ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 18:40
ފްރާންސްގެ ޒުވާން މިޑްފީލްޑަރު ތޯމަސް ލެމާރ
ފްރާންސްގެ ޒުވާން މިޑްފީލްޑަރު ތޯމަސް ލެމާރ
ގެޓީ އިމޭޖަސް
ތޯމަސް ލެމާރ
ލެމާރ ވިއްކާލުމަށް މޮނާކޯއިން ނިންމައިފި
އޭނާ ވިއްކާލާނީ އެންމެ މަދުވެގެން 90 މިލިއަން ޕައުންޑްގެ ފީއަކަށް

މޮނާކޯއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން މިޑްފީލްޑަރު ތޯމަސް ލެމާރ ވިއްކާލުމަށް އެ ޓީމުން ނިންމަފިއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އާސެނަލް އިން ވަނީ ލެމާރ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެލެކްސިސް ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ނިންމުމާއި ގުޅިގެން ލެމާރ ހޯދުމަށް އާސެނަލްއިން 92 މިލިއަން ޕައުންޑް ބިޑުކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ލެމާރ ގެނައުމުގެ ބަދަލުގައި އެ ޓީމުން ވަނީ އަރުމީނިއާގެ މިޑްފީލްޑަރު ހެންރިކް މިޚްތަރިޔާން އަދި ގެބޯންގެ ފޯވާޑް ޕިއޭ އެމެރިކް އޮބަމަޔަންގ ގެނެސްފައެވެ. ފިލިޕޭ ކުޓީނިއޯ ލިވަޕޫލް ދޫކޮށްލުމާ ގުޅިގެން އޭނާގެ ބަދަލުގައި ލެމާރ ހޯދުމުގެ މަސައްކަތް ލިވަޕޫލްއިން ވެސް ކުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މޮނާކޯގެ ނައިބް ރައީސް ވަޑިމް ވަސިލްޔޭވް ބުނެފައިވަނީ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޓްރާންސްފާ މާކެޓުގެ ވާހަކަ ދައްކަން ބޭނުންނުވި ކަމަށާއި އެހެން ނަމަވެސް ލެމާރ ހޯދުމަށް ބޭނުންވާ ޓީމުތަކައް މިހާރު އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އޭނާއަކީ ވަރަށް އަގުމަތި ކުޅުންތެރިޔެއް ކަމަށާއި އެހެންކަމުން އެނާ ގެންދަން ބޭނުންވާނަމަ އެ އަގު ހުށަހަޅަން ޖެހޭ ކަމަށް ވަސިލްޔޭވް ބުނެފައިވެއެވެ. އޭނާ ބުނީ އާސެނަލްއަށްވުރެ ބޮޑަށް ލެމާރ ފެންނަން ބޭނުންވަނީ ލިވަޕޫލްގެ ޖާޒީއިން ކަމަށެވެ.

މޮނާކޯގެ ކޯޗު ލިއޮނާޑޯ ޖާޑިމް ވެސް ބުނެފައި ވަނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެ ޓީމު ކުޅުންތެރިޔަކު ހޯދުމަށް ރަނގަޅު ހުށަހެޅުމެއް އައިސްފި ނަމަ އެކަމަކަށް ހުރަސް ނާޅާނެ ކަމަށެވެ. އެގޮތުން ލެމާރ އެ ޓީމު ދޫކޮށްލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި ޔަގީނުން ވެސް ޓީމުން މަދުން ފުރުސަތު ލިބޭ ކުޅުންތެރިން އެހެން ޓީމަކަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ޖާޑިމް ބުނެފައިވެއެވެ. އެހެން ނަމަވެސް ލެމާރއަކީ އެ ޓީމުގެ މުހިންމު ކުޅުންތެރިޔަކަށް ވުމާ އެކު އޭނާ ވިއްކާލާނީ އެންމެ މަދުވެގެން 90 މިލިއަން ޕައުންޑްގެ ފީއަކަށް ކަމަށް ބެލެވޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ލެމާރ ބުނީ އެހެން ޓީމަކަށް ބަދަލުނުވެވުމުން ވަރަށް ހިތްހަމަނުޖެހުނު ކަމަށާއި އެހެން ނަމަވެސް އެކަންކަން ނިމުމާ އެކު އެކަންކަމާ މެދު ނުވިސްނާ ކަމަށެވެ. ލެމާރ ބުނީ ކޮންމެ ގޮތެއްވި ނަމަވެސް މި ސީޒަނުގައި މަސައްކަތްކުރާނީ އަނެއްކާ ވެސް ޓީމުތަކުން އޭނާ ހޯދުމަށް މަސައްކަތްކުރާނެ ވަރަށް އޭނާގެ ކުޅުމުގެ ފެންވަރު ގެންދިޔުމަށް ކަމަށް ކަމަށެވެ. އޭނާ ބުނީ ކޮންމެ ޓީމަކުން އޭނާ ހޯދުމަށް އައި ނަމަވެސް އެކަމަށް ފުރަގަސް ނުދޭނެ ކަމަށާއި ކޮންމެ ޓީމަކުން ވެސް އޭނާ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ބުނީ އަބަދުވެސް ބޭނުންވަނީ ޕްރިމިއާ ލީގުގައި ކުޅެން ކަމަށާއި އެހެންކަމުން ޕްރިމިއާ ލީގުގެ ޓީމަކަށް އިސްކަންދެވޭނެ ކަމަށެވެ.

އުމުރުން 22 އަހަރުގެ މިޑްފީލްޑަރުގެ ފަރާތުން މި ސީޒަނުގައި ފެންނަމުންދަނީ ރަނގަޅު ކުޅުމެކެވެ. އެގޮތުން މި ސީޒަނުގައި އޭނާ ވަނީ މޮނާކޯއަށް ކުޅެދިން މެޗުތަކުގައި ހަތަރު ލަނޑު ޖަހައި ހަތަރު އެސިސްޓް ހަދާފައެވެ. ފްރާންސްގެ ގައުމީ ޓީމުން ވެސް ޖާގަ ހޯދަމުން އަންނަ ލެމާރ މޮނާކޯއާ ގުޅުނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ އެ ޓީމަށް ކުޅުނު 118މެޗުގައި ވަނީ 22 ލަނޑު ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް