ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 15:19
އެސްއޯ ފުލުހުންގެ ބޯ ކޮށާލާފައި: އެކަން ކުރީ އެ މީހުންގެ ނުރުހުމުގައި
އެސްއޯ ފުލުހުންގެ ބޯ ކޮށާލާފައި: އެކަން ކުރީ އެ މީހުންގެ ނުރުހުމުގައި
އަހުމަދު މުހުސިނު
އެސްއޯ ފުލުހުން
ހައްޔަރުކުރި އެސްއޯ ފުލުހުންގެ ނުރުހުމުގައި ބޯ ކޮށާލި މައްސަލަ ހޫނުވެއްޖެ
 
އެއީ އިސްލާމީ ޝަރިއްޔާއާ ހިލާފު އަމަލެއް: ވަކީލުން
 
އެ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައި
 
އެ އަމަލަކީ އެންޓި ޓޯޗާ އާއި ގާނޫނުލް އުގޫބާތުން ކުށެއް

ހައްޔަރުކޮށްފައިވާ ސްޕެޝަން އޮޕަރޭޝަން (އެސްއޯ) ފުލުހުންގެ ނުރުހުމުގައި އެ މީހުންގެ ބޯ ކޮށާލުމަކީ އެންޓި ޓޯޗާގެ ގާނޫނާއި ގާނޫނުލް އުގޫބާތާ ހިލާފު ކުށެއް ކަމަށް ބުނެ، ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެސްއޯ ފުލުހުންގެ ގާނޫނީ ވަކީލުންނެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ފަހު، ގާނުނީ ވަކީލުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި އެސްއޯ ފުލުހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯމަ ދުވަހު އެ ފުލުހުން ކޯޓަށް ހާޒިރުކުރިއިރު ތިބީ ބޯ ކޮށާލާފަ ކަމަށެވެ.

އެންޓި ޓޯޗާގެ ގާނޫނާ ހަވާލާދީ ގާނޫނީ ވަކީލުން ބުނެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހެއްގެ ރުހުމަކާ ނުލައި، އެ މީހުންގެ ބޯ ބޭލުމަކީ ޓޯޗާގެ އަމަލުގެ ތެރެއިން ނަފްސާނީ އަނިޔާއެއް ކަމަށެވެ.

އެންޓި ޓޯޗާގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ އަމަލު ހިންގި މީހާ އާއި އެހީތެރިވި މީހާ އާއި އެކަމުގެ މައުލުމާތު ލިބި އެކަން ނުހުއްޓުވުމަކީ ވެސް ކުށެކެވެ. ނުރުހުމުގައި ބޯ ބޭލުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބުތައް ގާނޫނުލް އުގޫބާތުގައި ވެސް ބަޔާންކޮށްފައި ވެއެވެ.

ވަކީލުން ވިދާޅުވީ ޝަރުއީ ނަޒަރަކުން ވިސްނާއިރު، އިސްޓަށްޓަކި އިސްލާމް ދީނުގައި ދިޔަ ދިނުން ލާޒިމުވާ އެއްޗެކެވެ. އެގޮތުން ރުހުމަކާ ނުލައި އިސްތަށި ކޮށުމަކީ އަތް ބުރިކޮށްލުން ކަހަލަ ކަމެއް ކަމަށް ވަކީލުން ވިދާޅުވެފައިވެއެވެ.

"އިސްތަށްޓާއި އަތާ އެއީ އިންސާނާގެ ހަށިގަނޑުގެ ގުނަވަނަކަށްޓަކައި އެއްވެސް ތަފާތރއް ނެތް ދެ ގުނަވަނެވެ. އެހެންކަމުން އަތެއް ފަޔެއް ބުރިކޮށްލުމެކޭ އިސްތަށްޓެއް ބުރި ކުރުމެކޭ އެއްވެސް ތަފާތެއް ނޯންނާނެއެވެ،" ވަކީލުން ނެރުނު ބަޔާނުގައިވެއެވެ.

ވަކީލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކަރެކްޝަނަލް ސާވިސް އިން އެ އަމަލު ހިންގާފައި ވާތީ، އެ ސާވިސްގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ޝަރުއީ ގޮތުން ދިޔަ ނަގައިދިނުން ލާޒިމުވާނެ ކަމަށެވެ. ކަރެކްޝަނަލް ސާވިސްއިން ކަނޑައެޅިގެން ގާނުނާ ހިލާފުވެފައިވާތީ، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ވަކީލުން ވިދާޅުވިއެވެ.

އެސްއޯ ފުލުހުންގެ ނުރުހުމުގައި އެ މީހުންގެ ބޯ ކޮށާލި މައްސަލާގައި ކަންބޮޑުވުން ހިއްސާ ކުރުމަށް ގާނޫނީ ވަކީލުން ކަރެކްޝަނަލް ސާވިސްއަށް އަންގާރަ ދުވަހު ވަޑައިގަތުމުން، އެ ސާވިސްގެ އިސް ބޭފުޅުން އެ ބޭފުޅުންނާ ބައްދަލެއް ނުކުރެއްވިއެވެ.

ކަރެކްޝަނަލް ސާވިސް އިން ނުކުމެވަޑައިގެން މީޑިއާތަކަށް މައުލުމާތު ދެއްވަމުން ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ އެސްއޯ ފުލުހުންގެ ބޯ ކޮށާލިކަން އެނގުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ. ބަންދުގައި ތިބި އަށް ފުލުހުންގެ ބޯ ބާލާފައިވާ ކަމަށާއި އެކަން ކުރީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ކަމަށް ކޯޓުގައި ފުލުހުން ބުނެފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

"ކަންބޮޑުވުންތަކާއި ޝަކުވާތައް ހުރެގެން އަޅުގަނޑުމެން މި ދިޔައީ ކަރެކްޝަނަށް. އެންމެ ބޮޑު ކަންބޮޑުވުމަކީ އެސްއޯ ފުލުހުންގެ ނުރުމުގައި ބޯ ބޭލި މައްސަ. އެއީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރިއްޔާ މަނާ ކުރާކަމެއް. އެހެންވީމަ މިފަދަ ލާއިންސާނީ ޓޯޗާގެ އަމަލެއް ހިންގާފަ ހުރީމަ އެ ކަންބޮޑުވުން އޮތީމަ [ކަރެކްޝަނަށް މި ދިޔައީ]،" ހިސާން ވިދާޅުވިއެވެ.

ދެހާސްދިހަ ވަނަ އަހަރު އޭރުގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާންގެ އަމުރަށް ކަމަށް ބުނެ، 18 ޒުވާނެއްގެ ބޯ ބޭލި މައްސަލަ ވަނީ ހޫނުވެގެން ގޮސްފައެވެ. އެ މައްސަލާގައި ރިޝްވާންގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް އޭރުގެ ޕޮލިސް އިންޓަގްރިޓީން،  ޕީޖީއަށް މައްސަލައެއް ވެސް ފޮނުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
80%
0%
20%
ކޮމެންޓް
17 އޭޕްރިލް 2018 | އަންގާރަ 11:11
ފިރުޓޭ
ނަސީބެއްނު ބޯ އެކަނި ބޭލިކަން!
17 އޭޕްރިލް 2018 | އަންގާރަ 11:07
އަސޭލާ
ތިޔަ މައްސަލަ ނުބަލައިފިއްޔާ ބޯ ބޭލުމުގައި އުޅުނު މީހުންގެ އަބިދަރިންގެ ބޯ ބާލާނަން.