ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 16:42
ޝެއިހް އާދަމް ނިޝާން
ޝެއިހް އާދަމް ނިޝާން
ފޭސްބުކް
ރައީސް ޔާމީން
ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
 
އެއީ ސައްހަ މައުލޫމާތު ކަމަށް ވެސް ނިޝާން ވިދާޅުވޭ
 
ޝެއިހު ނިޝާން ވިދާޅުވީ އައްޞާދިގަކީ މޫނުބުރުގާ އެޅުން މަނާ ކުރުމަށް ގޮވާލާފައިވާ މީހެއް ކަމަށް

އިސްލާމް ދީން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށް ރައީސް އަބުދުﷲ ޔާމީން އަށް ޚާއްސަ އެވޯޑެއް އެރުއްވި، އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމުގެ ރައީސް އަދި ސޫދާނުގެ ކުރީގެ ބޮޑުވަޒީރު ޑރ. އައްޞާދިގު އައްޞިއްދީގު އަބުދުއްރަހްމާން އަލްމަހުދީ އަށް ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

އައްޞާދިގާ މެދު ސޯސަލް މީޑިއާގައި ބައެއް ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކޮށްފައިވާއިރު، އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ ރާއްޖޭގެ ޝައިހެއް ކަމަށްވާ ޝައިހް އާދަމް ނިޝާންގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވާ ލިޔުމެވެ.

ޝެއިހް ނިޝާން ވިދާޅުވެފައި ވަނީ އިސްލާމްދީނުގެ މެދު ފަންތި ފެތުރުމަށާއި ބައެއް މީހުންނަކީ ބޮޑެތި އިލްމުވެރިން ކަމަށް ހަދާ މީހުންގެ ކުރިމައްޗަށް ނެރެމުން މިދަނީ މާތްﷲ ބާއްވައިލެއްވި އެތައް ހުކުމްތަކަކަށް އިންކާރުކޮށް، އިސްލާމްދީނުގެ ސައްހަ އަޤީދާއިން ބޭރުވެފައިވާ އަދި "ޑިމޮކްރަސީ ދީނު"ގެ ސިޔާސީ ވެރިންނަށް ވެފައިތިބި އަލްމާނީ ސެކިއުލަރިސްޓުން ކަމަށެވެ. 

ނިޝާން ވިދާޅުވެފައި ވަނީ އައްޞާދިގަކީ މޫނުބުރުގާ އެޅުން މަނާ ކުރުމަށް ގޮވާލާފައިވާ މީހެއް ކަމަށާއި އައުރަ ނިވާ ކުރަން ބުރުގާ އެޅުން ވާޖިބު ނޫން ކަމަށް ބުނެފައިވާ މީހެއް ކަމަށެވެ. އަދި އަންހެނުންނަށް ކައިވެނީގެ ހެކިވެރިންނަށް ވެވޭނެ ކަމަށާއި ނަމާދު ކުރާއިރު، އަންހެނުންނާއި ފިރިހެނުން ޖެހިޖެހިގެން ސަފު ހެދޭނެ ކަމަށް ބުނެ، ފަތުވާ ނެރެފައިވާ މީހެއް ކަމަށް ވެސް ޝެއިހް ނިޝާން ތުހުމަތު ކުރައްވައެވެ. 

މީގެ އިތުރުން ޝެއިހް ނިޝާން ވިދާޅުވެފައި ވަނީ އައްސާދިގު ދައްކާފައިވާ ދީނާ ހިލާފު ވާހަކަތަކުގެ ސަބަބުން ސޫދާނާއި އަދި އެ ނޫން ވެސް އެތައް އިސްލާމީ ގައުމެއްގެ ބޮޑެތި އިލްމުވެރިންނެއް އޭނާގެ މަގުފުރެދުން ބަޔާންކޮށް އިންޒާރު ދީފައި ކަމަށެވެ. 



ޝެއިހް ނިޝާން ވިދާޅުވެފައި ވަނީ އައްޞާދިގާ ބެހޭ ގޮތުން އެފަދަ ޕޯސްޓެއް ކުރެއްވީ އައްޞާދިގާ ގުޅޭ ގޮތުން އެފަދަ ވާހަކަތަކެއް ދެކެވިފައިވާތީ އާއި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ރާއްޖެ ވަޑައިގެންނެވި ސޫދާނުގެ ފިގްހް ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޝެއިހް ޑރ. އާދަމް އިބްރާހިމް ވެސް އެ މައުލޫމާތު ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ. 

ރައީސް ޔާމީނަށް އެރުއްވި މި އެވޯޑަކީ ދީނުގެ އަސާސްތައް ކުރިއަރުވައި ސައްހަ މައުލޫމާތު ފެތުރުމާއި ދީނީ ގޮތުން ހައްދު ފަހަނައަޅައިދިއުމާއި ޓެރަރިޒަމާ ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް، އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމް އިން އެމަނިކުފާނަށް އެރުއްވި އެވޯޑެކެވެ.

ޝެއިހް ނިޝާނަކީ ރާއްޖެއިން ބޭރުގައި މިހާރު ވެސް ތައުލީމް ހާސިލު ކުރައްވަމުން ގެންދަވާ އަދި ދީނީ ނަސޭހަތް ދެއްވަމުން ގެންދަވާ ޝެއިހެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
63%
11%
5%
5%
16%
ކޮމެންޓް