ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 18:42
ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވަނީ
ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވަނީ
ޕޮލިސް
އިދިކޮޅު ހަރަކާތް
ރައީސް ޔާމިނަށް އިދިކޮޅުން ދިން ރައްދު: ފުލުހުންގެ އެންމެ މަތީވެރިއަކީ ރައީސުލް ޖުމްހޫރިއްޔާއެއް ނޫން
ރައީސް ޔާމިންގެ ވާހަކަފުޅު ހުރީ ފުލުހުންގެ މަސައްކަތުގެ އަގު ވަޒަން ނުކުރާ ފަދަ މޭރުމަކުން
ފުލުހުން ހުވައާ ހިލާފުވާން ހިތްވަރުދޭ މޭރުމަކުން ވާހަކަ ދެއްކެވި
ހުދުމުހްތާރު ވެރިކަމެއް ކުރައްވާނެކަން ރައީސްގެ ވާހަކަފުޅުން އެެނގުނު

ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމިން ފުލުހުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަތަކަށް އިދިކޮޅު ކޯލިޝަނުން ކިޔައި ރައްދު ދީފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ބުރާސްފަތި ދުވަހުގެ ހަވީރު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ފުލުހުންގެ އެންމެ މަތިވެރިއަކީ ރައީސް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ ގާނޫނުގައި އޮތް އެއްޗަކާ ހިލާފަށް ދެއްކެވި ވާހަކަތަކެއް ކަމަށެވެ.

"ރައީސް ޔާމިންގެ ވާހަކަފުޅުގައި ދިވެހި ފުލުހުންގެ ހުވައާ ހިލާފަށް އަމަލު ކުރަން ހިތްވަރުލިބޭ ގޮތައް އެމަނިކުފާނުގެ ވާހަކަފުޅު ހުރިކަން ވެސް އަޅުގަނޑު ފާހަގަކޮށްލަން. ފުލުހުންގެ އެންމެ މަތީވެރިއަކީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ގާނޫނު އަސާސީގައި މުތުލަގަށް ބަޔާންކޮށްފައިވާ ކަމަށް ރައީސް ޔާމިން ވިދާޅުވެފައި އެބަވޭ. އެހެން ނަމަވެސް ފުލުހުންގެ ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި އަދި ގާނޫނު އަސާސީގައި ވެސް ފުލުހުންގެ އެންމެ މަތީވެރިޔާ ކަމަށް ކަނޑައަޅާފައިވާ މާއްދާއެއް ނޯންނަކަން ފާހަގަ ކުރަން. އެހެން ނަމަވެސް ފުލުހުންގެ މުވައްސަސާގެ އެންމެ އިސް މުވައްޒަފަކީ ކޮމިޝަނަރ އޮފް ޕޮލިސް ކަމަށް ބަޔާންކުރާ މާއްދާއެއް ފުލުހުންގެ ގާނޫނުގައި ވޭ،" އަނަސް ވިދާޅުވިއެވެ.

އެ ރަސްމިޔާތުގައި ވެސް ރައީސް ޔާމިންގެ ވާހަކަފުޅު ހުރީ ފުލުހުންގެ މަސައްކަތުގެ އަގު ވަޒަން ނުކުރާ ފަދަ މޭރުމަކުން ކަމަށް ފާހަގަ ކުރައްވައި އަނަސް ވިދާޅުވީ، އެމަނިކުފާނު މިހާތަނަށް ފުލުހުންނާ މެދު އަމަލު ކުރައްވާފައި ވަނީ ވެސް އެފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން މަސައްކަތް ކުރެއްވި ފުލުހުން މައްސަލަތައް ބަލަމުންދަނީ ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.  

ހަމަ އެހެންމެ ކޯޓުން އަމުރު ނެރުނު ނަމަވެސް އެ ތަންފީޒު ކުރުމުގެ ކުރިން ފުލުހުން ދެވަނަ ވިސްނުމަކަށް ދާން ޖެހޭނެ ކަމަށް ދޭހަވާ މޭރުމަކުން ރައީސް ޔާމިން ވާހަކަފުޅު ދެއްކެވި ކަމަށް ވިދާޅުވި އަނަސް ފާހަގަ ކުރެއްވި ގޮތުގައި ފުލުހުން އަބަދުވެސް އަމަލު ކުރައްވަން ޖެހޭނީ ހެދިފައިވާ ގާނޫނުތަކާއި ގާނޫނު އަސާސީއާ އެއްގޮތަކަށެވެ.  

އަލީ ހަމީދާ ގުޅުން ހުރި ދަބަހަކުން 38 މިލިއަން ޑޮލަރު ފެނިފައިވާ ކަމަށް ފުލުހުން ބުނުމަށް ފަހު އެއީ އޮޅިގެން ބުނެވުނު އަދަދެއް ކަމަށް ފުލުހުން ފަހުން ބުނެފައިވާއިރު އެ އަދަދު ފުލުހުން ބުނެފައި ވަނީ ރައީސް ޔާމިންގެ އިރުޝާދު މަތިންކަން އެމަނިކުފާނު ފުލުހުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުން އެނގިއްޖެ ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

އޭގެ އިތުރުން ވެސް ސަރުކާރު ނަގަހެއްޓުމުގެ މައްސޫލިޔަތަކަކީ ފުލުހުންގެ މަސައްކަތެއް ނޫން ކަމަށާއި އެކަން ކުރަން ޖެހޭނީ ސަރުކާރުން ކަމަށް ވެސް އަނަސް ވިދާޅުވިއެވެ. ޖުމްލަކޮށް ރައީސް ޔާމިންގެ ވާހަކަފުޅުން އެނގިގެން ދަނީ އެމަނިކުފާނު ހުންނެވީ ގާނޫނު އަސާސީން ތަސައްވަރުކޮށްފައިވާ ޑިމޮކްރަސީއާ އެއްގޮތް ވެރިކަމެއް ކުރެއްވުން ނޫން ކަމަށާއި ފުލުހުންނަށް ވެސް ވޯޓު ލުމުގެ ހައްގު ގެއްލުވާލާ ފަދަ ގޮތަކަށް ކަމަށް ވެސް އަނަސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް