ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 08:51
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
ރާއްޖެއެމްވީ
ހަރުގެ ޖަލްސާ
ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
ރައީސް ޔާމީން ދައްކަވާ ވާހަކަތަކަށް ފާޑުވިދާޅުވެފައިވޭ
ގާނޫނު އަސާސީއާ ހިލާފު ވާހަކަތައް އަންނަނީ ދައްކަވަމުން
ޑިމޮކްރަސީގެ އުސޫލުތަކަށް އިހްތިރާމު ނުކުރައްވާ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީންގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް މި ފާއިތުވެދިޔަ އަހަރުތަކުގައި ޕޯޑިއަމްތަކުގައި ދައްކަވާފައިވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން، އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ،  ރައީސް އަބްދުﷲ ޔާމީން ޕޯޑިއަމްތަކުގައި ހަމަޖެހޭ އެއްވެސް ވާހަކައެއް ދައްކަވާ އަޑު ނީވޭ ކަމަށާއި ފުލުހުންގެ ކުރިމަތީގައި ވެސް ހުންނަވައިގެން ދެއްކެވި ވާހަކަތަކުގައި ވެސް އެފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

 މެންބަރު އިމްތިޔާޒް މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޔާމިން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އިމްތިޔާޒް ވިދާޅުވީ، ރައީސް ޔާމީން އިތުބާރު އޮންނަ ކަމަށް ބުނާ ކޮންމެ މީހަކަށް ބޮޑެތި އަދަބު ދެމުންދާ ކަމަށާއި އެގޮތުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފަށް ވެސް އިތުބާރު ކުރާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމަށް 200 ޕަސެންޓް އިތުބާރު ކުރެއްވި ކަމަށް ވިދާޅުވި ކަމަށާއި އެހެން ނަމަވެސް ގޮދަޑި ދަށުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ ޖަލަށްލާފައިވާ ކަމަށެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް 500 ޕަސެންޓް އިތުބާރު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށާއި އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ހައްގު ވެސް ނިގުޅައިގެންފާވާ ކަމަށް އިންތި ވިދާޅުވިއެވެ.

"ތިބޭފުޅުންގެ ކުރިމަތީގައި ހުރެ ވާހަކަދެއްކެވި ބޭފުޅާ ކަންތައް ކުރެއްވި ގޮތް ތިބޭފުޅުންގެ ސިކުނޑިން ކައްސަވާ ނުލައްވާތި. ސާފުކޮށް އެ ދައްކަވާ ވާހަކަތައް އަޑުއެއްސެވުމަށް ފަހު އަނެއް ކަންފަތުން ބޭރުކޮށްލަންވާނީ ވެސް. ވެރިކަން ކުރެއްވި އެހެން ބޭފުޅުންގެ އަހަރުތަކުގައި ބޮޑެތި މުޖުރިމުން އުފެދުނު ކަމަށް ދިރާސާތަކުން ފެންނާނެ ކަމަށް ވިދާޅުވި އިރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކަނި 32 މަރުގެ ރެކޯޑް ހައްދަވާފައިވޭ. މިކަން ފުލުހުނަށް ވަރަށް ރަގަޅަށް އެނގޭނެ،" އިންތި ވިދާޅުވިއެވެ.

ފުލުހުން މިކަންކަމަށް ވިސްނަންޖެހޭނެ ކަމަށާއި ފުލުހުން ބޭނުންކޮށްގެން ގާނޫނާ ހިލާފު އަމަލުތައް މި ސަރުކާރުން ހިންގާ ކަމަށް އިމްތިޔާޒް ވަނީ ތުހުމަތު ކުރައްވާފައެވެ.

 ރައީސް އަބްދުﷲ ޔާމީން ގާނޫނު އަސާސީއާއި ގާތް ކުރައްވާ ވާހަކަފުޅެއް ވެސް ދައްކަވާފައި ނުހުންނާނެ ކަމަށާއި ޑިމޮކްރަސީއާ ގާތަށް ވެސް ގޮސްފައި ނުހުންނާނެ ކަމަށް އިންތި ވިދާޅުވިއެވެ.

"އަހުމަދު އަދީބަށް ބޭސްފަރުވާ ކުރުމުގެ ހައްގު ނިގުޅައިގަނެ އެބުނަނީ ނޫންތޯ ދައްކަންޖެހޭ ފައިސާ ދިނީމައޭ ބޭސްފަރުވާއަށް ދެވޭނީ. ގާނޫނު އަސާސީގައި ޖަލުގައި ޗެއިން ޖަހާފައި އޮންނަ މީހާ އަށް ވެސް ލިބިގެންވާ ހައްގެއް ބޭސްފަރުވާއަކީ. އަހުމަދު އަދީބު ދައުލަތަށް ފައިސާއެއް ދައްކަންޖެހޭކަން އަދި މިހާތަނަކަށް ކޯޓަކަށް ސާބިތުވެފައި ވެސް ނެތް،" އިންތި ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 އޭޕްރިލް 2018 | ހުކުރު 04:24
އައިމިނާ
ނހާނުމެން ދީނޭކިޔައިގެން ވާހަކަދައްކާއިރު މައިންނާއި ދަރިން ކުކުޅު ހާލުގެ ދަރަޖަށް ވެއްޓެން އިސްލާމްދީނުގައި އޮވޭތޯ