ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 22:45
މޮރީނިއޯ އަދި ކާކާ
މޮރީނިއޯ އަދި ކާކާ
ގެޓީ އިމޭޖަސް
ހޯސޭ މޮރީނިއޯ
މޮރީނިއޯއާ އެކު މަސައްކަތްކުރުމަކީ އުނދަގޫ ކަމެއް!
އަބަދުވެސް ދެ މީހުންގެ މެދުގައި ވެސް އެކަކު އަނެކަކަށް އިހުތިރާމް އޮތް

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއާ އެކު މަސައްކަތްކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އޭނާގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑްގައި ކުޅުނު ބްރެޒިލްގެ ލެޖެންޑަރީ މިޑްފީލްޑަރު ރިކާޑޯ ކާކާ ބުނެފިއެވެ.

އޭސީ މިލާންއާ އެކު 2003 ވަނަ އަހަރު ޔޫރަޕުގެ ފުޓްބޯޅައަށް ތައާރަފްވި ކާކާއަކީ 2007 ވަނަ އަހަރު ފީފާއިން ހޮވި އެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭސީ މިލާންއާ އެކު އޭނާ ދައްކަމުންދިޔަ މޮޅު ކުޅުމުގެ ސަބަބުން ރެއާލް މެޑްރިޑުން ވަނީ 2009 ވަނަ އަހަރު އޭރުގެ ރެކޯޑު ޓްރާންސްފާ ފީއަކަށް އޭނާ އެ ޓީމަށް ގެނެސްފައެވެ. ރެއާލްގައި މޮރީނިއޯގެ އިރުޝާދުގެ ދަށުން ކާކާ ކުޅުނު ނަމަވެސް އޭނާއަށް އޭސީ މިލާންގައި ދެއްކި ކުޅުން ރެއާލްގައި ދެއްކިފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުޓްބޯޅަ ކުޅުން ހުއްޓާލީ ކާކާ ބުނީ 2009 ވަނަ އަހަރު ރެއާލްއަށް ބަދަލުވާން ނިންމި ނަމަވެސް އެ ޓީމުގައި އޭނާ އެއްކޮށް ހަލާކުވެގެންދިޔަ ކަމަށެވެ. އެގޮތުން މިލާންގައި ދެއްކި ކުޅުން އޭނާއަށް އެ ޓީމުގައި ނުދެއްކުނު ކަމަށާއި ރެއާލްގައި އޭނާ ހުރީ ކުރާނެއް ކަމެއް ނޭނގިފައި ކަމަށެވެ.

މޮރީނިއޯއާ ގުޅޭ ގޮތުން ކާކާ ބުނީ މޮރީނިއޯއަކީ މަސައްކަތްކުރަން ވަރަށް އުނދަގޫ ކޯޗެއް ކަމަށާއި އެހެން ނަމަވެސް އަބަދުވެސް ދެ މީހުންގެ މެދުގައި ވެސް އެކަކު އަނެކަކަށް އިހުތިރާމް އޮތް ކަމަށެވެ. އޭނާ ބުނީ މޮރީނިއޯ އޭނާއަށް ފުރުސަތު ދިން ނަމަވެސް ކުރިޔަށް އޮންނަ މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބޭ ވަރަށް އޭނާއަށް ކުޅުން ނުދެއްކުމަކީ މޮރީނިއޯގެ މައްސަލައެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

އެހެން ނަމަވެސް އަބަދުވެސް މަސައްކަތްކޮށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދުމަށް މަސައްކަތްކުރި ކަމަށް ކާކާ ބުނެފައިވެއެވެ. އޭނާ ބުނީ އެގޮތަށް ކަންކަން ބަހައްޓައިގެން ވެސް ކޯޗުގެ އިތުބާރު އޭނާއަށް ނުލިބުނު ކަމަށާއި އެހާ ހިސާބުން އޭނާއާއެކު މަސައްކަތް ނުކުރެވޭނެކަން އެނގިގެންދިޔަ ކަމަށެވެ. ކާކާ ބުނީ ރެއާލް ދޫކޮށްލިއިރު އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ މޮރީނިއޯގެ ފަރާތުން ލިބުނު ހާއްސަ މެސެއްޖެއް ކަމަށެވެ. އެގޮތުން އެ މެސެޖުގައި އޭނާއަކީ މޮރީނިއޯ އިރުޝާދު ދިން އެންމެ ޕްރޮފެޝަނަލް ކުޅުންތެރިގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް މޮރީނިއޯ ބުނި ކަމަށް ކާކާ ހާމަކުރިއެވެ.

ބްރެޒިލްއާއެކު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކާކާ ރެއާލް ދޫކޮށް 2013 ވަނަ އަހަރު ބަދަލުވީ އަނެއްކާ ވެސް އޭސީ މިލާނަށެވެ. ރެއާލް މެޑްރިޑުގައި އަނިޔާގެ ސަބަބުން ކާކާއަށް ގިނަ މެޗުތަކެއް ގެއްލުނުއިރު އޭނާ ވަނީ އެ ޓީމަށް 120 މެޗު ކުޅެދީ 29 ލަނޑު ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް