ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 17:21
ގާނޫނީ ވަކީލުން ކަރެކްޝަނަލް ސާވިސްގައި
ގާނޫނީ ވަކީލުން ކަރެކްޝަނަލް ސާވިސްގައި
ޙުސައިން ޙަސަން
ގާނޫނީ ވަކީލުން
ހައްޔަރީންގެ ހައްގުގެ ދިފާއުގައި ދިޔަ ވަކީލުންނަށް ކަރެކްޝަނުން ދިނީ ފޯމެއް!؟
 
ގާނޫނާ ހިލާފަށް އަމަލު ކުރާ ސަބަބެއް ކަރެކްޝަނަކަށް ނުބުނެދެވުނު
 
ވަކީލުން ބޭނުންވަނީ ކަންބޮޑުވުންތައް ވެރިންނާ ހިއްސާކުރަން
 
ތިން މަސް ކުރިން ހުށަހެޅި ފޯމަށް ޖަވާބު ހޯދަން އަނެއްކާ ވެސް ފޯމެއް

ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ހައްގުތައް ގެއްލިގެންދާ ކަމަށް ބުނެ، ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުންނާ ބައްދަލު ކުރަން ގާނޫނީ ވަކީލުން ވަޑައިގަތުމުން، އެ ބޭފުޅުންނާ ބައްދަލުނުކޮށް އިތުރު ތަކުލީފުތަކެއް ޖައްސައިފިއެވެ.

ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް މީގެ ތިން މަސް ކުރިން ވެސް ގާނޫނީ ވަކީލުން ވަނީ އެ ސާވިސްއަށް ފޯމު ހުށަހަޅުއްވާފައެވެ. އެ ފޯމުތަކަށް ޖަވާބު ނުލިބި ދިގުލައިގެން، ދިއުމުން ގާނޫނީ ވަކީލުން އަންގާރަ ދުވަހު އެ ސާވިސްއަށް ވަޑައިގެން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އެގޮތުން 20 ވަކީލަކު ކަރެކްޝަނަށް ވަޑައިގެން، އެ ބޭފުޅުންގެ މުވައްކިލުންގެ ހައްގުގައި ވާހަކަ ދައްކަވަން ފެއްޓެވުމުން، ފޯމެއް ހުށަހެޅުމަށް ވަކީލުންނަށް ވަނީ އަންގާފައެވެ.

ގާނޫނީ ވަކީލުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި-- ފޮޓޯ/ ޙުސައިން ޙަސަން

ކަރެކްޝަނަލް ސާވިސް އިން ނުކުމެވަޑައިގެން، ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ގާނޫނީ ވަކީލުން މިދިޔަ ފެބްރުއަރީ މަހު ވެސް ކަރެކްޝަނަށް ފޯމު ހުށަހަޅާފައިވާ ކަމަށާއި އެ ފޯމުތަކުގެ ޖަވާބު އަދިވެސް ނުލިބޭ ކަމަށެވެ. އެ ހުށަހެޅުންތަކަށް ޖަވާބު ނުލިބި ދިގުލައިގެންދާއިރު، އެ ސާވިސްއަށް ޝަކުވާ ހުށަހަޅަންޖެހޭ އުސޫލު މުވައްޒަފުންނަށް ނޭނގޭ ކަމަށާއި އެ އުސޫލުތައް ވެސް ލިޔެވިފައި ނުހުންނަ ކަމަށް ހިސާން ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް ވެސް އެހާ ސާފެއް ނޫން ކަންނޭނގޭ އެ ބޭފުޅުން އަމަލު ކުރައްވަންޖެހޭ އުސޫލުތަކަކީ ކޮބައިކަން. އަދި ލިޔެވިފައެއް ވެސް ނުހުރޭ. އަޅުގަނޑުމެންނަށް މިއަދު މި އެނގިގެންދިޔައީ ހަގީގަތުގައި އެތާ އިންނަވާ ބޭފުޅާއަށް ވެސް އަންނަ ކޮމާންޑެއް އައިމާ އެއީ އެވަގުތު އަމަލު ކުރާ އުސޫލު. އެ ދުވަހަކު އަމަލު ކުރަން އޮންނަ އުސޫލު،" ހިސާން ވިދާޅުވިއެވެ.

ހައްޔަރުކޮށްފައިވާ މީހުންނާއި ގައިދީންނާ މެދު ކަރެކްޝަނުން އަމަލު ކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ހިސާން ވިދާޅުވީ ހައްޔަރީން ޑޮކްޓަރަށް ދެއްކުން ލަސްކުރަމުންދާ ކަމަށާއި ވަކީލުންގެ ބައްދަލުވުންތަކަަށް ފުރުސަތު ދިނުމުގައި ކަރެކްޝަނުން ދަތިތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ. އެގޮތުން ރޭގަނޑުގެ ލަސް ވަގުތުތަކުގައި ވަކީލުންގެ ބައްދަލުވުން ހަމަޖައްސާތީ އާއި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާއިރު ވެސް ބައްދަލުވުން ހަމަޖެހުނުކަން ނާންގާތީ އެކަމުގެ ކަންބޮޑުވުން ހިސާން ވަނީ މީޑިއާއާ ހިއްސާކުރައްވާފައެވެ.

"ގޮޅިތަކުގައި ބައިތިއްބާފައި ތިބޭއިރު އިންސާނުންނާ މެދު އަމަލު ކުރަންޖެހޭ ގޮތާ ކަނޑައެޅިގެން ހިލާފަށް، ވަރަށް ބޭއިންސާފުން ލާއިންސާނީ ގޮތަށް އަމަލު ކުރާކަން. ގޮޅިތަކުގެ ހާލަތު ވަރަށް ދަށްކަން،" ހިސާން ވިދާޅުވިއެވެ.

ވަކީލުންގެ ޝަކުވާ ކަރެކްޝަނަށް ހުށަހަޅަނީ-- ފޮޓޯ/ ޙުސައިން ޙަސަން

ހައްޔަރުކޮށްފައިވާ ފަރާތްތަކާ މެދު އަމަލު ކުރަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ބަންދުގެ ޝަރީއަތްތަކުގައި ފުލުހުން ބުނަމުންދާތީ، އެ އުސޫލުތައް ހިއްސާކޮށްދިނުމަށް ކަރެކްޝަނަލް ސާވިސްގައި ވަކީލުން ވަނީ އެދިވަޑައިގެންފައެވެ. ގެޒެޓްކޮށްފައިވާ ކަމަށް ބުނާ އެ އުސޫލުތަކުގެ ނަމްބަރުތަކާއި ތާރީހުތައް ދިނުމަށް އެދުމުން ވެސް ކަރެކްޝަނުން އެ މައުލުމާތު ފޯރުކޮށްދީފައި ނުވާ ކަމަށް ވަކީލުން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
50%
0%
50%
0%
0%
ކޮމެންޓް