ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޗިލީގެ މިޑްފީލްޑަރު އަރުތޫރޯ ވިޑާލްއަށް އަނިޔާވެ އޭނާއަށް ސީޒަން ނިމިއްޖެއެވެ.
މި ސީޒަނުގައި ބަޔާންއަށް ބުންޑެސްލީގާގައި ކުޅުނު 22 މެޗުގައި އެ ޓީމަށް ހަ ލަނޑު ޖަހައިދީފައިވާ ވިޑާލް އެ ޓީމަށް އެންމެ ފަހުން ލީގުގައި އެ ޓީމަށް މެޗެއް ކުޅެދީފައި ވަނީ މިދިޔަ މަހުގެ ތެރޭގައި އާރްބީ ލީޕްޒީގް އަތުން 1-0 އިން އެ ޓީމު މޮޅުވި މެޗުގައެވެ. އެ މެޗުގައި ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް ފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ސެވިއްޔާ އަތުން ބަޔާން މޮޅުވި މެޗުގައި އޭނާ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުނު ނަމަވެސް އަނިޔާ ބޮޑުވުމުގެ ސަބަބުން 36 ވަނަ މިނެޓަށް ފަހު އޭނާ ވަނީ ދަނޑުން ބާލާފައެވެ. ހަމަ އެހެންމެ މި ހަފްތާގައި ކުރިޔަށްގެންދިޔަ ބަޔާންގެ ފަރިތަކުރުންތަކުގައި އޭނާގެ ކަކުލަށް ވަނީ އަނެއްކާ ވެސް އަނިޔާވެފައެވެ.
ބަޔާންގެ ރަސްމީ ވެބްސައިޓުގައި އެ ޓީމުން އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދުމުގެ ގޮތުން ސާޖަރީއެއް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި އެ ސާޖަރީ ކާމިޔާބު ކަމަށާއި އޭނާގެ ރިކަވަރީގެ ކަންކަން ވަރަށް ގާތުން ބަޔާންގެ މެޑިކަލް ޓީމުން ކުރިޔަށް ގެންދާނެ ކަމަށް ވެސް މި ބަޔާނުގައިވެއެވެ. ހަމައެހެންމެ މި ސާޖަރީއާ އެކު އޭނާއަށް ސީޒަން ނިމިފައިވާ ކަމަށް ވެސް ބަޔާންގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނުގައިވެއެވެ.
އުމުރުން 30 އަހަރުގެ މިޑްފީލްޑަރަށް އަނިޔާއިން ސަލާމަތްވުމަށް އިތުރު ވަގުތުތަކެއް ވެސްލިބިގެންދާނެއެވެ. އެގޮތުން އޭނާގެ ގައުމު ކަމަށްވާ ޗިލީއަށް މިއަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ލިބިފައިނުވާއިރު އޭނައަށް އެހެން ކުޅުންތެރިންނަށްވުރެ ދިގު އޮފް ސީޒަނެއް މިކަމުގެ ސަބަބުން ލިބިގެންދާނެއެވެ. ވިޑާލް އެންމެ އަވަހަށް ބަޔާންގެ ޖާޒީގައި ފެނިގެންދާނީ އަންނަ ސީޒަނަށް ތައްޔާރުވުމަށް އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައެވެ.