މޮންޓެ ކާލޯގައި މިހާރު ކުރިޔަށްދާ އޭޓީޕީ މޮންޓެ ކާލޯ މާސްޓާސް ޓެނިސް ޗެމްޕިއަންޝިޕްގެ ދެވަނަ ބުރުން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސްޕެއިންގެ ރަފައޭލް ނަޑާލް އަދި ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޮވާކް ޖޮކޮވިޗް ޖާގަ ހޯދައިފިއެވެ.
މިދިޔަ އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރި ނަޑާލް ދެވަނަ ބުރަށް ދަތުރުކުރީ ދުނިޔޭގެ 58 ވަނައިގައި ރޭންކް ކުރެވިފައިވާ ސްލޮވޭނިއާގެ އަލްޖާޒް ބަޑީން ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ގާތްގަނޑަކަށް 77 މިނެޓަށް ދެމިގެންދިޔަ މި މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 6-1 އަދި 6-3 އިންނެވެ.
ހަމައެހެންމެ ދުނިޔޭގެ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސާބިއާގެ ނޮވާކް ޖޮކޮވިޗް ވެސް ވަނީ ކްރޮއޭޝިއާގެ ބޮރނާ ކޮރިޗް ސީދާ ދެ ސެޓުން ބަލިކޮށް ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މި މެޗުގެ ސެޓުތައް ޖޮކޮވިޗް ގެންދިޔައީ 7-6 އަދި 7-5 އިންނެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނީ ދެ އަހަރަށް ފަހު އެއްވެސް ގޮންޖެހުމެއް ނެތި މެޗެއް ކުޅުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ގިނަ ދުވަހު ކޯޓާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ދެއްކުނީ ރަނގަޅު ކުޅުމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
މި ކުޅުންތެރިންގެ އިތުރުން ޖަޕާންގެ ކެއި ނިޝިކޯރީ ވެސް ވަނީ ސީދާ ދެ ސެޓުން ރަޝިއާގެ ޑެނިލް މެޑްވެޑޭވް ބަލިކޮށް ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އަނިޔާއަށް ފަހު ކުޅުމުގެ ތެރެއަށް އެނބުރި އައި ނިޝިކޯރީ މި މެޗުގެ ސެޓުތައް ގެންދިޔައީ 7-5 އަދި 6-2 އިންނެވެ. އޭނާ ދެވަނަ ބުރުގައި ނުކުންނާނީ އިޓަލީގެ އަންދްރެއާސް ސިއްޕީއާ ދެކޮޅަށެވެ.
ދެވަނަ ބުރުގައި ނަޑާލް ނުކުންނާނީ ދުނިޔޭގެ 38 ވަނައިގައި ރޭންކް ކުރެވިފައިވާ ކޭރެން ޚަޗަނޯވްއާ ދެކޮޅަށެވެ. ހަމައެހެންމެ ނުވަވަނައަށް ސީޑު ކުރެވިފައިވާ ޖޮކޮވިޗް ނުކުންނާނީ ފަސްވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރިއާގެ ޑޮމިނިކް ތިއެމްއާ ދެކޮޅަށެވެ.
ޖުމްލަ 10 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ނަޑާލް ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމު ދެމެއްހެއްޓުމަށް މި މުބާރާތް ކާމިޔާބުކުރަން ޖެހެއެވެ. އޭނާ މި މުބާރާތް ކާމިޔާބު ނުކޮށްފިނަމަ އޭނާއަށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމު ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާއަށް ގެއްލޭނެއެވެ.