ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 13:51
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ
މުހައްމަދު ޝަރުހާން
ފުލުހުންގެ ހިދުމަތް
މިއަދު ފުލުހުންގެ މައިއިދާރާއަން މައްސަލައެއް ހުށަ ނޭޅޭނެ ކަމަށް ބުނެފި!
 
ރަސްމީ ދުވަހެއްގައި ރަސްމީ ގަޑީގައި ފުލުހުންގެ މައި އިދާރާއަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް މީގެ ކުރިން އަންގާފައިވާކަން އެނގޭކަށް ނެތް
 
ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ފުލުހުން އެގޮތަށް އަންގާނީ، އެގޮތަށް އަންގާފައި އޮތީމަ ކަމަށް
 
ހުއްޓުވި އެސްއޯ ފުލުހުން ބުނީ މިއަދު ފުލުހުންގެ މައި އިދާރާއަށް މައްސަލަ ހުށަނޭޅޭ ކަމަށް

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކޮށްދިނުމަށް މިވަގުތު ފުލުހުންގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒުއާ ބައްދަލު ކުރެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށް ވަޑައިގެންނެވުމުން ފުލުހުން ހުރަސް އަޅައިފި އެވެ.

އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް އާއި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުއާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ ހުސައިންގެ އިތުރުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ފުލުސް އޮފީހަށް ވަޑައިގެންނެވުމުން ފުލުސް އޮފީސް ކައިރިން ހުރަސް އެޅި ފުލުހުން ބުނެފައިވަނީ މިއަދު (އަންގާރަ ދުވަހު) މައްސަލަ ހުށަހެޅުން އޮތީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްލުމަށް ފަސްވަރަކަށް މީހުން މިދިއައީ، އެހެންނަމަވެސް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ނެރެ އެކި ހިސާބުތަކުން އަޅުގަނޑުމެން ހުއްޓުވި. އެންމެ ކުޑަމިނުން އެބޭފުޅުންނަށް ވެސް ކިޔޭ ނުކިޔޭއެއް ނޭނގޭ ހިސާބަށް، އަޅުގަނޑުމެންނަށް ދޭނެ  ޖަވާބެއް ނޭނގި އޮޅުން އަރައިގެން ދިޔަތަން އަޅުގަނޑުމެންނަށް ފެނުނީ. އަޅުގަނޑުމެންނާ އެންމެ ފުރަތަމަ ބައްދަލުވި ފުލުހުން ސުވާލު ކުރީ ތިދަނީ މައްސަލައެއް ހުށަހަޅަން ތޯއޭ. އާއެކޭ ބުނީމައި އެބޭފުޅުން އަޅުގަނޑުމެން ދޫކޮށްލި. ދެން އެއަށް ވުރެ ބޮޑު ވަފުދެއް (އެސްއޯ) އަނެއްކާ ދިމާވި، މައްސަލަ ހުށަހަޅަން ތޯއޭ ސުވާލު ކުރުމުން އާއެކޭ ބުނުމުން މިފަހަރު ބުނީ މިއަދު މައްސަލަ ހުށަހަޅާ ގޮތަށް އޮތީ ގަލޮޅު ފުލުހަށޭ،" އަދާލަތު ޕާޓީގެ ނައިބު ރަޢީސް އަލީ ޒާހިރު ވިދާޅުވި އެވެ.

ފުލުހުންގެ މައި އިދާރާއަން މިއަދު މައްސަލަ ހުށަނޭޅޭ ކަމަށް ބުނާތީ، މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނުއަށް ގުޅުމުން ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ވިދާޅުވީ "އެ ފުލުހުން އެގޮތަށް ބުނެފައި އެވަނީ އެ ފުލުހުންނަށް އެގޮތަށް އަންގާފައިވާތީ" ކަމަށެވެ. ފުލުހުންގެ މައި އިދާރާއަށް މިއަދު މައްސަލަ ހުށަނޭޅޭތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ސާފު ޖަވާބެއް ޝިފާނު ނުދެއްވި އެވެ.

ހަސަން ލަތީފް ވިދާޅުވީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަންޖެހޭ ކަމަށާޢި އެކްޓިންގ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ނަވާޒު އެކަން ކުރަން ބޭނުންނުވާނަމަ އެ އަމުރު ތަންފީޒު ކުރަން ބޭނުންވާ ފުލުހުންނަށް އެ ފުރުސަތު ދެއްވުމަށް ދަންނަވާ ކަމަށެވެ. 

"ސުޕްރީމް ކޯޓުގެ އެކުމް ތައްފީޒު ކޮށްދިނުމަށް ނަވާޒު އަރިހުގައި ދަންނަވަން ބޭނުންވެގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއައީ. އަޅުގަނޑުމެން ކުރިން ނޭދެން މިބައްދަލުވުމަކަށް. ކުރިން ނޭންގީ ސަބަބަކީ އެޕޮއިންޓް މަންޓަކަށް އެދޭ ހިސާބުން ރައީސް ޔާމީން ނަވާޒު ހައްޔަރުކޮށްފާނެ ކަމަށް ގަބޫލު ކުރެވޭތީ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ކޯޓަކުން ކުރާ ހުކުމެއް އަދި ހާއްސަކޮށް ސުޕްރީމް ކޯޓުން އަމުރެއް ކުރީމައި ފުލުހުން އެއަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހެދިތަނެއް މީގެކުރިން ނުފެންނަ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އެއަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހަދަނީ ނަވާޒު ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭތީ އަޅުގަނޑުމެން މިދިޔައީ ނަވާޒުއާ ބައްދަލުކުރަން. ނަވާޒު އޮފީހުގައި އިންނަވަނިކޮށް ފުލުހުން އަޅުގަނޑުމެން ފޮނުވާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް،" އަލީ ހުސައިން ވިދާޅުވި އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް