އެމްޑީޕީގެ މެނިފެސްޓޯގެ އެއް އަމާޒަކަށް ވާންޖެހޭނީ ލާމަރުކަޒީ ނިޒާމް ބާރުވެރިކޮށް، ފުރިހަމަކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސުލުން ހިންގެވުމަށް ވަރަށް ބޮޑަށް ތާއީދުކޮށް، އެ މަސައްކަތް ފައްޓަވާދެއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ގއ. ވިލިނގިލި ކައުންސިލަކީ އެންމެ ހަރަކާތްތެރި އަދި އެންމެ ނަތީޖާ ނެރޭ އެއް ކައުންސިލް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމް ނެތިކޮށްލުމުގެ ނިޔަތުގައި ހިންގާ ކަންކަން ހުއްޓުވަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ނެތިކޮށްލުމުގެ ނިޔަތުގައި ހިންގާ ކަންކަން ހުއްޓުވަންޖެހޭއިރު، އެމްޑީޕީގެ މެނިފެސްޓޯގެ އެއް އަމާޒަކަށްވާންޖެހޭނީ ލާމަރުކަޒީ ނިޒާމް ބާރުވެރިކޮށް، ފުރިހަމަކުރުން ކަމަށެވެ.
Ga. Villigilli council akee enme harakaiytheri adhi natheejaa nerey eh council. Lamarukazee nizaam nethikohlumuge niyathugai hingaa mi kan kan huhtuvaan jehey. MDP Manifesto ge eh amaazakah vaan jeheynee lamarukazee nizam baaruverikoh furihama kurun.
— Mohamed Nasheed (@MohamedNasheed) April 19, 2018
ރައީސް މުހައްމަދު ނަޝީދު އެގޮތަށް ވިދާޅުވި އިރު، ރައީސް އަބްދުﷲ ޔާމީން ކޮންޓްރޯލްކުރައްވާ ލޯކަލް ގަވަރމެންޓް އެތޯރިޓީން ވަނީ ގއ. ވިލިނގިލީ ކައުންސިލް އަނެއްކާ ވެސް ސަސްޕެންޑްކޮށްފައެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާރަ ދުވަހު ވިލިނގިލީ ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާ ޝަޒުމާ މުހައްމަދަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެރަށު ކައުންސިލްގެ ފަސް މެންބަރުން މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ކައުންސިލް އެއްކޮށް ސަސްޕެންޑް ކުރި ސަބަބެއް ކަމުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ބޭރުން އެކައުންސިލުން ނޫސްބަޔާނެއް ނެރެފައިވާތީ ކަމަށެވެ.
އެލްޖީއޭ އިން ނެރުނު ނޫސް ބަޔާނަކީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަންއަށް ދިވެހި ފުލުހުން ޤާނޫނާ ޤަވާއިދާ ޚިލާފަށް ކޮށްފައިވާ އަނިޔާތައް ކުށްވެރިކޮށް ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެކައުންސިލްގެ ފަސް މެންބަރުން ސޮއިކުރައްވައި ނެރުއްވި ބަޔާނެވެ.