ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 20:53
ހައްޔަރު ކޮށްފައިވާ ނަޖުމާ އާއި އަޒްމީ - އެ ދެމީހުނަށް ބޭ އިންސާފުން އަނިޔާ ދޭ ކަމަށް ރައީސް މައުމޫނު އޮފީހުން ބުނޭ
ހައްޔަރު ކޮށްފައިވާ ނަޖުމާ އާއި އަޒްމީ - އެ ދެމީހުނަށް ބޭ އިންސާފުން އަނިޔާ ދޭ ކަމަށް ރައީސް މައުމޫނު އޮފީހުން ބުނޭ
ސޯޝަލް މީޑިއާ
ސިޔާސީ ހައްޔަރީން
ނަޖުމާ އާއި އަޒުމީ ދޫކޮށްލުމަށް ރައީސް މައުމޫންގެ އޮފީހުން ގޮވާލައިފި
އަޒްމީ އާއި ނަޖުމާ ބަންދުކުރި ފަހުން 80 ދުވަސް ވަނީ ވެފައި
ނަޖުމާގެ ބަންދުގެ މުއްދަތުގެ މަޖިލީހުގައި ވަކީލަކަށް ފުރުސަތެއް ނުދޭ
ފުލުހުން ގާނޫނާ އެއްގޮތައް އަމަލު ކުރަން ގޮވާލާފައިވޭ

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޕާރސަނަލް ސެކިއުރިޓީ ޓީމްގައި ހަރަކާތްތެރިވާ މުހައްމަދު އަޒުމީ އާއި އެމަނިކުފާނުގެ އޮފީހުގައި މަސައްކަތްކުރާ ނަޖްމާ އިބްރާހިމް ދޫކޮށްލުމަށް ރައީސް މައުމޫނުގެ އޮފީހުން ގޮވާލައިފިއެވެ.

އަޒްމީ އާއި ނަޖްމާ ހައްޔަރުކޮށްގެން ގެންގުޅޭތާ 80 ދުވަސް ފާއިތުވެފައިވާކަން ފާހަގަކޮށް ރައީސް މައުމޫނުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދެމީހުން ހައްޔަރުކޮށްގެން އުޅެނީ ޙަޤީޤަތާއި ކަނޑައެޅިގެން ޚިލާފް ތުހުމަތު ތަކެއްގައި ކަމަށެވެ.    

"މުޙައްމަދު އަޒުމީ އަކީ ރައީސް މައުމޫންގެ ޕާރސަނަލް ސެކިއުރިޓީއެއްގެ ގޮތުގައި މަސައްކަތް ކުރާތާ 10 އަހަރުވެފައިވާ ފަރާތެކެވެ. ވޭތުވެ ދިޔަ 10 އަހަރު ތެރޭގައި އަޒުމީ މަސައްކަތް ކޮށްފައިވަނީ ނުހަނު އިޚުލާސްތެރިކަމާއި ތެދުވެރިކަމާއި އެކުގައެ.ހަމަ އެހެންމެ މި އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ ޢިބްރާޙިމް އަކީވެސް އަޅުގަނޑުމެންނާއި އެކު މަސައްކަތް ކުރާތާ 13 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތެކެވެ. ނަޖުމާ އިބްރާޙިމް އަކީ ވަޒީފާ އަށް ކަމޭހިތާ، މަސައްކަތުގެ އަޚްލާޤް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނަގަހައްޓާ ނަމޫނާ މުވައްޒަފެއްކެވެ." ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރުކޮށް، އުފުލިފައިނުވާ ދަޢުވާއެއްގެ ޝަރީޢަތް ނިމެންދެން 01 ފެބްރުއަރީ 2018 ވަނަ ދުވަހު ނަޖުމާ ގޭބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު އަޒުމީ ބަންދުކޮށްފައިހުރީ ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ކަންވެސް ހިތާމައާއެކު ފާހަގަ ކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.  އޭގެ އިތުރުން ކްރިމިނަލް ކޯޓުން ޝަރީޢަތް ނިމެންދެން މިދެބޭފުޅުން ބަންދުކުރުމަށް ނެރުއްވި އަމުރުގައި ބަންދު އަމުރު މުރާޖަޢާ ކުރުމަށް 30 ދުވަސް ތެރޭގައި ކޯޓަށް ގެނައުމަށް ކަމާއި ބެހޭ އެންމެހާ އިދާރާތަކަށް އަމުރުކުރައްވާފައި ވީނަމަވެސް ޙާޟިރުކޮށްފައި ނުވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެތަކެއް ދުވަހެއް ފާއިތުވެގެން ދިޔަފަހުން 15 އޭޕްރިލް 2018 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ޙާޟިރުކޮށް ބަންދުގެ މުއްދަތު މުރާޖަޢާ ކުރުމަށްފަހު 15 ދުވަހުގެ މުއްދަތަށް ކުރީގެ ޙާލަތުގައި ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަންވެސް ފާހަގަ ކޮށްފައިވެއެވެ.

ނަޖުމާ މުއްދަތު މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނީ ވަކީލަށް ފުރުޞަތު ދިނުމަކާއި ނުލާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.  

"ނަޖުމާ އިބްރާހިމް އަކީ ގާތުންދޭ 09 މަހުގެ ތުއްތު ކުއްޖަކާއި އެކު ސްކޫލްގައި ކިޔަވަމުންދާ ކުއްޖެއްގެ މަންމަ އަކަށްވެފައި ދަރިފުޅު ސްކޫލުށް ގެންދިއުމުގައި އިންތިހާއަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަ ކުރަމެވެ." އެ ބަޔާނުގައިވެ އެވެ.

އުފުލިފައި ނުވާ ދަޢުވާއެއްގައި ނަޖުމާ އާއި އަޒްމީ ބަންދުގައި ތިބެންޖެހުމަކީ އެ ދެމީހުނަށް ދެވޭ ނުޙައްޤު އަނިޔާއެއް ކަމަށްބުނެ ދައުލަތުގެ އެންމެހާ މުއައްސަސާތަކުންވެސް ޤާނޫނު އަސާސީ އާއި ޤާނޫނީ އިމުގެ ތެރެއިން އެބޭފުޅުން އަދާކުރައްވަންޖެހޭ ޒިންމާ އަދާކުރެއްވުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.  

"ޣައިރު ޤާނޫނީ އަމުރުތަކަށް ތަބަ މިއަދު ދިވެހިރާއްޖޭގެ އެންމެހާ މުއައްސަސާތަކުގައި ތިއްބެވި އެންމެހާ ފަރާތްތަކުންވެސް ހަނދާންކުރަން ޖެހެނީ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްޢޫލިއްޔަތުގެ މަތިންނެވެ. ކުރައްވާފައިވާ ހުވާގެ މަތިންނެވެ. ދިވެހިރައްޔިތުންގެ ޙައްޤުތަކުގެ މަތިންނެވެ. ދިވެހި ޤައުމުގެ މަސްލަޙަތުގެ މަތިންނެވެ. މިއިން ކޮންމެ ކަމެއްގައިވެސް ޢަމަލުކުރިގޮތް ތާރީޚުން ފެންނަން އޮތުމުގެ އިތުރަށް އެކަމާއި ޖަވާބުދާރީވާން ޖެހޭ ވަގުތު އަންނާނެކަން ހަނދާންކުރަންޖެހެއެވެ"   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް