މާލޭ އީސްޓް ކޯސްޓް ބޭރު ތޮށި ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.
ހައުސިންގ މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ، ސީއީއޯ ނަޒީރު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ މުއިއްޒު ވިދާޅުވީ، މާލޭ އީސްޓް ކޯސްޓްގެ ބޭރު ތޮށި ހެދުމުގެ މަސައްކަތް ކުރުމަށް ނިންމީ، އެ ސަރަހައްދުގައި ކިންގ ސަލްމާން މިސްކިތް އެޅޭ އިރު މޫސުމީ ބަދަލު ތަކާ އެކު އާޓިފިޝަލް ބީޗު ސަރަހައްދަކީ ދޭތެރެ ދޭތެރެއިން އުދަ އެރުމުން ކުރިމަތިވާ ގެންލުންތައް ކުޑަ ކުރުމަށް ކަމަށެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުން ކާނިވާ ސަރަހައްދަށް ބޭރު ތޮށި މިހާރަށް ވުރެ އުސްކޮށް ތަރައްގީ ކުރެވޭ އިރު އެ ސަރަހައްދުގައި ސްޓޯމް ވޯޓަރ ޕަމްޕް ސިސްޓަމެއް ގާއިމް ކުރެވޭނެ ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވި އެވެ.
" މި މަޝްރޫއު ކުރިއަށްދަނީ ސަރުކާރުގެ ބަޖެޓުން ހަރަދު ކޮށްގެން. ގާތްގަނޑަކަށް 430 މީޓަރު ސަރަހައްދުގައި ބޭރު ތޮށި ލެވޭނެ. ގާތްގަނޑަކަށް 46.4 މިލިއަން ރުފިޔާ ހަރަދު ކުރެވޭނެ. މި މަސައްކަތުގެ އިތުރަށް މާލޭ ލިންކު ރޯޑުގެ މަސައްކަތްތައް ކުރިއަށްދާތީ އޭގެ ތެރެއިން ކުރަންޖެހޭ ޝީޓް ޕައިލިންގ މަސައްކަތްތައްވެސް އެމްޓީސީސީގެ ފަރާތުން ވަރަށް އަވަހަށް ފެށޭނެ." މުއިއްޒު ވިދާޅުވި އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ، މި މަސައްކަތް 10 މަސްދުވަހުގައި ނިންމާލެވޭނެ ކަމަށާއި މަސައްކަތަށް ބޭނުންވާ ހިލަ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
" އަޅުގަނޑުމެން މި މަސައްކަތަށް ދިމާވާނެ ގޮންޖެހުމަކަށްވާނީ ވިއްސާރަ މޫސުން. އެކަމަކުވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކޮންޓްރެކްޓްގައި ކަނޑައަޅާފައިވާ މުއްދަތުގެ މާކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށް." ޒިޔަތު ވިދާޅުވި އެވެ.