ބާސެލޯނާއަށް ކުޅެމުން އަންނަ ލިއޮނެލް މެސީ އަދި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯއާ ވާދަކުރަން އެޓްލެޓިކޯ މެޑްރިޑްގެ ފްރާންސްގެ އެންޓޮއިން ގްރީޒްމަން ޖެހޭނީ ކްލަބާ އެކު ތަށި ކާމިޔާބުކުރަން ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ފެނާންޑޯ ޓޮރޭޒް ބުނެފިއެވެ.
މިދިޔަ ސީޒަނުގައި ގްރީޒްމަން 26 ލަނޑު ޖެހިއިރު މި ސީޒަނުގެ މިހާތަނަށް އޭނާ ވަނީ އެ ޓީމަށް އެ އަދަދަށް ލަނޑު ޖަހައިދީފައެވެ. ގްރީޒްމަންގެ މޮޅު ކުޅުމާ އެކު އޭނާ ހޯދުމަށް ބާސެލޯނާ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބާސާއާ އެކު ގްރީޒްމަން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ސީޒަނަށް ފަހު އެޓްލެޓިކޯ ދޫކޮށްލުމަށް ނިންމާފައިވާ ޓޮރޭޒް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ މެސީ އަދި ރޮނާލްޑޯއާ އެއް ފެންވަރަކަށް ދިޔުމަށް ގްރީޒްމަން ކުރަންޖެހޭނީ އެންމެ ކަމެއް ކަމަށެވެ. އޭނާ ބުނީ ގްރީޒްމަންގެ މަދުވަނީ ހަމައެކަނި ކްލަބާ އެކު ލިބިފައިވާ ކާމިޔާބީތައް ކަމަށާއި އުއްމީދަކީ އެޓްލެޓިކޯއާ އެކު އޭނާ އެ ކާމިޔާބުތައް ހޯދުން ކަމަށެވެ.
ގްރީޒްމަންއަށް ތައުރީފްކޮށް ވާހަކަ ދެއްކުމަށް ފަހު ޓޮރޭޒް ބުނީ އޭނާގެ އުއްމީދަކީ ގްރީޒްމަންގެ އިތުރުން ކީޕަރު ޔާން އޮބްލަކް އަދި ކޯޗު ޑިއޭގޯ ސިމިއޯނޭ އަންނަ ސީޒަނުގައި ވެސް އެ ޓީމުގައި މަޑުކުރުން ކަމަށެވެ. އޮބްލަކް ވެސް އެ ޓީމު ދޫކޮށްލަން އުޅޭ ކަމަށް މީޑިއާތަކުން ބުނަމުންދާއިރު ޓޮރޭޒް ބުނީ އޮބްލަކް ފަދަ ކުޅުންތެރިޔަކު ހޯދުމަށް އޭނާ ބޮޑު ހަރަދުތަކެއް ވެސް ކުރަން ތައްޔާރު ކަމަށެވެ.
ފަހުގެ ތާރީހެއްގައި ގްރީޒްމަންއަކީ ރޮނާލްޑޯ އަދި މެސީއާ އެންމެ ބޮޑަށް ވާދަކުރަން މަސައްކަތްކުރަމުންދާ ކުޅުންތެރިޔާއެވެ. އަދި 2016 ވަނަ އަހަރު ފީފާއިން ހޮވި ފީފާ ދަ ބެސްޓް ޕްލޭޔަރ އަދި ފްރާންސް ފުޓްބޯޅަ މަޖައްލާއިން ދިން ބެލެންޑޯ އެވޯޑުތައް ރޮނާލްޑޯ ގެންދިޔައިރު އެ އެވޯޑުތަކުގައި މެސީގެ ފަހަތުން ގްރީޒްމަންއަށް ލިބުނީ ތިންވަނައެވެ.
އެޓްލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަނީ 2022 ވަނަ އަހަރު ކަމަށްވާއިރު އޭނާގެ ރިލީޒްފީއެއްގެ ގޮތުގައި ކޮންޓްރެކްޓްގައި ކަނޑައަޅާފައި ވަނީ 200 މިލިއަން ޔޫރޯއެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ ޖުލައި މަހަށް ފަހު މި އަދަދު 100 މިލިއަން ޔޫރޯއަށް ދަށްވެގެން ދާނެއެވެ. އޭނާ އަންނަ ސީޒަނުގައި ފެންނާނީ ބާސާއިން ކަމަށް ބެލެވޭއިރު އޭނާގެ މި ނިންމުން ވެގެންދާނީ ކާމިޔާބު ހޯދަން އޭނާ ނިންމާ ނިންމުމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ފްރާންސްގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ފޯވާޑް ރެއާލް ސޮސިއެޑާޑް ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވެފައި ވަނީ 2014 ވަނަ އަހަރުއެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 196 މެޗުގައި 105 ލަނޑު ޖަހަދީފައެވެ.