އިސްލާމް ދީން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށް ރައީސް އަބުދުﷲ ޔާމީން އަށް ޚާއްސަ އެވޯޑެއް އަރުވައިފިއެވެ.
މި އެވޯޑަކީ ދީނުގެ އަސާސްތައް ކުރިއަރުވައި ސައްހަ މައުލޫމާތު ފެތުރުމާއި ދީނީ ގޮތުން ހައްދު ފަހަނައަޅައިދިއުމާއި ޓެރަރިޒަމާ ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް، އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމް އިން އެމަނިކުފާނަށް އެރުވި އެވޯޑެކެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސަށް މި އެވޯޑު އެރުވީ، ސޫދާންގެ ކުރީގެ ބޮޑުވަޒީރު އަދި އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމްގެ ރައީސް، އައްސާދިގު އައްސިއްދީގު އަބްދުއްރަހްމާން އަލްމަހްދީ އެވެ. އޭނާ ރާއްޖެ ވަޑައިގަތީ އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފަށް މައުލޫމާތު ފެތުރުމާއި ދީނުގެ އެކި ކަންކަމާ ގުޅޭ ޚިޔާލު ތަފާތުވުންތަކަށް މަޝްވަރާކޮށް ހައްލުތަކެއް ހޯދަން ރާއްޖޭގައި ހޮނިހިރު ދުވަހު ފެށި ބައިނަލްއަގުވާމީ ބައްދަލުވުމަށެވެ.
Brk:
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) April 15, 2018
International Moderation Forum ge faraathun aruvaa emme sharafuveri Award, Raeesuljumhooriyyaa ah aruvvaifi. pic.twitter.com/MfHQNC62RW
އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމަކީ އިސްލާމް ދީނާއި އެހެން ދީންތައް ވެސް ހިމެނޭ ގޮތަށް 2002 ގައި އުފެއްދި ހަރަކާތެވެ. އެ ހަރަކާތް ހިންގަނީ ޖޯޑަންގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިންގެ ބެއްލެވުމުގެ ދަށުންނެވެ.
މި ހަރަކާތް އުފެއްދި ފަހުން މި އެވޯޑު މިހާތަނަށް ލިބިފައި ވަނީ ދެ ބޭފުޅަކަށެވެ. އެއީ މޮރިޓޭނިއާގެ ކުރީގެ ރައީސް މުހައްމަދު ބިން އަބްދުލްއަޒީޒާއި ސައޫދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒް އެވެ. މި ދެ ބޭފުޅުންނަށް ފަހު، ރައީސް ޔާމީނަށް މި އެވޯޑު ލިބިވަޑައިގަތީ، ޓެރަރިޒަމާއި ހައްދުފަހަނާޅައިދިއުން ހުއްޓުވައި އިސްލާމް ދީން ކުރިއަރުވަން ކުރައްވާ މަސައްކަތްޕުޅަށެވެ.
އެވޯޑު ހަވާލުކޮށްދެއްވުމުގެ ކުރިން، ވާހަކަ ދައްކަވަމުން، އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމްގެ ރައީސް، އިސްލާމް ދީން ކުރިއަރުވަން ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވިދާޅުވީ، އިސްލާމީ މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން އަދި ހައްދު ފަހަނަޅައިދިއުމާއި ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، އެފަދަ އެވޯޑެއް އެރުވި ކަމަށްޓަކައި އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އެ އެވޯޑަކީ އިސްލާމް ދީންގެ އަސާސްތައް ކުރިއަރުވައި ހައްދުފަނަޅައިދިއުމާ ދެކޮޅަށް އެ މަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ވިދާޅުވި އެވެ.