ރާއްޖޭގައި މިހާރު ފެންނަން އޮތް އިލެކްޝަންސް ކޮމިޝަނަކީ ޢަބްދުﷲ ޔާމީންގެ ކެމްޕޭން އޮފީސް ކަމަށް ގުޅިފައިވާ ޕާޓީތަކުގައި ހިމެނޭ އަދާލަތު ޕާޓީގެ މީޑިޔާ ކޮމެޓީގެ ރައީސް ޢަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ޢަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީސް ކަމަށާއި އެހެން ދަންނަވާ ސަބަބަކީ، ކޮމިޝަންގެ ރައީސް އަކީ ރައީސް ޔާމީންގެ ކެމްޕެއިންގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްކަމަށް ވުން ކަމަށެވެ.
ނަޒީރު ވިދާޅުވީ ފެނަކަ ކޯޕަރޭޝްނގެ ކުރީގެ އެމްޑީ އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަނގެ ރައީސް ކަމަށް ގެންނެވީ ޤާނޫނުތަކާއި ޤާނޫން އަސާސީގެ އިޖުރާއަތު ތަކުގެ ބޭރުން ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން މި ފަހަކަށް އައިސް ކަންކުރަމުންދާ ގޮތައް ބަލާއިރުގައި އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުން އަޅުގަނޑުމެންނަށް މިހާރު މި ފެންނަން އޮތް އިލެކްޝަންސް ކޮމިޝަނަކީ ޢަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީސް. އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހޭ މި ދަންނަވާ ސަބަބަކީ ޢަބްދުﷲ ޔާމީންގެ ކެމްޕެއިންގަ އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކީ މިހާރު އިލެކްޝަންސް ކޮމިަނގެ ރައީސަކަށް އެބޭފުޅުން ޤާނޫން އަސާސީއާ ޤާނޫންތަކުން ކަނޑައަޅާފައި އޮންނަ އިޖުރާއަތުތަކުގެ ބޭރުން ގަދަބާރުން ގެނެސް ހުރި މީހެއް. ޝަރީފް އެކޮމިޝަންގެ ރައީސްކަމަށް ކަނޑައެޅި ހިސާބުން އެއޮތީ އެކޮމިޝަނަކީ އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީސް ކަމަށް ކަނޑައެޅި ނިމިފައި" ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ ޝަރީފް އިލެކްޝަނަށް ވަދެވުމާއެކު ފުރަތަމަވެސް ވިދާޅުވީ ދިވެހިރާއްޖެ މިއޮތީ ރިޔާސީ އިންތިޚާބަކަށް ފައްކާވެފައި ކަމަށާއި އިންތިޚާބަކަށް ބޭނުންވާ ފުރިހަމަ މާހައުލު މިއޮތީ އުފެދިފައި ކަމަށެވެ.
"އަބްދުﷲ ޔާމީނަށް ވަރަށް ފަހި މާހައުލެއް ރަނގަޅު ވާހަކައެއް އެއީ. ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިބީ ޖަލު ގޮޅީގައި. ސުޕްރީމް ކޯޓް، އިލެކްޝަނާ ގުޅިގެން ޝަކުވާއެއް އުފުލަން އޮތް އެއޮތީ ތަޅު އަޅުވާފައި. އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކު އެއޮތީ ޖަލުގޮޅީގައި. ރައްޔިތުންގެ މަޖިލިސް ހުރީ ތަޅު އަޅުވާފައި. ދެންވެސް ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވަފާނެކަމަށް ތުހުމަތު ކުރެވޭ މީހާއަށްވެސް ނުހައްގު ދައުވާކޮށް ޝަރީއަތް ކުރެވެމުން މިދަނީ. އެހެންވީމާ ޔާމީނަށް ފަހި މާހައުލެއް އެބައޮތް. އެކަމަކު ޤާނޫނުން ކަނޑައަޅާފައި އޮތް ހާލަތެއް ނޫން މިހާރު މިއޮތީކީ" ނަޒީރު ވިދާޅުވިއެވެ.