ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 21:06
ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ
ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ
ގެޓީ އިމޭޖަސް
އަންދްރޭސް އިނިއެސްޓާ
އިނިއެސްޓާގެ ކުރިމަގު އަދިވެސް ވާނުވާގައި!
އެޕްރީލް މަސް ނިމުމުގެ ކުރިން ކުރިމަގާ މެދު އޭނާ ގޮތެއް ނިންމާނެ

ބާސެލޯނާގެ ކެޕްޓަން އަދި ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާގެ ކުރިމަގާ މެދު ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

އިނިއެސްޓާ ބުނެފައި ވަނީ އޭނާގެ ކުރަމަގާ މެދު ގޮތެއް ނިންމާފައިވާ ކަމަށާއި އެޕްރީލް މަސް ނިމުމުގެ ކުރިން އެކަން ހާމަކުރާނެ ކަމަށެވެ. ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނަކާ ވާހަކަ ދައްކަމުން އޭނާ ބުނީ ބާސާއާ ދެކޮޅަށް ކުޅޭނެ ފުރުސަތު އޮންނާނޭ ޓީމަކަށް ބަދަލުނުވާނެ ކަމަށާއި އެ ނޫން ކޮންމެ ޓީމަކުން ވެސް އޭނާ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ބުނީ ވަރަށް ގިނަ ކަންކަން އޭނާއަށް ވިސްނޭ ކަމަށާއި ގޮތެއް ނިންމުމަށް ބާކީ އޮތީ މަދު ހަފްތާތަކެއް ކަމަށެވެ.

ޗައިނީޒް ސުޕާ ލީގުގައި ވާދަކުރަމުން އަންނަ ޓިއަންޖިން ކުއަންޖިއާން އަށް އިނިއެސްޓާ ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް އެ ކްލަބުން ވަނީ މިއީ ދޮގު ޚަބަރުތަކެއް ކަމަށާއި އެ ޚަބަރުތައް ފަތުރަމުންދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރުދީފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ބާސާގެ ކޯޗު ބުނީ އިނިއެސްޓާގެ ޝަރަފުގައި ރަސްމިއްޔާތެއް ބޭއްވުމާ މެދު އަދި ގޮތެއް ނިންމާފައިވާ ނުވާ ކަމަށާއި އޭނާ އެ ޓީމު ދޫކޮށްލާނެކަން ކަށަވަރުނުވާ ކަމަށެވެ. އޭނާ ބުނީ ޓީމު ދޫކޮށްލާނީ ކޮން ކުޅުންތެރިންތަކެއްކަން އޭނާ ބުނުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭ ކަމަށެވެ. އިނިއެސްޓާގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ އޭނާ އަމިއްލައަށް ކަމަށާއި އެކަމާ ގުޅޭ ގޮތުން އިތުރު ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ވަލްވާޑޭ ބުނެފައިވެއެވެ.

މި ސީޒަނުގައި އިނިއެސްޓާ ފުރިހަމަ 90 މިނެޓު ހަމަކޮށްފައި ވަނީ އެންމެ ދެ މެޗުގައެވެ. އިނިއެސްޓާގެ ފިޓްނެސްއަށް ވަލްވާޑޭ ބޮޑު އަހަންމިއްޔަތުކަމެއް ދެމުންދާއިރު އޭނާއަށް އަނިޔާގެ ސަބަބުން މި ސީޒަނުގައި ގިނަ މެޗުތަކެއް ވެސް ގެއްލުނެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވަލްވާޑޭ ބުނީ އެ ނިންމުން ނިންމާފައި ވަނީ މެޗުތަކުގެ ނަތީޖާއަށް ވިސްނުމަށް ފަހު ކަމަށާއި އިނިއެސްޓާއަށް ރެސްޓްކުރަން ވަގުތުދޭން ބޭނުންވާ ކަމަށެވެ. މެޗުތައް ކުރިޔަށްދާ ގޮތުން މެދުތެރެއަށް ބަދަލު ގެންނަޖެހޭ ކަމަށާއި އެހެންކަމުން އިނިއެސްޓާގެ ފިޓްނެސް ބެލުމަށް ފަހު އޭނާ ބެންޗުކުރަނީ ކަމަށް ވަލްވާޑޭ ބުނެފައިވެއެވެ.

އިނިއެސްޓާ ބުނީ މިއީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ނިންމުން ކަމަށާއި މިހާރު އޭނާގެ އުމުރުގެ ސަބަބުން ވަރަށް ގިނަ ފުރުސަތުތައް ލިބެމުންދާ ކަމަށެވެ. އޭނާ ބުނީ މިއީ ކްލަބަށް އޮންނަ ލޯތްބެއްގެ ސަބަބުން ނިންމާ ނިންމުމެއް ނޫން ކަމަށާއި މިއީ އޭނާގެ ފިޓްނެސްއަށް ބެލުމަށް ފަހު ނިންމާ ނިންމުމެއް ކަމަށެވެ. ހަމައެހެންމެ އިންޖަރީ ނުވާ ނަމަ ބާސާގެ ފުރަތަމަ އެގާރައިން ކުރިޔަށް އޮތް ދެ އަހަރު ވެސް ފުރުސަތު ލިބޭނެ ކަމަށް އިނިއެސްޓާ ބުނެފައި ވެއެވެ.

އިނިއެސްޓާ ބުނީ އޭނާ ބާސާ ދޫކޮށްލާނީ އެ ޓީމަށް ކުޅުންތެރިއެއްގެ ގޮތުގައި 100 އިންސައްތަ ނުދެވޭނެކަން ކަށަވަރުވުމުން ކަމަށާއި އެ ނިންމުން ވެގެންދާނީ ވަރަށް އުނދަގޫ ނިންމުމަކަށް ކަމަށެވެ. އޭނާ ބުނީ ނިންމުން ކިތަންމެ އުނދަގޫވި ނަމަވެސް އެކަމާ މެދު މާ ބޮޑަށް ނުވިސްނާ ކަމަށާއި ވިސްނަމުންދަނީ މި ސީޒަނުގައި ކާމިޔާބު ހޯދުމަށް ކަމަށެވެ.

އިނިއެސްޓާއަކީ 639 މެޗާ އެކު ބާސާއަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. ބާސާއާ އެކު އިނިއެސްޓާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ސްޕެނިޝް ލީގު ޗެމްޕިއަންކަން 8 ފަހަރު، އަދި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި 4 ފަހަރު ހޯދުން ފާހަގަ ކޮށްލެވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް