ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 22:33
ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ޓީމު
ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ޓީމު
އަހްމަދު ސާއިފް ޝިޔާދް
ޕީއެފްއޭގެ އެންމެ މޮޅު ޓީމު
ސިޓީގެ ފަސް ކުޅުންތެރިންނާ އެކު ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ޓީމު އާންމުކޮށްފި
ގޯލްކީޕަރަކާއި ހަތަރު ޑިފެންޑަރުން އަދި ތިން މިޑްފީލްޑަރުންގެ އިތުރުން ތިން ފޯވާޑުން ހިމެނޭ

މެންޗެސްޓާ ސިޓީގެ ފަސް ކުޅުންތެރިންނާ އެކު އިނގިރޭސިވިލާތާއި ވޭލްސްގައި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޕްރޮފެޝަނަލް ފުޓްބޯލަރސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ކޮންމެ ސީޒަނެއްގައި ހޮވާ އަހަރުގެ އެންމެ މޮޅު ޓީމު އާންމުކޮށްފިއެވެ.

ގޯލްކީޕަރަކާއި ހަތަރު ޑިފެންޑަރުން އަދި ތިން މިޑްފީލްޑަރުންގެ އިތުރުން ތިން ފޯވާޑުންގެ މައްޗަށް އެކުލެވޭ މި ސީޒަނުގެ އެންމެ މޮޅު ޓީމުގައި އެންމެ ގިނައިން ހިމެނިފައި ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނެވެ.

މި ޓީމުގެ ކީޕަރެއްގެ ގޮތުގައި ހޮވާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހޭއާއެވެ. މިދިޔަ ފަސް އަހަރުގެ ތެރެއިން ޑެހޭއާ ވަނީ މި ޓީމުގައި ހަތަރު އަހަރު ހިމެނިފައެވެ. އުމުރުން 27 އަހަރުގެ ކީޕަރުގެ ފަރާތުން މޮޅު ކުޅުމެއް މި ސީޒަނުގައި ވެސް ފެންނަމުންދާއިރު އޭނާ ވަނީ އެ ޓީމު ކުޅުނު 32 މެޗުގެ ތެރެއިން 16 މެޗުގައި އިދިކޮޅު ޓީމަށް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. ޑެހޭއާ ވަނީ އޭނާއާ އަމާޒުވި 80 އިންސައްތަ ހަމަލާ ދިފާއުކޮށްފައެވެ.

މި ޓީމުގެ ޑިފެންސްގައި ހިމެނެނީ މެންޗެސްޓާ ސިޓީގެ ދެ ކުޅުންތެރިން ކަމަށްވާ ކައިލް ވޯކާ އަދި ނިކޮލަސް އޮޓަމެންޑީ އަދި ޓޮޓެންހަމްގެ ޔާން ވަޓޮންގެންގެ އިތުރުން ޗެލްސީގެ މާކޯސް އަލޮންސޯއެވެ. މި ކުޅުންތެރިންގެ ތެރެއިން އަލޮންސޯ ހަ ލަނޑު ޖަހާފައިވާއިރު އޭނާއާ އެއް އަދަދަކަށް ޕްރިމިއާ ލީގުގައި ކުޅޭ އެހެން އެއްވެސް ޑިފެންޑަރަކަށް ލަނޑު ޖެހިފައެއް ނުވެއެވެ. ހަމައެހެންމެ އޮޓަމެންޑީއަކީ 2665 ޕާހާއެކު ޕްރިމިއާ ލީގުގައި އަމާޒަށް އެންމެ ގިނަ ޕާސް ފޮނުވާފައިވާ ކުޅުންތެރިޔާއެވެ.

މި ޓީމުގެ މިޑްފީލްޑްގައި ހިމެނެނީ ސިޓީގެ ކެވިން ޑެބްރައިން އަދި ޑޭވިޑް ސިލްވާގެ އިތުރުން ޓޮޓެންހަމްގެ ކްރިސްޓިއަން އެރިކްސެންއެވެ. އުމުރުން 32 އަހަރުގެ ސިލްވާ ވަނީ މި ސީޒަނުގެ މިހާތަނަށް ނުވަ ލަނޑު ޖަހާ 14 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ޑެބްރައިން ވަނީ މިހާތަނަށް މި ސީޒަނުގައި 11 ލަނޑު ޖަހައި 15 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ހަމައެހެންމެ އޭނާ ވަނީ ހަމަލާ އުފެއްދުމަށް ސިޓީގެ ފޯވާޑުންނަށް 102 ފުރުސަތު ތަނަވަސްކޮށްދީފައެވެ. ހަމައެހެންމެ އެރިކްސެން ވެސް އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

މިއަހަރުގެ ފޯވާޑުންގެ ގޮތުގައި ހޮވާފައި ވަނީ ލިވަޕޫލްގެ މުހައްމަދު ސަލާހު އަދި ޓޮޓެންހަމްގެ ހެރީ ކޭންގެ އިތުރުން މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯއެވެ. ލިވަޕޫލްގެ ފޯވާޑް ލައިންގެ އެންމެ މުހިންމު ރޯލު އަދާކުރަމުން އަންނަ ސަލާހު ވަނީ އެ ޓީމަށް ކުޅުނު 34 މެޗުގައި 30 ލަނޑު ޖަހާފައެވެ. އޭނާ ވަނީ މި ސީޒަނުގެ މިހާތަނަށް ލިވަޕޫލްއަށް އޭނާގެ ލަނޑުތަކުން 15 ޕޮއިންޓް ހޯދައިދީފައެވެ. މި ސީޒަނުގެ މިހާތަނަށް ކޭން 25 ލަނޑު ޖަހާފައިވާއިރު އަނިޔާގެ ސަބަބުން އޭނާއަށް ބައެއް މެޗުތައް ގެއްލުނެވެ. ހަމައެހެންމެ ސާޖިއޯ އަގުއޭރޯ ވެސް މި ސީޒަނުގައި 21 މެޗު ކުޅެފައިވާއިރު އޭނާ ވެސް އަންނަނީ ސިޓީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި ކުޅުންތެރިންގެ ތެރެއިން ސަލާހު، ކޭން، ޑެހޭއާ އަދި ޑެބްރައިންގެ އިތުރުން ޑޭވިޑް ސިލްވާ ވަނީ ޕީއެފްއޭއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް