ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ދުފުމުގެ އިންތިޒާމް ހަމަޖައްސާފައި ހުރުމުން ޑރ. ޢަބްދުލް މަލިކު ހެލްތު މިނިސްޓްރީއަށް ފާޑު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަ ކުރުމަށް ހޮނިހިރު ދުވަހުގެ ހެނދުނު އދ.މަހިބަދޫގައި ހެލްތު މިނިސްޓްރީއިން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ދުފުމުގެ އިންތިޒާމް ހަމަޖައްސާފައި ހުރުމުން ޑރ. މަލިކް އެކަމަށް ފާޑުވިދާޅުވެފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.
ޑރ. މަލިކް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް ސިއްޙަތާއި ބެހޭ ވުޒާރާއިން ހިންގި ހަރަކާތެއްގައި، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ކެންސަރާއި ބެހޭ ދިރާސާ ކުރާ އޭޖެންސީއިން ކެންސަރަށް އެންމެ ބޮޑަށް މަގުފަހިކުރާ ބާވަތްތަކުގެ ތެރޭގައި ހިމަނާފައިވާ ދުފުމަށް ބޭނުންކުރާ ފޯއް ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ހުރުމަކީ ޒިންމާދާރުކަމެއް ނެތް، މަލާމާތެއް ކަމަށެވެ. ޑރ. މަލިކް އިތުރަށް ވިދާޅުވީ ހެލްތު މިނިސްޓްރީގެ މި އަމަލަކީ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖެގައި ކޮންޓްރޯލްކޮށް، އެ ބަލިތަކާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކާއި، ޚުދު ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގައި މަސައްކަތް ކުރާ ފަރާތްތައްކަށްވެސް ބޭއިޚްތިރާމް ކުރުން ކަމަށެވެ.
އަދި މި އަމަލަކީ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖެގައި ކޮންޓްރޯލްކުރުމަށް ހެލްތު މިނިސްޓްރީން މިހާރު ފަށާފައިވާ 25ބައި25 ކެމްޕެއިންގެ ޕޮލިސީ އާއި ދިމާނުވާ އަމަލެއްކަންވެސް ޑރ. މަލިކް ފާހަގަކުރެއްވިއެވެ.
It is insulting & irresponsible of @MoH_mv to serve #ArecaNuts, an @IARCWHO classified GroupA #carcinogen at #WHD function. Disrespect to all working on #NCDControl & creating awareness including their own @HPA_MV colleagues. Conflicting practice with policy to #BeatNCDs #25by25 pic.twitter.com/8RnmSBYFrP
— Malik (@abdulmalikmv) April 15, 2018
ޑރ. މަލިކް އަކީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ކޯރ ފައުންޑަރ އަދި މޯލްޑިވްސް އެން.ސީ.ޑީ އެލަޔަންސްގެ އެއް ކޯ ފައުންޑަރ އަދި ޗެއާމަންއެވެ.
ދުފުމަކީ އޭގެ ސަބަބުން ގިނަ ބަލިތަކަށް އިންސާނާ ހުށަހަޅާ އަމަލެކެވެ. އެގޮތުން އެމެރިކާގެ ސެންޓަރ ފޮރ ޑިސީޒް ކޮންޓްރޯލް އިން ވަނީ ދުފުމާއި ދެކޮޅަށް ސިއްހީ އިންޒާރެއްވެސް ނެރެފައެވެ. އެ އިންޒާރުގައިވަނީ، ދުފުމުން އަނގައިގެ ކެންސަރު ޖެހުމާއި، އަނގައިގެ ހަން ބޯވެ، ހަރުވާގޮތްވުމާއި، އެއަށް ދެވިހިފުމާއި އަދި ދަރިމައިވުމުގެ ނިޒާމަށް އެކި ގެއްލުންތައް ވުމަށް މަގުފަހި ކުރާ ކަމަށެވެ. އަނގައާއި ކާއެއްޗެހި ދަތުރުކުރާ ހޮޅި ނުވަތަ އީސޯފޭގަސްއަށް ޖެހޭ ކެންސަރު ޖެހުމަށްވެސް މަގުފަހިކުރާ އެއް ކަމެއްގެ ގޮތުގައި ދުފުން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން މާބޮޑަށް ފަލަވުމާއި، ހިތުގެ ބަލިތައް ޖެހުމާއި، ހަކުރު ބަލި ޖެހުމާއި، އަނގަ، ކަރު، ފުރަމޭ، ފިތް އަދި ރަހިމުގެ ކެންސަރު ޖެހުމަކީވެސް ދުފުމުގެ ސަބަބުން މެދުވެރިވެދާނެ ކަންކަން ކަމަށް ސިއްޙީ ތަޖުރިބާކާރުން ބުނެއެވެ.
ދިގު މުއްދަތެއްގައި ގިނައިން ދުފުމުގެ ސަބަބުން ފިރިހެނުންގެ ދަރިފަނި އުފެދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނުވައެވެ. މި ބަދަލުތަކުގެ ތެރޭގައި ދަރިފަނި އުފައްދާ ނިޒާމުގައި ހިމެނޭ އެކިއެކި މާއްދާތައް ހަށިގަނޑުގައި ހުންނަ މިންވަރަށް އަސަރުކުރުވައި، ދަރިފަނީގެ އުމުރު ކުރުކުރެއެވެ. އަދި ހަމަ މިއާއިއެކު މިގޮތަށް ދުފުމުގެ ސަބަބުން ދަރިފަނި އުފެދޭ މިންވަރު މަދުވެ، އުފެދޭ ދަރިފަނީގައި އައިބު ހުރުމަށް މެދުވެރިވެއެވެ. މި މައްސަލަތަށް އިތުރަށް ގޯސްވެގެން ދިއުމުން، ދަރިފަނީގެ ބާރުކެނޑި، ދަރިން ލިބުން ހުއްޓެން މެދުވެއެވެ.
މާބަނޑު ދުވަސްވަރު ދުފުމާއި، އަދި ދުފުމުގައި ބިލެތާއި ހީރާޕަންނާ ފަދަ ތަކެތި ބޭނުންކުރުމަކީ ބަނޑުގައި އޮންނަ ދަރިފުޅަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރުވާ ކަމެކެވެ. އެގޮތުން، ދަރިފުޅު ވިހާއިރު ކުއްޖާގެ ބަރުދަން އިންތިހާއަށް ލުއިވުމާއި، ދުވަސްނުފުރައި ވިހެއުން ފަދަ ކަންކަން ކުރިމަތިވެއެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު މައިމީހާ ދުފުމަކީ، ބަނޑުގައި އޮންނަ ދަރިފުޅު އެކި ވައްތަރުތަކުގެ ކެންސަރަށް ހުށަހެޅުމަށްވެސް މެދުވެރިވާ ކަމެކެވެ.