ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 19:35
އާސެނަލްގެ ކޯޗު އާސެން ވެންގާ ޕްރިމިއާ ލީގުގެ ތަށްޓާއެކު
އާސެނަލްގެ ކޯޗު އާސެން ވެންގާ ޕްރިމިއާ ލީގުގެ ތަށްޓާއެކު
ގެޓީ އިމޭޖަސް
އާސެނަލް
22 އަހަރަށްފަހު ވެންގާ އަދި އާސެނަލްގެ ވާހަކައަށް ނިމުމެއް!
އެ ޓީމު މިވަގުތު އޮތީ ޕްރިމިއާ ލީގުގެ ހަވަނައިގައި
އާސެނަލްގެ ކޯޗުގެ މަގާމާއި ވެންގާ ހަވާލުވީ 1996 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި
ޕްރިމިއާ ލީގުގައި އޭނާ އެ ޓީމަށް 823 މެޗު އިރުޝާދު ދީފައިވޭ

މި ސީޒަނަށްފަހު އާސެނަލްގެ ކޯޗުގެ މަގާމުން ނުފެންނާނެ ކަމަށް އެ މަގާމު ވޭތުވެދިޔަ 22 އަހަރު އަދާކުރި އާސެން ވެންގާ ބުނެފިއެވެ.  

އާސެނަލްގެ ކޯޗުގެ މަގާމު ދޫކޮށްލާނެކަން ވެންގާ އިއުލާނުކޮށްފައިވާއިރު އެ ޓީމު މިވަގުތު އޮތީ ޕްރިމިއާ ލީގުގެ ހަވަނައިގައެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އެ ޓީމަށް ޖާގަ ހޯދެން އޮތް ހަމައެކަނި ގޮތަކީ މި ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކުރުމެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އާންމުކުރަމުން ވެންގާ ބުނީ އެތަކެއް އަހަރު ވަންދެން އާސެނަލްއަށް ޚިދުމަތްކުރަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށާއި ކްލަބްގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންގޮސްފައިވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ. އޭނާ ބުނީ އާސެނަލް ދެކެ ލޯބިވާ ހުރިހާ ފަރާތްތަކެއްވެސް އެ ކްލަބްގެ ހުރިހާ ކަމެއްވެސް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އާސެނަލްގެ މެޖޯރިޓީ ޝެއާހޯލްޑަރު ކަމަށްވާ ސްޓެން ކޮރެއެންކޭ ބުނީ މިއީ އޭނާ އެ ކްލަބްގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން ކުރިމަތިވި އެންމެ ދަތި އަދި އުނދަގޫ ދުވަސް ކަމަށެވެ. އޭނާ ބުނީ އާސެނަލްގައި އިންވެސްޓް ކުރަން ނިންމި އެންމެ މައިގަނޑު އެއް ސަބަބަކީ އެ ޓީމަށް ވެންގާ ގެނެސްދިން ކާމިޔާބާއި ކުރިއެރުން ކަމަށާއި އޭނާ އެ ކާމިޔާބުތައް އެތަކެއް ދުވަސްތަކެއް ވަންދެން ގެނެސްދިނުމަކީ އަޖައިބުކުރަނިވި ކަމައް ކަމަށެވެ. އާސެނަލްއިން ބުނެފައިވަނީ ވެންގާގެ ބަދަލުގައި އާ ކޯޗެއް ވަރަށް އަވަހަށް އެ މަގާމަށް އައްޔަނުކުރެވިގެންދާނެ ކަމަށެވެ.

އާސެނަލްގެ ކޯޗުގެ މަގާމައި ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލްއެވެ. ހަމައެހެންމެ އެ ޓީމަށް ކުރިން ކުޅުނު ޕެޓްރިކް ވިއެރާގެ އިތުރުން ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު ޔޯކިމް ލޯ އަދި ރެއާލް މެޑްރިޑާއި އޭސީ މިލާންގެ ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީ އެ މަގާމުން ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އާސެނަލްގެ ކޯޗުގެ މަގާމާއި ވެންގާ ހަވާލުވީ 1996 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ޕްރިމިއާ ލީގުގައި އޭނާ އެ ޓީމަށް 823 މެޗުގައި އިރުޝާދު ދީފައިވާއިރު މިއީ ރެކޯޑެކެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލްއިން 1549 ލަނޑު ޖަހާފައިވާއިރު އޭނާ އެ މަގާމު ދޫކޮށްލީ ސަޕޯޓަރުންގެ ފަރާތުން ވޭތުވެދިޔަ ދެ ސީޒަނުގައި އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އުމުރުން 68 އަހަރުގެ ވެންގާ ވަނީ އާސެނަލްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އެ ޓީމަށް ތިން ޕްރިމިއާ ލީގާއި ހަތް އެފްއޭ ކަޕް ކާމިޔާބުކޮށްދީފައިވެއެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލްއިން ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2004 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ތަށި އެއްވެސް މެޗަކުން ބަލިނުވެ އުފުލާލުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް