މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވާދަ ކުރައްވާނަމަ އެމަނިކުފާނާމެދު ކުރެވޭ ކޮރަޕްޝަން ތުހުމަތުތަކުން ބަރީއަވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ކުރިއަށް އޮތީ ރިޔާސީ އިންތިޚާބު ކަމަށާއި ރައީސް ޔާމީން އެ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ފޫގަޅުއްވައިގެން ހުންނެވިއިރު ބޯމަތީގައި ވަނީ ބިލިއަނުން ބިލިއަނުން ކޮރަޕްޝަންގެ ތުހުމަތުތައް ކަމަށެވެ. އަދި އެމަނިކުފާނުގެ އެކައުންޓުގައި މިލިއަނުން މިލިއަނުން ރުފިޔާއާއި ޑޮލަރު ހުރިކަމަށްވެސް ރޮޒައިނާ ތުޙުމަތު ކުރެއްވިއެވެ.
ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ސަރުކާރަށާއި ރައީސް ޔާމީނަށް ފާޑު ވިދާޅުވާ ރޮޒައިނާ ވިދާޅުވީ އެކަންކަން އެހެއް ހުއްޓައި ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ވުމުން އަދި އިންތިޚާބު މިނިވަން ނުވާނެ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މިނިވަންވާނީ އެކޮރަޕްޝަންތަކުގެ ތުހުމަތު ތަކުން އެމަނިކުފާނު ބަރީއަ ވެވިގެން ކަމަށެވެ.
"މިނިވަން އިންތިޚާބެއް މިހާރު މިޤައުމުގައި ބާއްވާކަމުގައި ވަންޏާ ރައީސް ޔާމީން ކެނޑިޑޭޓަކަށް ނުކުންނަވާއިރު އެމަނިކުފާނަށް ކުރެވިފައި މިހިރަ ހުރިހާ ކޮރަޕްޝަންތަކުން އެމަނިކުފާނު ބަރީއަވާން އެބަޖެހޭ" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވަނީ އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ކަންކަމަށް ނުފޫޒް ފޯރުވަން މަސައްކަތް ކުރަން އުޅޭކަމަށް ތުހުމަތުކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތްކަމަށް އަމިއްލައަށް ހެދިގެން ޕާޓީތަކުގެ އެތެރޭގެ ކަންކަމަށް އިލެކްޝަނުން އަތްބާނަން މަސައްކަތް ކުރާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
" އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް އޮޅިގެން ކުރައްވާކަމެއް މިއީ ސިޔާސީ ޕާޓީތަކަކީ އެމީހުންގެ ދަށުގައި އޮންނަ ތަނެކޭ. ސިޔާސީ ޕާޓީތަކާ އިލެކްޝަންސް ކޮމިޝަނާ ގުޅުން އޮންނަވަރު ޤާނޫނުގައި އެބައޮތް. އެއަށްވުރެ މައްޗަށް އަރައިގެން ޔަތީމް ކުއްޖަކު އެޑޮޕްޓް ކުރާހެން މިމީހުންގެ ބެލެނިވެރިކަމުގެ ދަށަށް ގެނެސް އަދަބު ދީ ހިތުހުރިހާ ކަމެއް ކުރާކަށް ނުޖެހޭ." ރޮޒައިނާ ވިދާޅުވިއެވެ.