ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 17:33
ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރަނީ
ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރަނީ
ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕް 2018
ބޮޑު ސްކްރީނުގައި ވީއޭއާރް ރިޕްލޭތައް ވޯލްޑް ކަޕްގައި ދައްކާނެ
މިއީ ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުންކުރާ ފުރަތަމަ ފަހަރު
މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ބޭނުން ކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގައި

މިއަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕްގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް ނިންމާ ނިންމުންތައް ބޮޑު ސްކްރީނުގައި ދައްކާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނެފިއެވެ.

ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް ވެގެންދާނީ މި ޓެކްނޮލޮޖީ ފުޓްބޯޅައިގައި ބޭނުންކުރަން ފެށިފަހުން ވޯލްޑް ކަޕެއްގައި މި ޓެކްނޮލޮޖީ ފެނިގެންދާނެ ފުރަތަމަ ފަހަރަށެވެ. މި ޓެކްނޮލޮޖީގެ ބޭނުންކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެންގޮސްފައި ވަނީ ނިންމުންތައް ނިންމުމަށް ރެފްރީން ބޭނުންކުރާ ވީޑިއޯތައް މެޗު ބަލަން ތިބޭ މީހުންނަށް ނުފެންނަ މައްސަލައެވެ.

ފީފާ އިން ވަނީ މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ވޯލްޑް ކަޕް ބަލާ ސަޕޯޓަރުންނަށް ވެސް ވީޑިއޯތައް ފެންނަ ގޮތަށް ހެދުމަށް ނިންމާފައެވެ. އެހެން ނަމަވެސް ރެފްރީން ނިންމާ ނިންމުންތަކަށް އަސަރުކުރުމުގެ ފުރުސަތު އޮތުމާ އެކު ވީޑިއޯތައް ދައްކާނީ ރެފްރީން ނިންމުން ނިންމުމަށް ފަހު ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

ފީފާއިން ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުންކުރުމަށް ނިންމާފައިވާއިރު ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ؛ ޔުއެފާގެ ރައީސް އެލެކްޒެންޑްރާ ސެފެރިން ވަނީ މި ޓެކްނޮލޮޖީ ވޯލްޑް ކަޕްގައި ބޭނުންކުރުން އަދި އަވަސް ކަމަށް ބުނެފައެވެ. އޭނާ ބުނީ ވޯލްޑް ކަޕްގައި ރެފްރީކަންކުރާ ބައެއް ރެފްރީންނަކީ މި ޓެކްނޮލޮޖީއާ ބީރައްޓެހި ބައެއް ކަމަށާއި އެހެންކަމުން އެކަމުގެ ސަބަބުން ބައެއް މައްސަލަތައް ފެންމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ބުނީ މިފަދަ ބޮޑު މުބާރާތެއްގައި ވީއޭއާރް ބޭނުންކުރަން ފަށާއިރު އިތުރު ޓެސްޓްތަކެއް ހަދަން ޖެހޭ ކަމަށެވެ.

ފީފާގެ ރެފްރީސް ކޮމިޓީގެ ޗެއާޕާސަން އަދި މަޝްހޫރު ރެފްރީ ޕެރަލުއީޖީ ކޮލީނާ ބުނީ މި ޓެކްނޮލޮޖީއަކީ ރެފްރީންގެ އަތުން ހެދޭ ބޮޑު ގޯސްތައް ހުއްޓުވުމަށް ބޭނުންކުރާނެ ޓެކްނޮލޮޖީއެއް ކަމަށެވެ. ދަނޑުމަތީގައި ހިނގާ ކުޑަކުޑަ ކަންކަން ނުބަލާނެ ކަމަށާއި ވީއޭއާރްގެ މައިގަނޑު މަގްސަދަކީ ޓެކްނޮލޮޖީއާ ރެފްރީންނަކީ ރައްޓެހި ބައެއްގެ ގޮތުގައި ހެދުން ކަމަށެވެ.

ވީ.އޭ.އާރް ޓެކްނޮލޮޖީ ބޭނުންކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ޒަމާނާ އެކު ބަދަލުވާން ޖެހޭ ކަމަށެވެ. އަދި ރެފްރީންގެ މުހިއްމު ނިންމުތައް ނިންމުމަށް އެހީތެރިވާން ބޭނުންކުރެވޭނެ ހުރިހާ ވަޞީލަތެއް ފޯރުކޮށްދޭން ބޭނުންވާ ކަމަށާއި، ވޯލްޑް ކަޕްގައި ނިންމަން ޖެހޭ ނިންމުންތަކުގެ މުހިއްމުކަން ބޮޑުކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ. އިންފަންޓީނޯ ވިދާޅުވީ އެޓެކްނޮލޮޖީއާ މެދު އެންމެ ފުރަތަމަ އޭނާ ވެސް ސުވާލު އުފެއްދި ކަމަށާއި، އެހެން ނަމަވެސް ޓެކްނޮލިޖީއެއްގެ ގޮތް ބާވަތް އެނގޭނީ އެ ބޭނުން ކުރުމުން ކަމަށެވެ.

ރެފްރީންގެ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭ މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ބޭނުން ކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގައެވެ. އަދި 2017 ވަނަ އަހަރު ފީފާ ކޮންފަޑަރޭޝަން ކަޕްގައި ވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްފައިވެއެވެ.

ފީފާއިން ވީއޭއާރް ބޭނުން ކުރަން ނިންމި ނަމަވެސް އަންނަ ސީޒަންގައި ޕްރިމިއަރ ލީގުގައި މި ޓެކްނޮލިޖީ ބޭނުމެއް ނުކުރާނެއެވެ. ހަމައެހެންމެ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް ވީއޭއާރް ބޭނުން ނުކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް