ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 21:27
އެްލޖީއޭގެ ބޯޑު ބައްދަލުވުމެއްގެ ތެރެއިން
އެްލޖީއޭގެ ބޯޑު ބައްދަލުވުމެއްގެ ތެރެއިން
އެލްޖީއޭ
ވިލިނގިލި ކައުންސިލް
ރާއްޖެ ޓީވީގެ ހުސައިންއަށް އަނިޔާ ކުރުމުން ބަޔާނެއް ނެރެގެން ވިލިނގިލީ ކައުންސިލް ސަސްޕެންޑް ކޮށްފި
 
ކައުންސިލް ހިންގާނީ ޒިންމާދާރު ވެރިޔާ
 
މުސާރަ އާއި އިނާޔަތް ވެސް ނުލިބޭނެ
 
ސަސްޕެންޑް ކުރީ 1 މަސް ދުވަހަށް

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަންއަށް ފުލުހުން އަނިޔާ ކުރުމާ ދެކޮޅަށް ހުސައިން ނިސްބަތްވާ ގއ. ވިލިނގިލީ ކައުންސިލުން ބަޔާނެއް ނެރުނީތީ އެކައުންސިލްގެ ފަސް މެންބަރުން ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާރަ ދުވަހު ވިލިނގިލީ ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާ ޝަޒުމާ މުހައްމަދަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެރަށު ކައުންސިލްގެ ފަސް މެންބަރުން މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ކައުންސިލް އެއްކޮށް ސަސްޕެންޑް ކުރި ސަބަބެއް ކަމުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ބޭރުން އެކައުންސިލުން ނޫސްބަޔާނެއް ނެރެފައިވާތީ ކަމަށެވެ.

އެލްޖީއޭ އިން ނެރުނު ނޫސް ބަޔާނަކީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަންއަށް ދިވެހި ފުލުހުން ޤާނޫނާ ޤަވާއިދާ ޚިލާފަށް ކޮށްފައިވާ އަނިޔާތައް ކުށްވެރިކޮށް ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެކައުންސިލްގެ ފަސް މެންބަރުން ސޮއިކުރައްވައި ނެރުއްވި ބަޔާނެވެ.

އެލްޖީއޭ އިން ބުނީ އެނޫސް ބަޔާނުގައި ބުނެފައިވާ ކަންކަން އެއޮތޯރިޓީން ސާފުކުރިއިރު ނޫސްބަޔާނުގައި ބަޔާންކޮށްފައިވާ މައްސަލައާ ގުޅޭ ގޮތުން ދައުލަތުގެ ކަމާގުޅޭ ތަހުގީގީ އެއްވެސް އިދާރާއަކުން ނިންމެވުމެއް ނިންމަވާފައި ނުވާއިރު އަދި މައްސަލައާ ގުޅޭ މައުލޫމާތު ކަށަވަރު ކުރުމަކާ ނުލައި ކައުންސިލްގެ ނިންމެވުމެއް ނެތި ކައުންސިލްގެ ނަމުގައި ބަޔާން ނެރެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެލްޖީއޭ އިން ބުނީ އެކަމަށް ރިއާޔަތްކޮށް އެލްޖީއޭގެ ބޯޑުން ނިންމީ އެ ބަޔާނުގައި ސޮއިކުރި ފަސް ކައުންސިލަރުން މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ކަމަށެވެ.

އެމުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލް ކުރުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި އަދި ކައުންސިލަރުންގެ ސަސްޕެންޝަންގެ މުއްދަތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ގއ ވިލިނގިލީ ކައުންސިލާއި ގއ ވިލިނގިލީ ކައުންސިލަށް ލަފާދޭ ކޮމެޓީގެ  މަޝްވަރާގެ މަތިން ކައުންސިލް ހިންގުމާ ހަވާލުވެ ހުންނާނީ ކައުންސިލްގެ އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތާ އެވަގުތަކު ހަވާލުވެ ހުރި ފަރާތްކަމަށް އެސިޓީގައި ބުނެފައި ވެއެވެ.

އެލްޖީއޭ އިން ވަނީ އެދަރަޖައިގެ ކުށެއް ތަކުރާރުކޮށްފި ނަމަ ގއ ވިލިނގިލީ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހެޅޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ގއ ވިލިނގިއްޔަށް ނިސްބަތްވާ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިންއަށް ފުލުހުން އަނިޔާ ކުރުމުގެ ސަބަބުން އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލުންނާއި އަވައްޓެރި ސްރީލަންކާ އިން ފަރުވާ ހޯދާފައެވެ. އެމައްސަލަ އެޗްއާރުސީއެމުން ދަނީ ބަލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
20%
0%
80%
0%
0%
ކޮމެންޓް