ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް އޮފީސް)އިން ވައިޓް އެލާރޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ދ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ އާދިއްތަ ދުވަހުގެ 14:00 އިން ފެށިގެން 20:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.
ALERT WHITE
— Maldives Meteorology (@MetMaldives) April 15, 2018
INFORMATION:
Heavy rain with thunderstorms expected.
Area: Between Dhaalu and Seenu atoll
Period:15/1400 hrs - 15/2000 hrs.
ISSUED: 1345 hrs 15 April 2018.
-MetService-
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ވައިޖެހޭނީ އާއްމު ގޮތެއްގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަ ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކަލަންޑަރު ބުނާގޮތުން މިހާރު ކުރިއަށް މިދަނީ ހުޅަނގުގެ ފުރަތަމަ ނަކަތް ކަމަށް އައްސިދަ ނަކަތުގެ 08 ވަނަ ދުވަހެވެ.