ހދ. ކޭލަކުނު ކައިރިއަށް މަހަށް ގޮސް އުޅެނިކޮށް މެއަށް ފަރުތޮޅިއެއް ހެރުނު ޒުވާނާ ހުކުރު ދުވަހުގެރޭ މާލެ ގެނައުމަށް ތައްޔާރުވަމުންދާކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފިއެވެ.
ފަރުތޮޅިއެއްގެ ތުންގަނޑު މެއަށް ހެރިގެން ޒަޚަމްވި، ގދ. ފަރެސްމާތޮ މޫނިމާގޭ އަހުމަދު އިސްމާއީލް 17، އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާ ނުލެވި ހާލު ސީރިއަސް ވާ ކަމަށް ރިޕޯޓް ކުރުމުންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އަހުމަދަށް އައިސީޔޫގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށެވެ. އެކަމަކު، އައިސީޔޫގައި ބާއްވާފައި އޮތީ އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިރޭ ފަތިހު އޭނަ އެބަ މާލެ ފޮނުވާލަން. އޭނާ އެބަބުނޭ، މޭގައި ތޮޅީގެ ބައެއް ވެދާނެކަމަށް ހީވެއޭ. އަޅުގަނޑުމެން ބެލި ބެލުމުން އެފަދަކަމެއް ފާހަގައެއް ނުވޭ. އެކަމަކު އެއްޗެއް ވަދެފައި ހުރި ތަން ފެންނަން އެބަހުރި" އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ އެ ޒުވާނާ ވާހަކަ ދައްކާ ހަރަކާތްކޮށް ހެދި ނަމަވެސް ވަރަށް ބޮޑަށް މެއަށް ތަދުވާތީ އުޅޭކަމަށެވެ.