ދެކުނަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެފައި ވަނިކޮށް، ކޫއްޑޫއިން ބަރު ކުރި 3،000 ޓަނުގެ މަހާއެކު، ތައިލެންޑުގެ ކެރިއާ ބޯޓު ފުރުވާލައިފިއެވެ.
މިފްކޯގެ ސީއޯއޯ ރަމްޒީ އަބޫބަކުރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ 3،000 ޓަނުގެ މަހާއެކު، ކެރިއާ ބޯޓު ބުދަ ދުވަހު ފުރުވާލާފައިވާ ކަމަށާއި އެ ބޯޓު ދެން ބަނދަރު ކުރާނީ ބެންކޮކަށް ކަމަށެވެ. އަދި ވިދާޅުވީ 2،500 ޓަނުގެ މަސް ބަރުކުރެވޭ ވަރުގެ އިތުރު ކެރިއާ ބޯޓެއް ހޮނިހިރު ދުވަހު ކޫއްޑޫއަށް ބަނދަރު ކުރާނެ ކަމަށެވެ.
މި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ދެކުނަށް އާދަޔާ ހިލާފަށް ވަނީ މަސްވެރިކަން ރަނގަޅުވެފައެވެ. އެގޮތުން ރެކޯޑު އަދަދަކާއެކު، އެއް ދުވަހެއްގެ ތެރޭގައި 700 ޓަނުގެ މަސް މި މަހުގެ ހަތް ވަނަ ދުވަހު މިފްކޯއަށް ވަނީ ކިރުވާފައެވެ. އަދި މަސްވެރިންގެ އާމްދަނީ އިތުރުވެ، ދެކުނުގައި މަސްވެރިކަން ކުރި ބައެއް ދޯނިތަކަށް މިދިޔަ ހަފްތާގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.
މިފްކޯއިން ބުނީ މި ދުވަސްވަރު މަސްވެރިކަން އެންމެ ރަނގަޅީ އައްޑޫ ސަރަހައްދުގައި ކަމަށެވެ. އާންމުކޮށް މަސް ބާނާ މިންވަރަށް ވުރެ ގިނައިން އެ ސަރަހައްދުގެ މަސްވެރިން މަސް ބާނަމުންދާ ކަމަށް މިފްކޯއިން ބުންޏެވެ.