ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލީ ފުލުހުންގެ އިހްމާލުންކަން ސާބިތު ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އެ މައްސަލަ އެ ކޯޓަށް ބެލެނޭ ތިން ސަބަބެއް ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު އެ ސަބަބުތައް ވިދާޅުވީ ސިވިލް ކޯޓަށް އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމުމުން، ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑު އެހުމުގައެވެ. ޔާމީންގެ އާއިލާގެ ފަރާތުން އެ މައްސަލާގައި ކޯޓުގައި ވަކާލާތު ކުރެއްވީ ސުއޫދުއެވެ.
ހައި ކޯޓުގައި އާދީއްތަ ދުވަހު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައި ސުއޫދު ވިދާޅުވީ އިހްމާލުގެ މައްސަލަތައް ސިވިލް ކޯޓަށް ބެލޭނެ ކަމަށް ސުޕްރީމް ކޯޓުގެ ސާކިއުލާއަކުން އަންގާފައިވާ ކަމަށެވެ. ފުލުހުންނާ ދެކޮޅަށް، ހުށަހެޅި އެ މައްސަލައަކީ އެންއައިސީއަށް ހުށަހަޅައިގެން ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ކަމަށް ބުނެ، ސިވިލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސެއް ނެތް ކަމަށް ކަނޑައަޅާފައިވަނީ ކޯޓުތަކަށް ލިބިދީފައިވާ ބާރު ގެއްލިދާ ގޮތަށް ކަމަށް ސުއޫދު ވިދާޅުވިއެވެ.
ސިވިލް ކޯޓަށް އެ މައްސަލަ ބެލެންޖެހޭނެ ދެ ވަނަ ސަބަބެއް ކަމަށް ސުއޫދު ވިދާޅުވީ އެންއައިސީން ބަލަނީ ވަކިވަކި ފުލުހުންގެ މައްޗަށް ހުށަހަޅާ މައްސަލަތައް ކަމަށާއި މުޅި މުއައްސަސާގެ މައްޗަށް ހުށަހަޅާ މައްސަލަތައް އެންއައިސީއަށް ނުބެލޭނެ ކަމަށެވެ. އެހެންކަމުން އެ މީހެއްގެ ހައްގު ހޯދުމަށް ކޯޓަށް ހުށަހެޅޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ސިވިލް ކޯޓަށް އެ މައްސަލަ ބެލޭނެ، ފަހު ސަބަބެއްގެ ގޮތުގައި ސުއޫދު ވިދާޅުވީ ޔާމީން މަރާލީ ފުލުހުންގެ އިހްމާލުންކަން ސާބިތު ކުރުމަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލީ މައްސަލަ ބެއްލެވި ގާޒީ އަމިއްލަފުޅަށް ނެންގެވި ގާނޫނީ ނުކުތާއެއްގެ ދަށުން ކަމަށެވެ.
ފުލުހުންނާ ދެކޮޅަށް ހުށަހެޅި އެ މައްސަލަ ކޯޓުން ބެލުމަކީ އެންއައިސީގެ ގާނޫނުގެ މަގުސަދު ހާސިލު ނުވާނެ ކަމެއް ކަމަށް ސިވިލް ކޯޓުން ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުއޫދު ވަނި ހައި ކޯޓުގައި އެދިވަޑައިގެންފައެވެ.
އާދީއްތަ ދުވަހު ބޭއްވި މައްސަލައިގެ އަޑުއެހުން ނިންމާލީ، ޔާމީން ރަޝީދުގެ އާއިލާއިން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލާގައި ޖަވާބުދާރީވުމަށް އިތުރު ފުރުސަތު ދެމުންނެވެ.