ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހު ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާއި 9 ވަނައިގައި އޮތް ސެލްޓަވީގޯ ބައްދަލުކުރި މެޗް 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ބާސާ މިމެޗު ފަށާފައިވަނީ މުހިއްމު ކުޅުންތެރިން ބެންޗުގައި ބައިތިއްބައިގެންނެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރޭ ކޮޕަ ޑެލްރޭގެ ފައިނަލުގައި ސެވިއްޔާއާއި ދެކޮޅަށް ނިކުންނަ މެޗަށް ރެސްޓް ދިނުމުގެ ގޮތުން ލަޔޮނެލް މެސީއާއި ލުއިސް ސުއަރޭޒް މެޗް ފެށީ ބެންޗުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު އޮސްމާން ޑެމެބެލޭ ޖަހާ ސެލްޓަވީގޯގެ ގޯލު ހުޅުވާލީ މެޗުގެ 36 ވަނަ މިނެޓުގައެވެ،. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ސެލްޓަވީގޯގެ ކާސްޓްރޯ އޮޓޯ ލަނޑެއް ޖަގާ ސްކޯ ހަމަހަމަ ކުރިއެވެ.
ބާސާއިން ދެވަނަ ހާފުގައިވެސް ލީޑު ނެގިއެވެ. 64 ވަނަ މިނެޓުގައި ޕަކޯ އަލަކަސާ ލަނޑެއް ޖަހާ ބާސާ ލީޑު ނަގާފައިވަނިކޮށް މެޗު ނިމެން ކައިރިވަމުންދަނިކޮށް އިއާގޯ އަސްޕާސް ލަނޑެއް ޖަހާ ސެލްޓަވީގޯއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
މިމެޗުގައި ބާސާ ފަހު ވަގުތުކޮޅު ކުޅެފައިވަނީ 10 ކުޅުންތެރިންނާއި އެކުއެވެ. 71 ވަނަ މިނެޓްގައި ސެލްޓަވީގޯގެ އަސްޕާސް ފައުލްކުރުމާއި ގުޅިގެން ބާސާގެ ސާރޖީ ރޮބާޓޯއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
މެޗުން އެއްވަރުވުމުން އެއްވެސް މެޗަކުން ބަލި ނުވެ ބާސާ މިހާރު ވަނީ 40 މެޗު ހަމަކޮށްފައެވެ. އަދި މި މެޗުން އެންމެ ޕޮއިންޓެއް ލިބުނު ނަމަވެސް، ތާވަލުގެ 2 ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެމެދު 12 ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ.
ލަލީގާގައި އިއްޔެ ކުޅެވުނު އެހެން މެޗްތަކަށް ބަލާއިރު ޑިޕޯޓިވޯ ލަކަރޫނިއާ އާއި ސެވިއްޔާ ބައްދަލުކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ވިޔަރެއާލް އާއި ލެގާނޭސް ބައްދަލުކުރި މެޗް 2 - 1 އިން ކާމިޔާބު ކުރީ ވިޔަރެއާލްއެވެ.