މިއަހަރުގެ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަދި ވަރުގަދަ އިންޑިއާ އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.
ރާއްޖެ ލައްވާލާފައި ވަނީ އިންޑިއާ އަދި ސްރީ ލަންކާއާ އެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާންގެ އިތުރުން ބޫޓާންއެވެ. މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ޑާކާގައި ހުންނަ ޕޭން ޕެސިފިކް ހޮޓެލްގައެވެ.
މިއީ ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތަށް ވާއިރު މިފަހަރުގެ މުބާރާތް ވެގެންދާނީ ބަންގްލަދޭޝްގައި މި މުބާރާތް ބާއްވާ ތިންވަނަ ފަހަރަށެވެ.
އިންޑިއާއާ އެއް ގްރޫޕެއްގައި ރާއްޖެ ލައްވާލާފައިވާއިރު މީގެ ކުރިން ތިން ފަހަރެއްގެ މަތިން ފައިނަލުގައި މި ދެ ގައުމު ވަނީ ވާދަކޮށްފައެވެ. އޭގެ ތެރެއިން 1997 ވަނަ އަހަރާއި 2009 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ ހޯދިއިރު 2008 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރާއްޖެއެވެ. މި މުބާރާތާއި އިންޑިއާ ކުރިމަތިލާނީ ޑިފެންޑިން ޗެމްޕިއަނުންގެ ގޮތުގައެވެ. އެގޮތުން 2015 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ އިންޑިއާއެވެ.
މީގެ ކުރިން އަފްޣާނިސްތާން ވެސް މި މުބާރާތުގައި ވާދަކުރި ނަމަވެސް ސެންޓްރަލް އޭޝިއަން ފުޓްބޯޅަ އެސޯސިއޭޝަނާ އެ ޓީމު ގުޅުމާ ވިދިގެން މިއަހަރުގެ މުބާރާތުގައި އަފްޣާނިސްތާން ނުފެންނާނެއެވެ.
މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ވެސް ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާއިރު ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
މުބާރާތުގެ ޗެމްޕިއަންކަން 2003 ވަނަ އަހަރު ބަންގްލަދޭޝް ހޯދިއިރު އިންޑިއާ އިން ވަނީ މި މުބާރާތުގެ ތަށި ހަތް ފަހަރު ހޯދާފައެވެ. ހަމައެހެންމެ އަފްޣާނިސްތާން އަދި ރާއްޖޭގެ އިތުރުން ލަންކާއިން ވެސް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.