ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅި ދެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ބާތިލްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ލިބިފައިވާ ސިޔާސީ ޕާޓީ އުފެއްދުމާއި ހިންގުމުގެ މިނިވަންކަމުގެ ދަށުން އޭޕްރީލް މަހުގެ ތެރޭގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ދެފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އޭޕްރީލް 01 ވަނަ ދުވަހު "ދަ ގްރޭޓް ގްރީން ކަނެކްޝަން"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިވާ ފަރާތަކީ ސިޔާސީ ޕާޓީގެ ގަވައިދުގެ ހަ ވަނަ މާއްދާގެ (ހ) ގެ ތިން ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމުގެ ޝަރުތު ފުރިހަމަ ނުވާ ފަރާތަކަށް ވާތީ އާއި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާފައިވާ ފޯމާއެކު ސިޔާސީ ޕާޓީގެ ގަވާއިދު ގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން ބަޔާންކޮށްފައިވާ ކުށުގެ ރެކޯޑް ފޯމް ހުށަހަޅާފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. މިކަމާ ގުޅިގެން "ދަ ގްރޭޓް ގްރީން ކަނެކްޝަން"ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހުއްދަ ދެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
މީގެ އިތުރުން އޭޕްރީލް 05 ވަނަ ދުވަހު "މޯލްޑިވިއަން ރިޕަބްލިކަން ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެ ކޮމިޝަނަށް ހުށަހަޅާފައިވާއިރު ސިޔާސީ ޕާޓީގެ ގަވާއިދުގެ ހަ ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އިރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދޭ ފަރާތުން އެ ޕާޓީއަށް ކިޔަން ހުށަހަޅާފައިވާ ނަމަކީ ކޮމިޝަން ގަބޫލު ކުރާ ނަމަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރާ ޕާޓީއެއްގެ ނަމާއި ނިޝާނާއި ސިއްކައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި އެ ދަފްތަރުގައި ކުރިން ރަޖިސްޓަރީ ކޮށްފައިވާ އެހެން ޕާޓީއެއްގެ ނަމާއި، ނިޝާނާއި، ސިއްކައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެއް އެއްގޮތްވެގެން ނުވާނެކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
އެގޮތުން މޯލްޑިވިއަން ރިޕަބްލިކަން ޕާޓީއަކީ ޖުމްހޫރީ ޕާޓީއަށް އިނގިރޭސި ބަހުން މުހާތަބު ކުރާ ނަން ކަމުގައިވާތީ އެފަރާތުން ހުށަހަޅާފައިވާ ނަމަކީ ކޮމިޝަނަށް ގަބޫލު ކުރެވޭނެ ނަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އަދި ކުރިން ރަޖިސްޓްރީ ކޮށްފައިވާ ޕާޓީއެއްގެ މަސްލަހަތު ފުށުއަރާތީ "މޯލްޑިވިއަން ރިޕަބްލިކަން ޕާޓީ" އުފެއްފުމުގެ ހުއްދަދޭން ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.