ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 13:18
ލޯކަލް ކައުންސިލް އިންތިޚާބުގައި މީހަކު ވޯޓުލަނީ
ލޯކަލް ކައުންސިލް އިންތިޚާބުގައި މީހަކު ވޯޓުލަނީ
ރާއްޖެ އެމްވީ
އީޔޫ - ދިވެހިރާއްޖެ
އީޔޫގެ ރިޕޯޓަށް ސަރުކާރުގެ ރައްދު: އިންތިޚާބީ އޮނިގަނޑަށް ބަދަލު ގެނައުމަށް ބިލެއް ވަނީ ޑްރާޓް ކޮށްފައި
އީޔޫއިން ހުށަހެޅި ކަންކަމުގެ ތެރެއިން ހާޞިލްވީ އެންމެ ކަމެއް
ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން، ރާއްޖޭގެ ގާނޫނުތަކުގެ އަސާސަކަށްވާނީ އިސްލާމްދީން: ސަރުކާރު

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވް ކުރި ވިލާތުގެ އިއްތިހާދުގެ އޮބްޒަރވަރުން އޭރު ހުށަހަޅާފައިވާ ކަންކަމާ މެދު ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުގެ ހޭލުންތެރިކަން ކުޑަ ކަމަށް އެ އިއްތިހާދުން ބުނެފައިވާއިރު އެ އިއްތިހާދު ހުށަހެޅި ކަންކަން ތަންފީޒުކުރުމުގައި ދިވެހި ސަރުކަރުން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ބުނެ ދިވެހި ޚާރިޖިއްޔާއިން ބުރާސްފަތި ދުވަހު ރައްދުދީފިއެވެ.

އީޔޫ އަށް ސަރުކާރުން ދިން ރައްދުގައި ބުނެފައި ވަނީ އިލެކްޝަން ފޮލޯއަޕް މިޝަން އިން ފާހަގަކުރި ކަންކަން ރަނގަޅު ކުރުމަށް މަސައްކަތްކުރަމުން އަންނަކަން ޖެނުއަރީ މަހު ވެސް އަންގާފައި ވާނެ ކަމަށެވެ. ދިވެހި ސަރުކާރުން ދަނީ ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން،، ރިކޮމެންޑްކުރި ކަންކަން ރަނގަޅު ކުރުމަށް މަސައްކަތްކުރަމުން ކަމަށް ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޚާބީ ނިޒާމަށް ގެނެވިފައިވާ ބަދަލުތަކާ އެކު ބިލެއް ޑްރާފްޓްކޮށްފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މި ބިލުގެ އަމަޒަކީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދައުރު ކަނޑައަޅައި އަދި ވޯޓަރސް ރެޖިސްޓްރޭޝަނާއި ބެހޭ ގޮތުން 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުށަހހެޅި 16 ނުކުތާގެ ގައިޑްލައިންގައި ހިމެނޭ ކަންކަން ތަންފީޒުކުރުން ކަމަށް ބުނެފައި ވެއެވެ.

ދިވެހި ސަރުކާރުގެ ދަޢުވަތަކަށް ވިލާތުގެ އިއްތިޙާދުގެ އިލެކްޝަން ފޮލޯއަޕް މިޝަން އިން ނިމިގެންދިޔަ އަހަރާއި މި އަހަރު ރާއްޖެއަށް ކުރި ދެ ދަތުރަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ، ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާއި އެކު ބޭއްވި ބައްދަލުވުންތަކުގައި، ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވް ކުރި ވިލާތުގެ އިއްތިހާދުގެ އޮބްޒަރވަރުން އޭރު ހުށަހަޅާފައިވާ ކަންކަމާ މެދު ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުގެ ހޭލުންތެރިކަން ކުޑަކަން ފާހަގަވެފައިވާ ކަމަށެވެ.

ރާއްޖެއަށް ކުރި އެ މިޝަންގެ ދަތުރުތަކުގައި އެ މިޝަން އިން ބޭނުންވި ގޮތަށް، ކަމާ ބެހޭ ފަރާތްތަކާއި ބައްދަލު ނުވިކަން ވެސް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ން 19 އަށް އިންތިޚާބީ ދެ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދުން ރާއްޖެއަށް ދަތުރެއް ކުރުމަށް ފަހު، ދެވަނައަށް ކުރަން އޮތް ދަތުރު ސަރުކާރުގެ އެދުމުގެ މަތިން ލަސްކުރިކަން ރިޕޯޓްގައި ވަނީ ހާމަކޮށްފައެވެ.

ސަރުކާރުގެ އެދުމުގެމަތިން ފަސްކުރެވުނު ދަތުރު މި އަހަރުގެ ޖަނަވަރީ މަހުގެ 8 އިން 11 އަށް ރާއްޖެއަށް ކުރިއިރު، އެދަތުރުގައި ރާއްޖެއަށް ޒިޔާރަތްކުރި ވަފުދުގައި 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވް ކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރި ވަފުދުގެ ވެރިއެއްގެ ގޮތުގައި ވަޑައިގަތް ބޭފުޅާގެ އިތުރުން ވިލާތުގެ އިއްތިހާދުގެ ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ މަންދޫބުން ވެސް ހިމެނެއެވެ.

އެ މިޝަނުގެ ރިޕޯޓްތައް ފާހަގަކޮށްފައިވާ ދީނީ މިނިވަންކަމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި ރާއްޖޭގެ ގާނޫނުތަކުގެ އަސާސަކީ ވެސް އިސްލާމް ދީން ކަމަށެވެ. އެއީ ބަދަލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ރައްދުގައި ބުނެފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް