ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 18:32
ރައީސް އަބްދުﷲ ޔާމީން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށް 2013 ވަނަ އަހަރު ބޭއްވި ދަރުބާރުގައި ރައީސް މުހައްމަދު ނަޝީދު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގަންނަވަނީ
ރައީސް އަބްދުﷲ ޔާމީން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށް 2013 ވަނަ އަހަރު ބޭއްވި ދަރުބާރުގައި ރައީސް މުހައްމަދު ނަޝީދު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގަންނަވަނީ
ރައީސް އޮފީސް
ރިޔާސީ އިންތިހާބު 2018
އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމުމަށް ސަރުކާރުން ދިން ރައްދު އަލުން މުރާޖަޢާ ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
 
ސަރުކާރުން ވަނީ އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމުން ބަލައިނުގަންނަ ކަމަށް ނިންމާފަ
 
ހުރިހާ ފަރާތްތަކަކަށް ބައިވެރިވެވޭ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާފައިވޭ
 
ސަރުކާރުގެ ރައްދު އަލުން މުރާޖައާ ކުރެއްވުމަަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި

ރައީސް މުޙައްމަދު ނަޝީދުގެ މައްސަލާގައި އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ނިންމާފައިވާ ނިންމުމަށް ދިވެހި ސަރުކާރުން ދީފައިވާ ރައްދު އަލުން މުރާޖަޢާ ކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި އެވެ.

ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމުމާއި ގުޅިގެން ދިވެހި ޚާރިޖިއްޔާ އިން ނެރުނު ބަޔާނާއި ގުޅޭ ގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ، ދިވެހި ސަރުކާރުގެ ވިސްނުން މުރާޖައާކޮށް، ހުރިހާ ފަރާތްތަކަކަށް ބައިވެރިވެވޭ، މިނިވަން އަދި އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމަށްޓަކައި އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޙައްގު ރައީސް ނަޝީދަށް ލިބިދޭންޖެހޭ ކަމަށް ބުނެ، އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޓީ އިން ނިންމާފައިވާ ނިންމެވުމަށް ރައްދު ދިނުމުގެ ގޮތުން ރާއްޖޭގެ ޚާރިޖީވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ، ނަޝީދަށް ހުކުމް ކޮށްފައިވަނީ އިންސާފުވެރި ޝަރީއަތްތަކެއްގެ ތެރެއިން ކަމަށް ދިވެހި ސަރުކާރުން ގަބޫލް ކުރާ ކަމަށާއި ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަކުރެވެން ޖެހޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ ރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށާއި، އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ނޫން ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ވަނީ، ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވާފައިވަނީ މަދަނީ އަދި ސިޔާސީ ހައްގުތަކާއިބެހޭ ބައިނަލްއަޤްވާމީ މުއާހަދާއިން ކަށަވަރު ކޮށްދޭން ޖެހޭ އެތައް ހައްގުތަކެއް ހިފެހެއްޓުމަށްފަހު ހިންގާފައިވާ ޝަރީއަތަކުން ކަމަށް ނިންމާފައެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީގެ މި ނިންމުމަށް ރައްދުދީ ދިވެހި ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ވަނީ، ރައީސް ނަޝީދުގެ މަދަނީ އަދި ސިޔާސީ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށް ތުހުމަތު ކޮށް، ހިއުމަން ރައިޓްސް ކޮމިޓީ އިން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނިންމާފައިވާ ނިންމުން ދިވެހި ސަރުކާރުން ބަލައި ނުގަންނަ ކަމަށާއި، އެތުހުމަތު ތަކަށް އިންކާރު ކުރާ ކަމަށެވެ.

އަދި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާ މަދަނީ އަދި ސިޔާސީ ހައްގުތަކާއިބެހޭ ބައިނަލްއަޤްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދޭ ހައްގުތައް ކަށަވަރުކޮށް ދިނުމުގައި ދިވެހި ސަރުކަރު ދެމިއޮންނާނެ ކަމަށާއި، ރައީސް ނަޝީދުގެ މައްޗަށް ހިންގާފައިވާ ޝަރީއަތުގައި އެފަދަ ހައްގަކަށް އަރައިގަނެފައިނުވާނެ ކަމަށް ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ.

އަދި ރައީސް ނަޝީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ނިންމި ނިންމުމާއެކު، އެމައްސަލައިގެ ޝަރުއީ އެންމެ ފަހު މަރުހަލާ ފުރިހަމަވެފައިވާ ކަމަށާއި، ނަޝީދުގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ ގާނޫނާއި އެއްގޮތަށް ދިވެހި ސަރުކާރުން ގަބޫލް ކުރާ ކަމަށް އެބަޔާނުގައިވެއެވެ.

މީގެ އިތުރުން، ރައީސް ނަޝީދުގެ ފަރާތްޕުޅުން އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް ހުށަހެޅުއްވި މައްސަލާގައި އެކޮމިޓީ އިން ނިންމާފައިވާ ނިންމެވުމުގައި، އެމައްސަލާގައި ދިވެހި ސަރުކާރުން ޖަވާބުދާރީވުމަށް ހުށަހަޅާފައިވާ ތަފްސީލީ ހުށަހެޅުންތަކަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ބުނެ، އެކަމާއި ދިވެހި ޚާރިޖިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް