ ކަމެއް ވެސް ގުޅެނީ ސިޔާސަތުތަކާއެވެ. މާލެ ސާފުކުރަން ބޭނުން ވަނީ ދިވެހިންގެ ވިސްނުން ބަދަލުކޮށްލާނެ ކެމްޕެއިނެކެވެ. މިހާރު ވެސް ހެދިފައި ހުރި ގަވާއިދުތައް ހަރުކަށިކަމާ އެކު ތަންފީޒުކުރެވޭނެ ގޮތެކެވެ.
މާލޭގެ މަގުތަކުގައި ޑަސްބިން ބެހެއްޓުމަކީ ނާތަހުޒީބު ކަމެއްގެ ގޮތުގައި ދެކިގެން މިކަން ހައްލުވާނެ ގޮތެއް ނެތެވެ. ޑަސްބިނެއް ބަހައްޓައިފި ނަމަ އެ އަށް ކަރުގޮހޮރު އަޅާނެ ކަމަށް ބަލައިގެން މި މައްސަލަ ހައްލުވާކަށް ނެތެވެ. ސަރުކާރުން ކުރާ ކަމެއް ވުމުން އިދިކޮޅު މީހުން ޖެއްސުމަށް ވެސް ޑަސްބިން ކައިރި ގޮނޑުކުރާނެ ކަމަށް ބަލައިގެން އެކަން ނުކުރުމަކީ ހައްލެއް ނޫނެވެ.
ހައްލުވާން އޮތީ މަގަށް ކުނި ނާޅަން ފަރިތަވަންދެން ނަމަވެސް އެއިން ކޮންމެ ޑަސްބިނެއް ކައިރީގައި ފުލުހަކު ނޫނީ ސެކިއުރިޓީ ބަލަހައްޓާނެ މީހަކު ބަހައްޓައިގެން ކަމަށް ވާ ނަމަ އެކަން ވެސް ކޮށްގެންނެވެ. އިންސާނަކު ކަމަކަށް ދެވިހިފައިފި ނަމަ އެ ކަމަކުން ސަލާމަތްވާން ބުރަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. މަގު މައްޗަށް ކުނި އެޅުމަކީ ގިނަ މީހުންގެ ކަށީގައި ހިފާފައިވާ އާދައެކެވެ. އެހެންކަމުން އެ ނުބައި އާދާ ފުހެލަން ޖެހެނީ ދިވެހިންގެ ވިސްނުމަށް ބަދަލު ގެނެސްގެންނެވެ.
މިއީ ތިމާވެއްޓާ ބެހޭ ރިޕޯޓެކޭ ފަހަރުގައި ހީވެދާނެއެވެ. ނޫނެކެވެ. މިއީ ސިޔާސީ ކަމެކެވެ. ކުނީގެ މައްސަލަ ހައްލުކުރުމަކީ ސިޔާސީ ކަމެކެވެ. އެ ކަމަށް ބޭނުން ވަނީ ވެސް ހަރުދަނާ ސިޔާސަތެކެވެ. މިހާތަނަށް މާލެ ސާފުކޮށް ބޭއްވުމަށް ކުރި މަސައްކަތުގައި ހުރިހާ ސަރުކާރެއް ވެސް ވަނީ ފެއިލްވެފައެވެ. މާނައަކީ ދިވެހިންގެ ވިސްނުމާ އެއްގޮތް ސިޔާސަތެއް މިހާތަނަށް އެއްވެސް ބަޔަކަށް ގެނެވިފައި ނުވުމެވެ. ނުވަތަ ގެނެވުނު ސިޔާސަތުތައް ތަންފީޒުކުރެވިފައި ނުވުމެވެ. މާލެ ސާފުކުރަންށޭ ކިޔައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަތަށް ފިހިގަނޑެއް ދީފައި ކުނިކަހަން ގުދަށް ބޭއްވުމަކުން މާލެ ސާފެއްނުވެއެވެ. ދިވެހިންގެ ވިސްނުމަށް ބަދަލު ނާންނަހާ ހިނދަކު ކުރިން ފާހަގަކުރިހެން އެއް ބަޔަކު ސާފުކުރަމުންދާ އިރު ހަމަ އެ މަސއްކަތުގައި އުޅުނު އަނެއް ބަޔަކު ދާނީ އެ މީހުން ކާހާ ސުޕާރީ ހުސްކުރި ޕެކެޓްތައް މަގުމައްޗަށް އަޅަމުންނެވެ.