ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނަކަމަށް އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޓީ އިން ބުނެފިއެވެ.
އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޓީއިން މަދަނީ އަދި ސިޔާސީ ހައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުޢާޙަދާއާ ހަވާލަދީ ބުނެފައި ވަނީ ރާއްޖެއިން ރައީސް ނަޝީދުގެ އެތައް ހައްޤުތަކެއް ގެއްލުވާލާލާފައިވާ ކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޓީ އިން ބުނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އުވާލައި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތައް އަލުން މުރާޖަޢާކުރުމަށް ފަހު، ދައުވާކުރަން ޖެހޭ ނަމަ، އަލުން އިންސާފުވެރިކަމާ އެކު އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ކުރުމަށެވެ.
މީގެ އިތުރުން އެމަނިކުފާނަށް އިންތިޚާބުތަކުގައި، އޭގެ ތެރޭގައި ރިޔާސީ އިންތިޚާބު ވެސް ހިމެނޭ ގޮތަށް، ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެކަމަށް އދ. އިން ވަނީ ބުނެފައެވެ.
މަދަނީ އަދި ސިޔާސީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާޙަދާގެ އޮޕަޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ސޮއެކޮށްފައިވާތީ، ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމުންތައް ރާއްޖެއިން ބަަލައިގަންނަން ޖެހޭކަމަށް ކޮމިޓީއިން ހަދާން ކޮށްދީފައި ވެއެވެ. އަދި 180 ދުވަހުގެ ތެރޭގައި ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރެވިފައިވާ މިންވަރު ހާމަކޮށް ކޮމިޓީއަށް ޖަވާބުދާރީވުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޓީ އިން ވަނީ އަންގާފައެވެ.