ކ. މާލެ
|
21 އޭޕްރިލް 2018 | ހޮނިހިރު 13:25
ވެމްކޯ އިން ކުނި އުފުލުގެ މަސައްކަތް ކުރާ ސަރަހައްދު
ވެމްކޯ އިން ކުނި އުފުލުގެ މަސައްކަތް ކުރާ ސަރަހައްދު
ފާތިމަތު ޝަނާ މުހައްމަދު
މާލެ ސާފު ކުރުން
މާ ސާފު މާލެ ޕްރޮގްރާމުގެ ތެރެއިން 70 ޓަނުގެ ކުނި ވަނީ އެއް ކުރެވިފައި: އެންވަޔަރަމެންޓް މިނިސްޓްރީ
 
ސާފު ކުރުމުގެ މަސައްކަތް ކޮށްފައިވަނީ 3 ގަޑިއިރަށް
 
120 އިދާރާ އަކުން ބައިވެރިވެފައިވޭ
 
4500 މީހުން ސާފު ކުރުމުގައި ހަރަކާތްތެރިވެފައިވޭ

މާ ސާފު މާލެ ނަމުގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމުގެ ދަށުން 70 ޓަނުގެ ކުނި އެއް ކުރެވުނު ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވެއްޖެ އެވެ.

މާލޭ އިންޑަސްޓްރިއަލް ވިލޭޖުގެ ކުނި އުކާ ސަރަހައްދުގައި ހުންނަވާ އަލީ އާމިރު ވިދާޅުވީ، މާލެއަކީ ސާފު ތަނަކަށް ހެދުމަށްޓަކާއި ކުރަމުންދާ މަސައްކަތުގެ ތެރެއިން " މާ ސާފު މާލެ" ޕްރޮގްރާމުގައި 120 އިދާރާއަކުން 4500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ. މި ހަރަކާތުގެ ތެރެއިން މުޅި މާލެއާއި ވިލިމާލެ ތިން ގަޑިއިރުގެ ތެރޭގައި ސާފުކޮށް ނިންމާލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ އާމިރު ވިދާޅުވީ، މިއަދު ކުރި މަސައްކަތަކީ ވެމްކޯ އިން މާލެ ތެރެ ސާފުކުރުމަށް ފަށާ މަސައްކަތަށް އެއްބާރުލުންދިނުން ކަމަށެވެ. އަލީ އާމިރު ވިދާޅުވީ، މި މަސައްކަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު އިރު، މިކަން ކުރާތީ އޭގެ  ނާޖައިޒް ފައިދާ ވެސް ބައެއް ފަރާތްތަކުން ނަގާފައިވާ ކަމަށެވެ.

" ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން މާލެ ތެރެ ސާފު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މިހާތަނަށް  ކުރެވުނު މަސައްކަތުގެ ތެރޭގައި ބައިސްކަލުގައިދާއިރު މަގު މައްޗަށް ކުނި އެޅުން މިވަނީ ހުއްޓުވާލެވިފައި.  ކުނި ކަލެކްޓް ކުރުމުގެ މަސައްކަތް މިވަނީ ހަމައަކަށް އެޅިފައި. ވެމްކޯ އިން ކޮންމެ ދުވަހަކު 18000 ގެއިން ކުނި ކަލެކްޓް ކުރޭ." އަލީ އާމިރު ވިދާޅުވި އެވެ.

 އާންމު ގޮތެއްގައި އުފައްދާ ކުންޏަކީ ވަކި ވަކި ފަރުދުން އުފައްދާ ކުންޏަށް ވާއިރު ސާފު މާހައުލެއް ގާއިމް ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް އަލީ އާމިރު ވިދާޅުވި އެވެ.

 " އަޅުގަނޑުމެންނަށް ފެންނަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުންނަ ސްލަމްތަކުގެ ހާލަތަށް މާލޭގެ ހާލަތު ވެއްޓޭތަން. މިއީ އަޅާނުލާ ތިބެވޭނެ ކަމެއް ނޫން. ވަކި އުސޫލުތަކެއް އަޅަންޖެހޭ. ކުނި މަގު މައްޗަށް އަޅާ ފަރާތްތަކާމެދު ފިޔަވަޅުތަކެއް އަޅަންޖެހޭ. އަޅުގަނޑުމެން މިދަނީ އެންވަޔަރަމެންޓް ޕޮލިސް އުފެއްދުމުގެ މަސައްކަތް ކުރަމުން. އެންވަޔަރަމެންޓް ޕޮލިސް ހަރަކާތްތެރިވާ ހިސާބުން، މާލޭގެ މަގު މައްޗަށް ކުނި އަޅާ ފަރާތްތަކާ މެދު ފިޔަވަޅުތަކެއް އެޅޭނެ." އަލީ އާމިރު ވިދާޅުވި އެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އޮޕަރޭޝަން މެނޭޖަރ އަހުމަދު ޝާން ވިދާޅުވީ، މުޅި މާލެ އަދި ވިލިމާލެ ސާފު ކުރެވިގެންދިޔަ އިރު މާލެ ސާފު ކުރެވިފައި ވަނީ 10 ޒޯނަކަށް ބަހާލައިގެން ކަމަށާއި އޭގެ ތެރެއިން ވެސް 60 ސަބް ޒޯން ގާއިމް ކުރެވުނު ކަމަށެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12:00 ގައި މާލޭ މަގުތައް ސާފު ކުރުން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" މާލޭގެ މަގުތައް ކުނި ކަހާ ސާފު ކުރުމުގެ މަސައްކަތް ފެށޭއިރު އަޅުގަނޑު އުންމީދު ކުރަނީ މި މަސައްކަތާއި އެކު މާލޭގެ މަގުތައް ވަރަށް ސާފުކޮށް ހުރުން. " ޝަން ވިދާޅުވި އެވެ.

 ޝާން ވިދާޅުވީ، ކޮންމެ ރެއެއްގެ ދަންވަރު މާލޭގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި ސާފު ކުރުން ކުރިއަށްދަނީ ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން ކަމަށެވެ.

 

   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް