ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހަށް ތާވަލްކުރި އަޑުއެހުންވެސް ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ ހެކިން ހާޒިރު ނުކުރެވިގެން އާދިއްތަ ދުވަހުގެ 15:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާ ނޫސްވެރިޔާ ރިލްވާން ވަގަށް ނެގި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ.
އެންމެފަހުން މިދިއަ ބުރާސްފަތި ދުވަހު ބޭއްވުމަށް ތާވަލް ކުރި ޝަރީއަތުގެ އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ.
ގަދަކަމުން ރިލްވާން ފޮރުވާފައިވާ ކަމަށް ބުނެ ދައުލަތުން ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރީއަތް ހިނގަނީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. މި މައްސަލައިގައި ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުމައިދުގެ މައްޗަށްވެސް އެ ދައުވާ ކޮށްފައިވެއެވެ. އެހެން ނަމަވެސް ސުމައިދު ރާއްޖޭގައި ނެތް ކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ދައުލަތުން މީގެ ކުރިން ކޯޓްގައި ވަނީ ބުނެފައެވެ. އެހެން ކަމުން މި މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ އޭނާ ނުހިމަނައެވެ.
ރިލްވާން ވަގަށް ނަގާފައިވާ މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ، 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ އަހުމަދު ރިލްވާން ދިރިއުޅޭ ފްލެޓް ކުރިމަތިން، ގަދަކަމުން އޭނާ ކާރަކަށް އަރުވައިގެން އޭނާ ފޮރުވާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލާގައި ދައުވާ ލިބޭ މީހުން ތިބީ ދޫކޮށްލާފައެވެ.
މި މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމެވެ. މިހާތަނަށް ދައުލަތުން ހުށަހަޅާފައިވާ ގިނަ ބައެއްގެ ހެކިބަސް މިހާރު ވަނީ ނަގާފައެވެ.
ރިލްވާން ވަގަށް ނެގި ކަމުގެ ދައުވާ ލިބޭ މުހައްމަދު ނޫރައްދީން ހުޅުމާލޭގައި ރަތް ކުލައިގެ ކާރެއް ދުއްވި ކަމަށް ބުނެ އޭނާއާއެކު ވިޔަފާރީގައި މަސައްކަތް ކުރި އޭނާގެ ދެ ރައްޓެއްސަކު މީގެކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ވަނީ ހެކި ބަސް ދީފައެވެ.