ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 22:47
ޖިމީ ކިމެލް ލައިވްގައި ވާހަކަ ދައްކަމުން އިބްރަހިމޮވިޗް ބުނީ އޭނާ ވޯލްޑް ކަޕަށް ދާނެ ކަމަށް
ޖިމީ ކިމެލް ލައިވްގައި ވާހަކަ ދައްކަމުން އިބްރަހިމޮވިޗް ބުނީ އޭނާ ވޯލްޑް ކަޕަށް ދާނެ ކަމަށް
ޓްވިޓަރ
ޒްލަޓަން އިބްރާހިމޮވިޗް
އަހަރެން ވޯލްޑް ކަޕަށް ދާނަން: އިބްރަހިމޮވިޗް
އޭނާ ނެތި ބާއްވާ ވޯލްޑް ކަޕަކީ އެއީ ވޯލްޑް ކަޕެއްގެ ގޮތުގައި ނުބެލެވޭނެ

އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ރަޝިއާގެ މޮސްކޯގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށް ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ބުނެފިއެވެ.

ޖޫން މަހުގެ 18 ވަނަ ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށް ސްވިޑެން ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު އެ ޓީމުގެ ސްކޮޑަށް އިބްރަހިމޮވިޗް ނަގާނެކަން ކަށަވަރުވެފައެއް ނުވެއެވެ. މީޑިއާތަކުން ވަނީ އަލުން އަނބުރާ ގައުމީ ޓީމަށް އިބްރަހިމޮވިޗް ކުޅޭނެ ކަމަށް ބުނެ ރިޕޯޓުކޮށްފައެވެ. މި ރިޕޯޓުތަކަށް ބާރު ލިބިގެންދިޔައީ މިދިޔަ ހަފްތާގެ ތެރޭގައި ވޯލްޑް ކަޕާ ގުޅޭ ގޮތުން އޭނާ ކުރި ޓްވީޓެއްގެ ސަބަބުންނެވެ. އިބްރަހިމޮވިޗް ކުރި ޓްވީޓްގައި އޭނާ ބުނީ ވޯލްޑް ކަޕްގައި އޭނާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ފަހު އެމެރިކާގެ މޭޖަރ ލީގު ސޮކާގެ އެލްއޭ ގެލެކްސީއަށް އޭނާ ބަދަލުވިއިރު އެ އަނިޔާއިން ރަނގަޅުވުމަށް ފަހު އިބްރަހިމޮވިޗް ވަނީ އެ ޓީމަށް ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހާފައެވެ.

އެމެރިކާގެ މަޝްހޫރު ޓޯކް ޝޯއެއް ކަމަށްވާ ޖިމީ ކިމެލް ލައިވްގައި ވާހަކަ ދައްކަމުން އިބްރަހިމޮވިޗް ބުނީ އޭނާ ވޯލްޑް ކަޕަށް ދާނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަން މިވަގުތު ބޭނުންނުވާ ކަމަށެވެ. އިބްރަހިމޮވިޗް ބުނީ އޭނާ ނެތި ބާއްވާ ވޯލްޑް ކަޕަކީ އެއީ ވޯލްޑް ކަޕެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.

އިބްރަހިމޮވިޗް ގައުމު ކަމަށްވާ ސްވިޑެން ވޯލްޑް ކަޕަށް ކޮލިފައިވާ އެތަކެއް ބަޔަކު ހައިރާންކޮށްލުމަށް ފަހުއެވެ. އެގޮތުން އެ ޓީމު ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރީ ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ވަރުގަދަ އިޓަލީގެ މައްޗަށް ޕްލޭއޮފްގެ ދެ ލެގުގައި 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

އަލުން އެނބުރި ސްވިޑެންގެ ގައުމީ ޓީމަށް ކުޅޭނެ ކަމަށް އިބްރަހިމޮވިޗް ބުނެފައިވާ އިރު އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގެ ޔޫރޯގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ފަހުއެވެ. ސްވިޑެން ގައުމީ ޓީމަށް 116 މެޗު ކުޅެފައިވާ އިބްރަހިމޮވިޗް ވަނީ އެ ޓީމަށް 62 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއަށް ވާއިރު އޭނާވަނީ އެ ގައުމުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު 11 ފަހަރު ހޯދާފައެވެ.

- ކޮމެންޓް