އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރަން އެ ދެ ބޭފުޅުން ބޭނުންފުޅެއް ނުވި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ކުރާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެ ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން، ބަންދުގައި ބަހައްޓަން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާ ކުރަން ޖެހޭ މުއްދަތު ވަނީ ފަހަނަ އަޅާފައެވެ.
އެކަމާ ގުޅޭ ގޮތުން އެ ދެ ފަނޑިޔާރުންގެ ވަކީލުން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ދަށު ކޯޓުގެ އެ އަމުރު އިސްތިއުނާ ނުކުރުމަށް ދެ ފަނޑިޔާރުން އެދިވަޑައިގެންފައިވާ ކަމަށެވެ. އެގޮތަށް އެ ދެ ފަނޑިޔާރުން އެދިވަޑައިގެންނެވި ސަބަބެއް ވަކީލުން ވިދާޅެއް ނުވެއެވެ.
ފަނޑިޔާރުން ހައްޔަރު ކުރަންޖެހޭ ގޮތް ގާނޫނުގައި ބަޔާންކޮށްފައި ވަނިކޮށް، މަތީ ކޯޓެއްގެ ފަނޑިޔާރަކު ދަށު ކޯޓަށް ހާޒިރުކޮށްގެން ބަންދުގައި ބަހައްޓަން އަމުރު ކުރުމުން، ގާނޫނީ ވަކީލުން ވަނީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.
ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާތާ 69 ދުވަސް ވަނީ ފާއިތުވެގެން ގޮސްފައެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.