ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 16:38
ޔާމީން ރަޝީދު
ޔާމީން ރަޝީދު
ޓްވިޓަރ
ޔާމީން ރަޝީދުގެ މަރު
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީޢަތް ސިއްރު ކުރާތީ އާއިލާގެ ކަންބޮޑުވުންތައް ކަމާ ބެހޭ އިދާރާތަކާ ހިއްސާކޮށްފި
ޝަރީއަތް ހުޅުވާލުމަށް ގޮވާލުމުގައި ވީހާ ވެސް ގިނަ ފަރާތްތަކެއް ބައިވެރިވުން މުހިއްމު: ޝަހިންދާ
މީގެ އެއް އަހަރު ކުރިން ޔާމީން މާރާލި މައްސަލަ ތަހިގީގު ކުރަމުން ދިޔައިރު ވެސް ކަންބޮޑުވާ ކަންކަން ހުރި
ޕީޖީ އޮފީހުން އެދިގެން ޔާމީން މަރުގެ މައްސަލައިގެ ޝަރީއަތް ވަނީ ސިއްރުކޮށްފައި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ޔާމީން ރަޝީދު ލާއިންސާނީ އަނިޔާތަކާ އެކު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުންތައް ސިއްރު ކުރަމުންދާތީ ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުންނާއި މަދަނީ ޖަމިއްޔާއެއް ކަމަށް މޯލްޑްވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ ހުރި ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކާ ހިއްސާކޮށްފިއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކުރަމުންދާތީ އެކަމާ ކަންބޮޑުވާކަން ހާމަކުރުމަށާއި ހުޅުވާލައިގެން ބާއްވާ ޝަރީއަތުގެ އަޑުއެހުންތަކެއްގެ ގޮތުގައި ކުރިއަށް ގެންގޮސް ދިނުމަށް ބާރު އެޅުމުގެ ގޮތުން މަސައްކަތް ކޮށްދެއްވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ބުރާސްފަތި ދުވަހު ވަޑައިގެންނެވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީއެންގެ ރައީސް ޝަހިންދާ އިސްމާއީލް ވިދާޅުވީ މިވަގުތު މައިގަނޑު ގޮތެއްގައި އާއިލާގެ އަދި އެމްޑީއެންގެ ވެސް އޮތް އެންމެ ބޮޑު ކަންބޮޑު ވުމަކީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ސިއްރު ކުރުން ކަމަށެވެ. 

"މައިގަނޑުގޮތެއްގައި އަޑުގަނޑުމެން މިދައްކާ ވާހަކައަކީ މިހާރު ޔާމީން ރަޝީދުގެ މަރަށް އެއް އަހަރުވީއިރު، މިހާރު ފެންނަމުން ދަނީ ޝަރީއަތް ބަންދުކޮށްގެން ކުރިއަށް ގެންދިއުން. އާއިލާއަކަށް ވެސް އެހެން ބޭފުޅަކަށް ވެސް ޝަރީއަތުގައި ހިނގާ ކަންކަމެއް ނޭނގޭ. އެހެންވީމައި ޝަރީއަތް ހުޅުވާލަ ދޭން އެދުން މައިގަނޑު ގޮތެއްގައި އަޅުގަނޑުމެންގެ ރިކުއެސްޓަކީ،" ޝަހިންދާ އިސްމާއީލް ވިދާޅުވިއެވެ.

ކުރިން އެޗްއާރުސީއެމްގެ ނާއިބު ރައީސްގެ ގޮތުގައި ހުންނެވި އަދި މިހާރު ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހުމަދު ތޮލާލް ވިދާޅުވީ ފުރަތަމަ މީގެ އެއް އަހަރު ކުރިން ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތަހުގީގު ހިނގާދިޔައިރު ވެސް ކަންބޮޑުވާ ވަރަށް ގިނަ ކަންކަން ހުރި ކަމަށާއި އަދި ދައުލަތުން އެދިގެން ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދާތީ މިމައްސަލައިގެ އެއްވެސް މަރުހަލާއެއްގައި އިންސާފު ލިބިގެން ހިނގައިދާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ.

"ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި، އިންސާފުވެރިކަމާއެކު ތަހުގީގު ކުރެވޭނެތޯއާއި މިމައްސަލައިގެ އެއްވެސް މަރުހަލާއެއްގައި އިންސާފު ލިބިގެން ދާނެތޯއާ މެދު ޝައްކު އުފެދޭ. ޔާމީން ރަޝީދު މަރާލި ފަހުން ސަރުކާރުގެ އިސް ފަރާތްތަކުން ދެއްކެވި ވާހަކަފުޅުތަކަކީ މަރާލުމަށް ހިތްވަރު ލިބޭ ކަހަލަ ގޮތަކަށް ވާހަކަތައް ދެކެވިގެން ދިޔައީ. މިއަދު އަނެއްކާ ވެސް ފެނިގެން މިދަނީ ޝަރީއަތް ހިނގަމުންދާއިރު ވެސް ޕީޖީ އޮފީހުގެ ރިކުއެސްޓަކަށް ކަމަށް ވިދާޅުވެ މިޝަރީއަތްވެސް ބަންދުކޮށްގެން ގެންދާތަން. އެހެންވީމާ އަޅުގަނޑުމެންނަކަށް ހާއްސަކޮށް ޔާމީން ރަޝީދުގެ އާއިލާއަކަށް އެއްވެސް ޔަގީންކަމެއް ނެތް އިންސާފުވެރިކަމާއެކީގަތޯ މިކަން ކުރިއަށް މިގެންދެވެނީކީ،" ތޮލާލު ވިދާޅުވިއެވެ.

ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުން ވަނީ ޔާމީން މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންގޮސް ދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާއި މޯލްޑިވްސް ޕޮލިސް ސާރވިސްގައި އެދިވަޑައިގެންނެވުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ޕީޖީ އާއި ފުލުހުންގެ އިސް ފަރާތްތަކާ ބައްދަލުވުމެއް ހަމަޖެހޭ ގޮތް ނުވާ ކަމަށް ވެސް ޔާމީންގެ އާއިލާއިންނާއި އެމްޑީއެންއިން ބުނެއެވެ. 

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

ލާއިންސާނީ އަނިޔާތަކަކާ އެކު ޔާމީން ރަޝީދު މަރާލާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ ގެއަށް ވަތްތަނާއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް