ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 19:19
އަހުމަދު ޢަބްދުﷲ އަފީފް(ކ) ޝާހިދުއާއި ޝިފާޒްއާއެކު
އަހުމަދު ޢަބްދުﷲ އަފީފް(ކ) ޝާހިދުއާއި ޝިފާޒްއާއެކު
އަހުމަދު މުހުސިނު
ފަލަ ސުރުޚީ
ރައީސް ނަޝީދާ ގުޅޭ ގޮތުން އދ. ގެ ނިންމުމަށް ނޫނެކޭ ބުނެވޭނެ ޖާގައެއް ނެތް: އަހްމަދު ޢަބްދުﷲ އަފީފް
އޭގެ މާނައަކީ ޤާނޫން އަސާސީގައި ހުރި ހައްޤުތަކެއް ނުދިނުން
ދައުލަތައް ލާޒިމް އދ. ގެ ނިންމުމަށް ބޯލެނބުން

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެއްވެން ޖެހޭނެ ކަމަށް އދ. ގެ ހިއުމަންރައިޓްސް ކޮމެޓީން ނިންމި ނިންމުމަށް ދިވެހި ދައުލަތަކަށް ނޫނެކޭ ނުބުނެވޭނެ ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް އަހުމަދު ޢަބްދުﷲ އަފީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ގެނެސްދިން "ރައީސް ނަޝީދުގެ މައްސަލައިގައި އދ. ގެ ނިންމުން" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަހުމަދު ޢަބްދުﷲ އަފީފް ވިދާޅުވީ ރާއްޖެ ބައިވެރިވެފައިވާ އައިސީޕީއާރުގައި ވެސް ހުރީ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ވެސް އެހުރީ އެވާހަކަތައް ކަމަށެވެ.  

އދ. ގެ ނިންމުން ބަލައެއް ނުގަންނާނެ ކަމަށް ސަރުކާރުން ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވައި އަހުމަދު ވިދާޅުވީ ސަރުކާރުން އެހެން ވިދާޅުވާ ނަމަ އޭގެ މާނައަކީ ޤާނޫނު އަސާސީ އާއި އައިސީސީޕީއާރުގައި ތަފްސީލްކޮށް ލިޔެފައި ހުރި ހައްގުތައް ތިމަންނާމެން ނުދޭނަމޭ ބުނުން ކަމަށެވެ. އަދި ހަމައެކަނި އެހެން ބުނަނީކީ ވެސް ނޫން ކަމަށާއި ރައީސް ނަޝީދާއި އެތައް ބަޔަކަށް މިހާރު ވެސް އެހައްޤު މަހްރޫމް ކޮށްފައިވާ ކަމަށެވެ.

އަހުމަދު ވިދާޅުވީ ޔޫއެންގެ އެނިންމުމަށް ދިވެހި ސަރުކާރުން ނޫނެކޭ މިހާރަކު ނުބުނެވޭނެ ކަމަށާއި އެއަށްވުރެ މާކުރިން އެމުއާހަދާ ތަސްދީޤް ކޮށްފައިވާ ކަމަށެވެ. އަދި އެމުއާހަދާ ތަސްދީޤް ކުރުމަށް ފަހުގައި ވެސް އެއަށް އެއްބަސްވެ އެތަންފީޒް ކުރުމަށްޓަކައި ޕްރޮޓޮކޯލްތަކަށް ވެސް ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.

"ދިވެހި ދައުލަތަކަށް ޔޫއެންގެ އެނިންމުމަކަށް ނޫނެކޭ ނުބުނެވޭނެ. އެއީ ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން މާކުރިން ތަސްދީޤް ކޮށްފައި އޮތް މުއާހަދާއެއް އަދި އެމުއާހަދާ ތަންފީޒް ކުރުމަށް ޕްރޮޓޮކޯލްތަކަކަށް ވެސް ވަނީ އެއްބަސްވެފައި. މިހާރު ދެން ސަރުކާރުން ހިތްހަމަ ނުޖެހޭ ނިންމުމެއް އައިމާ އެނިންމުމަށް ތިމަންނާމެން ތަބާ ނުވާނަމޭ އެހެނެއް ނުބުނެވޭނެ. ދިވެހި ދައުލަތަށް މިއަދު ލާޒިމް ވެގެންވޭ ދިވެހި ރައްޔިތުންގެ ނަމުގައި އެއްބަސްވެފައިވާ ކަންތައްތަކަށް އެއްބަސްވެ އެ ހައްގުތައް ދޭން" އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ އެކަން ބަލައިގަނެ ތަންފީޒް ނުކޮށްފިނަމަ އޭގެ ހިތި ނަތީޖާ ދިވެހި ރައްޔިތުންނަށް ފެންނާނެ ކަމަށާއި އެއީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް