ކުދި ޖަޒީރާ ޤައުމުތަކުގެ ޖަމްއިއްޔާ ނުވަތަ އަލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އަޔޯސިސް)ގެ ރިޔާސަތު ބަލަަހައްޓާ ޤައުމުގެ ގޮތުގައި އޮވެ ރާއްޖެއިން ތިމާވެށި ރައްކާތެރިކުރަނީ ވެރިރަށުގައި ބާކީ ހުރި ހުރިހާ ގަހެއް ކަނޑައި ހުސްކޮށްގެންކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ފާޑު ވިދާޅުވެއްޖެއެވެ.
ބާކީ ހުރިއްޔާ ހުރި ގަހެއް ސަރުކާރުން ކަނޑަމުންދާއިރު މާލެއަކީ އެންމެ 2.5 އަކަ ކިލޯމީޓަރުގެ ކުޑަ، އަދި 165،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކުޑަ ރަށެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ. ސަރުކާރުން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ގަސްތައް ކަނޑަމުންދާ ފޮޓޯތަކަކާއިއެކު ހޮނިހިރު ދުވަހުގެރޭ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެއިން މިދައްކަނީ ތިމާވެށީގެ ލީޑަރޝިޕްތޯ ނުވަތަ މިއީ ތިމާވެށީގެ ކާރިސާއެއްތޯ ސުވާލު ކުރައްވާފައެވެ.
“Championing” environmental protection as Chair of Alliance of Small Island States President Yaameen uproots any remaining trees in the Capital island (just over 2.5 sqkm,housing over 165,000) turning it into a concrete jungle. Environmental Leadership? Or Environmental Disaster? pic.twitter.com/17HaNXGGKl
— Abdulla Shahid (@abdulla_shahid) April 14, 2018
މާލެ - ހުޅުލެ ބްރިޖާއި ގުޅިފައިވާ މަގުތަކާއި، މާލެ ވަށައިގެންވާ މަގުތައް ތަރައްޤީކުރުމުގެ ނަމުގައި ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން މާލޭގެ އިރުމަތީ ފަރާތާއި އިރު ދެކުނު ފަރާތުގައި ބޮޑުތަކުރުފާނު މަގުގައި އިންދާފައިވާ ބޮޑެތި ގަސްތައް ކަނޑާފައިވާއިރު، ލޮނުޒިޔާރަތްކޮޅު އަޑި ޕާކުގައި ހުރި ގިނަ ދުވަސްވީ ބިޔަ ގަސްތައްވެސް ވަނީ ކަނޑާލާފައެވެ.
ކުދި ޖަޒީރާ ޤައުމުތަކުގެ ޖަމްއިއްޔާގެ ލީޑަރޝިޕްގައި ރާއްޖެ އޮވެ، ތިމާވެށި ހިމާޔަތްކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ ބައިނަލްއަޤްވާމީ މުޖްތަމައުން ދަނީ ރާއްޖެއަށް ފާޑުކިޔަމުންނެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީގެ ނަމުގައި ހިންގަމުންދާ ގިނަ ޕްރޮޖެކްޓްތަކުގައި ތިމާވެއްޓަށް ކުރާ އަސަރު ބެލުމެއް ނެތި މަސައްކަތްކުރަމުންދާތީ ދިވެހިންގެ ގިނަ ބަޔަކުވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.