މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަނަކީ މިނިވަން އިންސާފްވެރި ކޮމިޝަނެއް ނޫން ކަމަށާއި އެކޮމިޝަން އޮވެގެން ރާއްޖޭގައި މިނިވަން އިންސާފްވެރި ރިޔާސީ އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.
ގުޅިފައިވާ ޕާޓީތަކުން މ ކުނޫޒުގައި އާދީއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޖުމްހޫރީ ޕާޓީގެ ސެެކް ރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުސްތަޤިއްލު މުއައްސަސާއެއް ކަމަކަށް ގުޅިފައިވާ 4 ޕާޓީއަށްވެސް ޤަބޫލު ނުކުރެވޭ ކަމަށެވެ.
ސަމީރު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ޢަމަލް ކުރަން ޖެހެނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި އޮންނަ ގޮތަށް ކަމަށާއި އެއާ ޚިލާފަށް ކޮންމެ ޕާޓީއެއްގެ އެންމެ އިސް މީހަކީ ރައީސް ޔާމީން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއަސް އެކަން އެގޮތައް ޤަބޫލު ނުކުރައްވާނެ ކަމަށެވެ.
މިނިވަން މުސްތަޤިއްލު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލް ނުކޮށް ޕާޓީތައް ރެގިއުލޭޓް ކުރާ ވާހަކައާއި އިންތިޚާބު ބާއްވާ ވާހަކަ ދައްކަވާތީ ކަންބޮޑުވާ ކަމަށެވެ. ސަބަބަކީ އެކޮމިޝަންގެ ރައީސް ބަދަލު ކުރި ގޮތުންވެސް އެކޮމިޝަންގެ އިންސާފްވެރި މުސްތަޤިއްލުކަން ނެތްކަން ހާމަވުމުން ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން މިގޮތައް ޢަމަލް ކުރަމުންދާތީ ކަންބޮޑުވޭ. ދިވެހިރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ނުބޭއްވޭނެ މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ބައިތިއްބައިގެނެއް" ސަމީރު ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ ޤާނޫނީގޮތުން އުފެދިފައިހުރި މުއައްސަސާތަކަށް އަތްބޭނުމަށް ޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާ ކަމަށާއި ސިޔާސީ ޕާޓީގެ ޤާނޫނަށް ބަދަލު ގެނެސް އެޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތައް އިލެކްޝަންސް ކޮމިޝަނުން ބާއްވަން އުޅުމަކީ އޭގެ ހެއްކެއް ކަމަށެވެ.
އަމީތު ވިދާޅުވީ ޝަރީފް އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ވުމަށް ފަހު އެންމެ އިސްކަމެއް ދޭ ކަމަކީ ޕާޓީތަކުގައި އިސްކޮށްތިބި މީހުން އެޕާޓީތަކުން ދުރުކުރުން ކަމަށާއި ޤާނޫނަށް ގެންނަ ބަދަލާއެކު ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިފައި ހުރި މީހަކަށް ވެސް ޕާޓީގެ އިސްސަފުގައި ނުހުރެވޭނެ ގޮތް ހަދާނެ ކަމަށެވެ.
"އެކަމަށް އެކަނި ބަލާލިއަސް އެބައެނގޭ މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަނަކީ މިނިވަން އިންސާފްވެރި އިލެކްޝަންސް ކޮމިޝަނެއް ނޫންކަން. އަދި ކޮމިޝަންގެ ޤާނޫނީ ހައްސިއްޔަތެއް ނެތްކަން" އަމީތު ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަލީ ނަޒީރު ވިދާޅުވީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަން ނޫން ކަމަށާއި އެކޮމިޝަނާއި ޕާޓީތަކުގެ ވެސް ބެލެނިވެރި ފަރާތަކީ ޤާނޫނު އަސާސީއާއި ޤާނޫންތައް ކަމަށެވެ.
"ޕާޓީތަކުގެ ވެސް އަދި އިލެކްޝަސް ކޮމިޝަންގެ ވެސް ބެލެނިވެރި ފަރާތަކީ ޤާނޫނާއި ޤާނޫން އަސާސީ" ނަޒީރު ވިދާޅުވިއެވެ.
ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބުދުއް ސައްތާރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މާރޗް 24، 2017 އިން ފެށިގެން މަސައްކަތް ކުރަމުން ދަނީ ސިޔާސީ ޕާޓީތަކަށް މިނިވަންކަމާއެކު ހަރަކާތްތެރިވެވޭނޭ ޖާގަ ދިނުމަށާއި އެޕާޓީއަކުން އިޚްތިޔާރު ކުރާ ކެނޑިޑޭޓަކަށް އިންތިޚާބުގައި ވާދަ ކުރެވޭނޭ ގޮތް ހެދުމަށް ކަމަށެވެ.
"އެކެނޑިޑޭޓް ކަނޑައެޅުމުގެ ބާރެއް ސަރުކާރަކަށް ނޯންނާނެ." އަނަސް ވިދާޅުވިއެވެ.