ރަމަޝާން މަހު އުމްރާއަށް ރަޖިސްޓްރީ ކުރުމާއި ފައިސާ ދެއްކުމުގެ މުއްދަތު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އިތުރުކޮށްފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ، 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ފަނަރައިގައި ކުރުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރަށް ރަޖިސްޓަރ ކުރުމާއި ފައިސާ ބަލައިގަތުމުގެ މުއްދަތު 30 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ ނިޔަލަށް އިތުރު ކުރެވިފައިވާކަން އަންގައިފައިވާ ކަމަށެވެ.
މިއަހަރުގެ އުމްރާ ދަތުރުތަކަށް 37965ރ. ދައްކަން ޖެހެ އެވެ. އުމްރާ ރަޖިސްޓްރީ ވުމަށް އެދޭ ފޯމާއި ފައިސާ ބަލައިގަތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން މެންދުރު 12:30 ގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.
ހައްޖު ކޯޕަރޭޝަންގެ މިއަހަރުގެ އުމްރާ ދަތުރުތަކުގެ އަގުތައް ވަނީ ހެޔޮކޮށްފަ އެވެ. އެގޮތުން 1438 ވަނަ އަހަރު ނުވަތަ 2017 ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާގެ އަގަށް ވުރެ 2,000ރ. މިއަހަރު ވަނީ ހެޔޮ ކޮށްފަ އެވެ.
މީގެ އިތުރުން ހަތަރު މީހުންގެ ގުރޫޕެއް ނުވަތަ އާއިލާއެއް ރަޖިސްޓްރީ ކުރާ ނަމަ 1,000ރ. ގެ ޑިސްކައުންޓް ލިބޭ އިރު 10 މީހުންގެ ގްރޫޕެއް ބައިވެރިވާ ނަމަ 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. އަދި 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ. މި ޕެކޭޖުތައް ނަގާ ފަރާތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނުން ދޫކުރާ އުމްރާ ކިޓު ބޭނުން ނުވާ ފަރާތްތަކަށް އިތުރު 1,000ރ. ގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.
މިއަހަރުގެ ރަމަޟާން މަހުގެ އުމްރާއަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ އޭޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށެވެ.